ދުނިޔެ

އަފްޣާނިސްތާނުގެ ސުލްޙައިގެ ވާހަކަތައް ކާބުލްގައި ފަށައިފި


އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމުކުރުމުގެ މަޤްސަދުގައި ހަތަރު ގައުމެއްގެ މެދުގައި ބާއްވާ ވާހަކަތައް އެގައުމުގެ ވެރިރަށް ކާބުލްގައި ފަށައިގެން ކުރިއަށް އެބަދެއެވެ.އަފްޣާނިސްތާނުގެ އިތުރުން މިވާހަކަތަކުގައި ބައިވެރިވަނީ ޕާކިސްތާނު، ޗައިނާ އަދި އެމެރިކާއެވެ. މި ވާހަކަތަކުގެ މައިގަނޑު މަޤްސަދަކީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނު ޖަމާޢަތާ އެގައުމުގެ ސަރުކާރާ ދެމެދު ސީދާ ވާހަކަތައް ބޭއްވުމާ ބެހޭ މަގު ޗާޓެއް އެކުލަވާލުން ކަމަށް ޚަބަރު ލިބެއެވެ.މީގެ އިތުރުން އެގައުމުގައި ހިނގަމުންދާ ދުވަސްވީ ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ހޯދުމާ ބެހޭ ގޮތުން ވެސް މަޝްވަރާގެ ބައިވެރިން ވަނީ ވާހަކަތައް ބާއްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު ސަލާހުއްދީން ރައްބާނީ ވަނީ ސަރުކާރާއެކު މަޝްވަރާތަކުގައި ބައިވެރިވުމަށް ތާލިބާނު ޖަމާޢަތަށް ގޮވާލައްވާފައެވެ.ރައްބާނީ ވިދާޅުވީ ވާހަކަތަކަށް ވަކި ޝަރުތުތަކެއް ކަނޑަނާޅާ ކަމަށާ އެހެން ނަމަވެސް މިކަމުގައި ރަތް ރޮނގެއް ކަނޑައަޅާ ހުރިހާ ފަރާތަކުން ވެސް މި ރޮނގު ހުރަސް ނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.