ޚަބަރު

ކަރަންޓަށް ބޭނުންވާ ހަކަތައިގެ %20 ފިލިޕީންސަށް އުފެއްދެން އެބައޮތް


ފިލިޕީންސްގައި 2040ވަނަ އަހަރުގެ ނިޔަލަށް، އެ ޤައުމުން ކަރަންޓު ބޭނުންކުރާނެކަމަށް ބެލެވޭ މިންވަރުގެ 5 ބައިކުޅަ 1 ބައި، އިޔާދަކުރަނިވިގޮތަކަށް އުފެއްދުމުގެ ޤާބިލުކަން އެބަހުރިކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

ފިލިޕީންސް ހިމެނެނީ މޫސުމީ ކާރިޘާތަކުގެ އަސަރު ކުރާ ނާޒުކު ޤައުމުތަކުގެ ތެރޭގައެވެ. ޕެރިސް އެގްރީމެންޓްގައި އެ ޤައުމުން ވަނީ 2030ވަނަ އަހަރުގެ ނިޔަލަށް ޖައްވައް ބޭރުކުރާ ވިހަ ގޭސްތަކާއި ޖައްވު ހޫނުކުރާ ގޭހުގެ %75 ބޭރުކުރުން ހުއްޓާލަން އެއްބަސްވެފައެވެ. މިކަމަށްޓަކައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމާމެދު ވޯލްޑް ބޭންކާއި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނަރޖީ ގުޅިގެން ކުރި ދިރާސާއިން ދައްކާގޮތުން، ވައި ބޭނުންކޮށްގެން ފިލިޕީންސްގެ ކަނޑުގެ ސަރަޙައްދުން 21 ގިގަވޮޓުގެ ހަކަތަ އުފެއްދެން އެބައޮތެވެ. އަދި މަޝްރޫޢު ފެށިއްޖެނަމަ އެތައްހާސް ވަޒީފާގެ ފުރުޞަތުވެސް އެ ޤައުމުގައި އުފެދިގެން ދާނެކަމަށް ވޯލްޑް ބޭންކުން ހާމަކުރެއެވެ.

"ފިލިޕީންސް އޯފްޝޯ ވިންޑް ރޯޑްމެޕް" ކިޔާ މި ދިރާސާއިން ދައްކާގޮތުން ރަނގަޅު ޕޮލިސީތަކާއި، އިންވެސްޓްމަންޓާއި، ޢިމާރާތްކުރުމުގެ މަސައްކަތާއެކު ދެ ގޮތަކަށް ފިލިޕީންސަށް ވައިން ހަކަތަ އުފެއްދެން އެބައޮތެވެ. އެއްގޮތަކީ ޑިޕާޓްމަންޓް އޮފް އެނަރޖީގެ ޤައުމީ އިޔާދަކުރަނިވި ހަކަތައިގެ ޕްރޮގްރާމަށް ފެތޭ ލެވެލްތަކުގައި ޓާބައިން ހަރުކޮށްގެން ހަކަތަ އުފެއްދުމެވެ. އަނެއް ގޮތަކީ އެއަށްވުރެ މަތި ލެވެލްތަކުގައި ޓާބައިން ހަރުކޮށްގެން، އިންވެސްޓަރުންގެ ޝަޢުޤުވެރިކަން ލިބޭފަދަ ވާދަވެރި މާޙައުލެއްގައި ޚަރަދު ކުޑަކޮށް ހަކަތަ އުފެއްދުމެވެ.

މި ދެގޮތުގެ ތެރެއިން ދަށް ލެވެލްގައި 2040ވަނަ އަހަރުގެ ނިޔަލަށް 3 ގިގަވޮޓް އިންސްޓޯލްކޮށްގެން ފިލިޕީންސްއިން ބޭނުންކުރާ ކަރަންޓުގެ %3 ސަޕްލައިކޮށްދެވޭނެއެވެ. އަދި މަތީ ލެވެލްގައި 21 ގިގަވޮޓުގެ ހަކަތަ އުފައްދާ ސިސްޓަމް އިންސްޓޯލްކޮށްގެން ކަރަންޓު ބޭނުންކުރާ މިންވަރުގެ %21 ފޯރުކޮށްދެވޭނެއެވެ. މި ޗާޓުގައި ވައިން ހަކަތަ އުފެއްދުމަށްޓަކައި 2050ވަނަ އަހަރުގެ ނިޔަލަށް އެ ޤައުމުން ޢަމަލުކުރަންޖެހޭ ގޮތުގެ ދިގު ރާސްތާ ޕްލޭނެއް ބަޔާންކޮށްފައިވެއެވެ.

ފިލިޕީންސްގެ ރަސްމީ އިދާރާތަކުން ހާމަކޮށްފައިވާގޮތުން 2020ވަނަ އަހަރު ކަރަންޓު އުފެއްދުމަށް ބޭނުންކޮށްފައިވާ ހަކަތައިގެ %79އަކީ ފޮސިލް ފިއުލް އަންދައިގެން އުފައްދާފައިވާ ހަކަތައެވެ. އިޔާދަކުރަނިވި ހަކަތައިގެ %21ގެ ތެރެއިން އިރުގެ އަވިންނާއި، ބަޔޯމާސް އިންނާއި، ވައިން އުފެއްދި ހަކަތަ %4އަށްވުރެ މަދެވެ.

ފިލިޕީންސްގެ ޢަމާޒަކީ 2030ވަނަ އަހަރުގެ ނިޔަލަށް އިޢާދަކުރަނިވި ހަކަތައިގެ ނިޞްބަތް %35އަށް އިތުރުކޮށް، 2040ގެ ނިޔަލަށް މި ޢަދަދު %50އަށް އިތުރުކުރުމެވެ. ވޯލްޑް ބޭންކުން ބުނާގޮތުން ފިލިޕީންސްގެ ކަނޑުގެ ސަރަޙައްދަކީ އޯފްޝޯ ވިންޑް ސިސްޓަމް ހަރުކުރުމަށް ވަރަށް އެކަށީގެންވާ ރަނގަޅު މާޙައުލެކެވެ. ނަމަވެސް ވިންޑް އެނަރޖީ އަކީ އެހެން ގޮތްގޮތުން އުފައްދާ އިޔާދަކުރަނިވި ހަކަތައަށްވުރެ އަގުބޮޑު މަރުޙަލާއަކަށް ވެފައި، މިފަދަ މަޝްރޫޢެއް ހިންގުމަށް ބަލާއިރު ބޮޑު ޚަރަދެއް ހިނގާނެކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. އަދި ލޮޖިސްޓިކްސް އާއި، ފައިނޭންސާއި، މިލްކުވެރިކަން ފަދަ މައްސަލަތައް ކުރިމަތިވާނެކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.

ބައިނަލްއަޤްވާމީ އޯފްޝޯ ވިންޑް އިންޑަސްޓްރީގެ 150 އަށްވުރެ ގިނަ ސްޓޭކްހޯލްޑަރުންނާ ގުޅިގެން ތައްޔާރުކޮށްފައިވާ މި ދިރާސާ ރިޕޯޓަކީ ވޯލްޑް ބޭންކް ގްރޫޕާއި، އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ އެނަރޖީ ސެކްޓަރ މެނޭޖްމަންޓް އެސިސްޓެންސް ޕްރޮގްރާމް ގުޅިގެން ތައްޔާރުކޮށްފައިވާ މަގުޗާޓެކެވެ. 2019ވަނަ އަހަރު ފެށި މި ޕްރޮގްރާމުގެ ދަށުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ހުރި ވައިން ހަކަތަ އުފެއްދޭނެ ޤާބިލިއްޔަތު ދެނެގަނެ، އެކަމަށް މަސައްކަތްކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއެވެ. އެގޮތުން ފިލިޕީންސްގެ އިތުރުން އިތުރު 10 ޤައުމަކާއެކު މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.