ޚަބަރު

އެޗްޕީއޭގެ ކޯލް ސެންޓަރ 1676ގެ ޚިދުމަތް ދެން ލިބޭނީ ރަސްމީ ގަޑިތަކުގައި


ކޯވިޑް-19އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޤާއިމުކުރި ކޯލް ސެންޓަރ 1676ގެ ޚިދުމަތްދެން ލިބޭނީ ރަސްމީގަޑިތަކުގައި އެކަނިކަމަށް އެ އެޖެންސީން ވިދާޅުވެއްޖެއެވެ. އެޗް.ޕީ.އޭއިން ވިދާޅުވީ، އެ އެޖެންސީން 24 ގަޑިއިރު ފޯރުކޮށްދެމުންދިޔަ 1676 ކޯލް ސެންޓަރުގެ ޚިދުމަތް މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން ލިބޭނީ ރަސްމީ ގަޑިތަކުގައި ކަމަށެވެ.

މި ބަދަލާގުޅިގެން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން ކޯލް ސެންޓަރަށް ގުޅައިގެން ހަމަޖައްސައިދެމުން ގެންދިޔަ ޑޮކްޓަރުންގެ އޮންލައިން ކޮންސަލްޓޭޝަން ދިނުން ހުއްޓާލެވޭނެކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

އެޗް.ޕީ.އޭއިން ވަނީ މާލޭ ސަރަޙައްދުގައި ކޯވިޑަށް ޕޮޒިޓިވްވެފައިވާ ނުވަތަ ޑައިރެކްޓް ކޮންޓެކްޓުވެގެން ކަރަންޓީނުގައި ތިބޭ މީހުން ޞިއްޙީ ފަރުވާ ހޯދަންޖެހޭ ޙާލަތްތަކުގައި އެންމެ ކައިރި ހޮސްޕިޓަލަކާ ގުޅައިގެން އޮންލައިން ކޮންސަލްޓޭޝަން ނުވަތަ އެ ހޮސްޕިޓަލަކުން ކަނޑައަޅާފައިވާގޮތުގެ މަތިން ޞިއްޙީ ފަރުވާ ހޯދުމަށް ދަންނަވާފައެވެ. އަދި މިފަދަ ފަރާތްތަކުގެ ތެރެއިން ކުއްލިއަކަށް ޙާލުބޮޑުވެ، އިމަރޖެންސީގައި ފަރުވާދޭންޖެހޭ ފަރާތްތައް އެމެޖެންސީ މެޑިކަލް ސަރވިސްގެ ނަންބަރު 100 އަށް ގުޅައިގެން ކުރިއަށްދިއުމަށްވެސް އެޗް.ޕީ.އޭއިން ވަނީ އަންގަވާފައެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމުގައި ލިބުނު ބޮޑެތި ކުރިއެރުންތަކާއެކު، ރާއްޖޭގައި އިޢުލާންކޮށްފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށްގެނެސް، ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ގިނަ ފިޔަވަޅުތަކެއް އެޗް.ޕީ.އޭއިން ވަނީ އުވާލާފައެވެ. އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ ޢަދަދު އެއްލައްކަ ހަތްދިހަ އަށް ހާހަށްވުރެ މައްޗަށް ވަނީ އަރާފައެވެ. އަދި 298 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.