ދުނިޔެ

ޔަހޫދީން ވަޒަންވެރިންގެ އުފެއްދުންތައް ލޭބަލް ކުރަންޖެހޭ- އީ.ޔޫ


އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްޠީނުގެ ބިމުގައި އުޅޭ ޔަހޫދީ ވަޒަންވެރިން އުފައްދާ އެކި އެކި ތަކެތި ވިލާތުގެ ޤައުމުތަކުގައި ވިއްކާއިރު، މިކަން ދޭހަވާ ފަދަ ލޭބަލެއް ހަރުކުރުމަށް ވިލާތުގެ އިއްތިހާދުން އަނެއްކާވެސް ބާރު އަޅައިފިއެވެ.ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ވަޒީރުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ މިފަދަ އުފެއްދުންތަކުގައި ލޭބަލް ހަރުކުރުމަށް ބާރުއަޅަނީ މިއީ ވިލާތުގެ ޤާނޫނުތައް ލާޒިމްކުރާ ކަމެއް ކަމަށްވާތީ ކަމަށާއި، އިސްރާއީލުގެ އުފެއްދުންތައް ބޯއިކޮޓް ކުރުމަށް ވިލާތުގެ ގައުމުތަކުން ގޮވާ ނުލާ ކަމަށެވެ. އިސްރާއީލުގެ ވަޒަންވެރިން އުފައްދާ ތަކެތީގައި ލޭބަލް ހަރުކުރަން ވިލާތުން ނިންމުމާއެކު، މެދު އިރުމަތީގެ ސުލްޙައިގެ ވާހަކަތަކުގައި ވިލާތާއެކު އެއްވެސް މަޝްވަރާއެއް ނުކުރުމަށް އިސްރާއީލުން ވަނީ ނިންމާފައެވެ.ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ހިންގާ މަޝްރޫޢުތަކަކީ މުސްލިމް ދުނިޔެއާއި ބައިނަލްއަޤްވާމީ ގިނަ ފަރާތްތަކެކޭ އެއްފަދައިން ވިލާތުގެ އިއްތިހާދުންވެސް ދެކޮޅު ހަދާ މަޝްރޫޢުތަކެކެވެ.