ޚަބަރު

ފުވައްމުލަކަށް މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ނައިބް ރައީސް މަޝްވަރާކުރައްވައިފި


ފުވައްމުލަކުގެ ސިޓީގެ ޒުވާނުންނަށް އިތުރުކުރެވިގެންދާ ވަޒީފާތަކާއި އަދި މިހާރު ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކާއި ގުޅޭގޮތުން ފުވައްމުލަކު ސިޓީ ކައުންސިލާއި ރައީސުލްޖުމުހޫއްރީއްޔާގެ ނައިބް ފައިސަލް ނަސީމް މަޝްވަރާކުރައްވައިފިއެވެ.

ފުވައްމުލަކުގެ ސިޓީއަށް ދެދުވަހުގެ މުއްދަތައް ރައީސުލްޖުމުހޫއްރީއްޔާގެ ނައިބް ފައިސަލް ނަސީމް ކުރައްވާ ދަތުރުފުޅުގައި، ފުވައްމުލަކުގެ ސިޓީ ކައުންސިލާ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަަދު ޒާހިރު ޢަލީއާއި ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފްގެ އިތުރުން މޯލްޑިވިއަންގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު މިހާދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ފުވައްމުލައް ސިޓީގެ ޒުވާނުންނަށް އިތުރުކުރެވިގެންދާ ވަޒީފާގެ ފުރުޞަތުތަކަށް ކުދިން ހޮވުމުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުމަށާއި އެފަދަ ފުރުޞަތުތައް ދިނުމުގައި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށާއި އާންމު މިންގަޑަށްވުރެ ދިރިއުޅުމުގެ ޙާލަތު ދަށް އާއިލާތަކަށް ނިސްބަތްވާ ކުދިންނަށް އިސްކަންދެވެން އޮތްނަމަ އެކަން ކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ފުވައްމުލަކުގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާއިރު ރައްޔިތުންނަށް އެންމެ ފައިދާކުރަނިވިގޮތަށް، މިހާރަށް އެންމެ ބޭނުންހިފޭނެ ސަރަޙައްދުތަކަށް އިސްކަންދިނުމާއި ފުވައްމުލައް ސިޓީގައި އިތުރު ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ އިތުރުން ސްކޫލާއި ފުވައްމުލައް ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އެއް ހަމައެއްގައި ހިފެހެއްޓުމަށް މަސައްކަތްކުރުމާމެދު މަޝްވަރާކުރެވުނެވެ. އަދި މަޑުޖެހިފައިހުރި ޕީ.އެސް.އައި.ޕީ މަޝްރޫޢުތައް އަވަސް ފުރުޞަތެއްގައި އަލުން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރެވުނެވެ.

ފުވައްމުލަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ފުވައްމުލަކުގައި ބިނާކުރާ ޤުރުޢާނާ ބެހޭ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވާ ގޮތަށް ވަނީ ހަމެޖެހިފައެވެ.