ޚަބަރު

އައްޑޫ ސިޓީ ކައުންސިލުން ގިނަ ޢަދަދެއްގެ ރުއްގަސް ކަނޑާފައިވާ މައްސަލައެއް އީޕީއޭގެ ސަމާލުކަމަށް


އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ އީޕީއޭގެ ހުއްދަނެތި އައްޑޫ ސިޓީގެ ހިތަދޫ ކުނިކޮށީގެ ދެކުނުން އޮތް ސަރަޙައްދުގައި ތިމާވެއްޓަށް ގެއްލުންވާނެހެން ހިންގަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހުށައެޅުމަށް އީޕީއޭއިން އައްޑޫ ސިޓީ ކައުންސިލަށް އަންގައިފިއެވެ. އީޕީއޭއިން މިހެން އަންގާފައިވާއިރު އައްޑޫ ސިޓީ ކައުންސިލުން އެސަރަޙައްދުގައި އަންނަނީ ބީޗެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ އީޕީއޭއިން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރަށް އެޑްރެސްކުރައްވާ ފޮނުވާފައިވާ ސިޓީގައިވަނީ އައްޑޫ ސިޓީގެ ކުނިކޮށީގެ ދެކުނުން އޮތް ސަރަޙައްދުގެ އެއްގަމާއި މޫދު ކޮނެ ހޭޅިފަށުން ގިނަ ޢަދަދެއްގެ ގަސްތައް ނަގައި، އެހިސާބުގެ އާނުގަނޑުވެސް ނަގައި ހަލާކުކޮށްލާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އެހެންކަމުން އީޕީއޭގެ ހުއްދަ ނުހޯދާ ކުރަމުންދާ މިމަސައްކަތުގެ މަޢުލޫމާތު ފެށޭ ހަފްތާގެ އަންގާރަ ދުވަހުގެ ކުރިން އެއޭޖެންސީއަށް ހުށައެޅުމަށް އައްޑޫ ސިޓީ ކައުންސިލަށްވަނީ މިސިޓީގައި އަންގާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ ކުނިކޮށީގެ ދެކުނުން އޮތް ސަރަޙައްދުގައި ބީޗެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް މިމަސައްކަތުގެ ތެރެއިން ތިމާވެއްޓަށް ގެއްލުންވާނެހެން އެއްވެސް މަސައްކަތެއް ނުކުރާކަމަށް މޭޔަރ ވިދާޅުވިއެވެ. މޭޔަރ ނިޒާރު ވިދާޅުވީ ކައުންސިލުގެ ފަރާތުން މިމަސައްކަތް މިހާރު ކުރަމުން އަންނަނީ އެންޖީއޯއަކާ ހަވާލުކޮށްގެން ކަމަށެވެ. އަދި އެފަރާތުން އެސަރަޙައްދުން އެއްވެސް ގަހެއް ރުކެއް ކަނޑާލާފައިވާކަމުގެ މަޢުލޫމާތު ލިބިފައިނުވާކަމަށް މޭޔަރ ވިދާޅުވިއެވެ. އަދި ބީޗެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރާއިރު އެތަނުގެ ބިން ކޮންމެވެސް ވަރަކަށް ލެވެލް ކުރުމުގެ މަސައްކަތް ކުރާނެކަމަށް މޭޔަރ ވިދާޅުވިއެވެ.


ކައުންސިލުން މިހެން ވިދާޅުވެފައިވާއިރު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އީޕީއޭގެ އޮފިޝަލް ވިދާޅުވީ ކުނިކޮށި ސަރަޙައްދުން ގިނަ ޢަދަދެއްގެ ރުއް ގަސްތައް ކަނޑާލާފައިވާކަމަށެވެ. އަދި އެތަނުގައި މީގެކުރިން ނޯންނަ ކޯރެއްވެސް ކަނޑާލާފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ތިމާވެއްޓަށް ބަދަލު އަންނަ ފަދަ ގޮތަކަށް ކުރާ ޢުމްރާނީ ތަރައްޤީގެ އެއްވެސް މަސައްކަތެއް ކުރިއަށްގެންދިޔުމުގެ ކުރިން އެކަމުގެ ސަބަބުން ނުކުމެދާނެ ތިމާވެށީގެ މައްސަލަތައް ދެނެގަތުމަށް ހަދާ އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓު އީއައިއޭ ހެދުމަށްފަހު އީޕީއޭގެ ހުއްދަ ހޯދަންޖެހެއެވެ. އެހެންނަމަވެސް އައްޑޫ ސިޓީ ކައުންސިލުން މިމަޝްރޫޢު ކުރިއަށްގެންދިޔުމުގެ ކުރިން އީޕީއޭގެ ހުއްދަ ހޯދާފައިނުވެއެވެ. އައްޑޫ ސިޓީގައި ތިމާވެއްޓަށް ގެއްލުންވާކަމަށް ބުނެ އެސިޓީގެ ބިންހިއްކުމުގެ މަސައްކަތާ ދެކޮޅަށްވެސް ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ޢާއްމުންވަނީ އަޑުއުފުލާފައެވެ. މިމައްސަލަ ބެލުމަށްފަހު އެމަޝްރޫޢު ކުރިއަށްގެންދާނީ ތިމާވެއްޓަށް އެންމެ އަސަރު ކުޑަކޮށް ކުރާނެގޮތެއް ބަލައިގެންކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.