ރިޕޯޓް

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް އިސްލާޙުތަކެއް ގެންނަނީ


ގެވެށި އަނިޔާގެ މައްސަލަތަކަކީ ރާއްޖޭގައިވެސް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވަމުންދާ މައްސަލަތަކެކެވެ. ގެވެށި އަނިޔާ ހުއްުޓުވުމުގެ ޤާނޫނެއް 2012 ވަނަ އަހަރު ވޫޖުވުމާއެކު، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކޮށްދީ، އެފަދަ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މުހިއްމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. މި ޤާނޫނު ތަސްދީގުކުރިތާ 10 އަހަރުވެފައިވާއިރު، ޤާނޫނަށް މުހިއްމު އިސްލާޙުތަކެއް ގެނައުމުގެ މަސައްކަތްވެސް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނެއް ތަސްދީގުކޮށް، ޢަމަލުކުރަން ފަށާފައިވަނީ މީގެ 10 އަހަރު ކުރިން 23 އޭޕްރިލް 2012 ވަނަ އަހަރެވެ. މި ޤާނޫނަކީ ވަކި ޖިންސަކަށް އަދި ވަކި ޢުމުރު ފުރާއަކަށް ޚާއްސަކުރެވިފައިވާ ޤާނޫނެއް ނޫނެވެ.

މި ޤާނޫނުގެ ދަށުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ނަމުގައި ޚާއްސަ އޮތޯރިޓީއެއް އުފައްދާ، ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށާއި، ރައްޔިތުން މިކަމަށް ހޭލުންތެރިކުރުވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންނަމަވެސް އަދިވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި މިފަދަ މައްސަލަތައް އިތުރުވަމުންދާކަމީ ހިތާމައާއެކު ފާހަގަކުރަންޖެހޭކަމެކެވެ.

ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޑިރެކްޓަރ ޕްރޮގްރާމްސް، ރިސަރޗް އެންޑް އެޑްވޮކަސީ ނަޝްޢާ ޢާދިލް ވިދާޅުވީ، އެ އޮތޯރިޓީ އުފެދުނީއްސުރެ، އޮތޯރިޓީއަށް ރިޕޯޓުކުރާ މައްސަލަތައް އެވްރެޖްކޮށް އިތުރުވަމުންދާކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް 577 މައްސަލައެއް އެ އޮތޯރިޓީއަށް ރިޕޯޓްކޮށްފައިވާކަމަށާއި، އޭގެ ތެރޭގައި ނިސްބަތުން ގިނައީ އަންހެނުންނާއި އަންހެން ކުދިންކަން އޭނާ ފާހަގަކުރެއްވިއެވެ. ނަޝްޢާ ވިދާޅުވީ، ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގައި ގެވެށި އަނިޔާގެ މައްސަލަތައް ހުށަހެޅޭ ޓްރެންޑަށްވެސް ބަދަލުތަކެއް އައިސްފައިވާކަމަށެވެ.

"އަނިޔާ ކުރާ މީހުން ގެ ޖިންސަށް ބަލާއިރު، ފާއިތުވެދިޔަ 10 އަހަރުގައި ވެސް ނިސްބަތުން ގިނައީ ފިރިހެނުން. ފާއިތުވި 10 އަހަރުގެ ތެރޭގައި ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލަތުގެ ބާވަތަށް ބަލާއިރު، ކުރިން އެންމެ ގިނައިން ހުށަހެޅިފައިވަނީ ޖިސްމާނީ އަނިޔާގެ މައްސަލަތައް ކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މިހާރު އެންމެ ގިނައިން ހުށަހެޅޭ މައްސަލަތަކުގެ ބާވަތްތަކަކީ، ބިރުދެއްކުން އަދި ބަހުގެ ހަމަލާގެ މައްސަލަތައްކަން ފާހަގަކޮށްލެވޭ" ނަޝްޢާ ވިދާޅުވިއެވެ.

ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރ ބިއުރޯ، އަލްއުސްތާޛާ ޚަދީޖާ އަރީޝާ ވިދާޅުވީ، ގެވެށި އަނިޔާ ހުއްޓުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މުއައްސަސާތައް ގުޅިގެން ކުރާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކާ މިހާރު އަމަލުކުރަމުންދާ ޤާނޫނަށް އިސްލާޙުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އެކަމާގުޅޭ ރިވިއު ރިޕޯޓެއް އެކުލަވާ، މި ޤާނޫނު އިތުރަށް ފުރިހަމަ ކުރަން ބޭނުންވާ ކަންކަން އިސްލާޙުކުރުމަށް އޮތޯރިޓީން އޭޖީ އޮފީހަށް ހުށަހަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވާނެ އިޖްތިމާއީ ޚިދުމަތްތެރިން، ޞިއްޙީ ޚިދުމަތްތެރިން، އަދި ފުލުހުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް އިތުރަށް ފުރިހަމަކުރުމަށްޓަކާ ބޭނުންވާނެ މިންގަނޑުތަކާއި އުސޫލުތައް ތަޢާރަފުކުރުމަށްޓަކާ ބޭނުންވާނެ އިސްލާހުތަކެއް ހުށަހަޅާލާފައި. ހަމައެއާއެކު ގެވެށި އަނިޔާ ކުރާ ފަރާތްތަކާމެދު ދައުވާކުރާއިރު ހެކި ލުއިކުރާނެ މިންގަނޑުތަކާއި އަދި މީޑިއާތަކުން މިފަދަ މައުލޫމާތުތައް ފޯރުކޮށްދިނުމުގައި ބަލަހައްޓަންޖެހޭ އުޞޫލުތައް ނުވަތަ މިންގަނޑުތަކާގުޅޭ އިސްލާޙުތައް އަޅުގަނޑުމެން މިހާރު އޭޖީ އޮފީހާއި ހިއްސާކޮށްފައި" އަލްއުސްތާޛާ ޚަދީޖާ ވިދާޅުވިއެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް ގެނެވޭ އިސްލާޙުތަކުގެ ތެރޭގައި މި ދާއިރާގައި މަސައްކަތްކުރާ ޚާއްސަކޮށް ތަޙްޤީޤު މަރުހަލާއާއި، ޕްރޮސެކިއުޝަން މަރުހަލާ އަދި ކޯޓު މަރުހަލާގައި މަސައްކަތްކުރުމުގައި ވިކްޓިމް ސެންޓާރޑް އެޕްރޯޗްތަކެއް ގެނައުމަށް އިސްލާހުތަކެއް ހުށަހަޅާފައިވާނެކަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން ވިދާޅުވެއެވެ. އަދި އެ އޮތޯރިޓީގެ މެންޑޭޓާއި، އެހެން ވުޒާރާތަކުގެ މައްސޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރެއިން ފުށުއަރާ ކަންކަން ފާހަގަކޮށް، އެކަންކަން އިސްލާޙު ކުރުމަށް ހުށަހަޅާފައިވާނެކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ.