ޚަބަރު

ޕްރޮޖެކްޓްތައް ހިންގަން މާލީ ތަނަވަސްކަން އެބަހުރި: އެޗްޑީސީ


ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ރާވާ ހިންގާ މަޝްރޫޢުތައް ހިންގުމަށް މާލީގޮތުން އެއްވެސް ދަތުކަމެއް ނެތްކަމަށާ، އެތަނަވަސްކަން އެޗްޑީސީގައި އެބަހުރިކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވެއްޖެއެވެ. އެޗްޑީސީންވަނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގަން ރާވާފައެވެ.

އެޗްޑީސީން ހިންގާ ތަރައްޤީއާ ގުޅުންހުރި މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމްގެ ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ، އެކުންފުނިން ހިންގާ އެއްވެސް މަޝްރޫޢެއްގައި މާލީ ދަތުކަމެއް ނެތްކަމަށެވެ. އެޗްޑީސީގެ މާލީ ހާލަތާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ވާހަކަ ދައްކަނީ އެޗްޑީސީން މިހާތަނަށް ނަގާފައިވާ އެންމެބޮޑު ދަރަންޏަކީ ހިޔާ މަޝްރޫޢަށް ނަގާފައިވާ ލޯނުކަމަށާ، ރަނގަޅަށް މެނޭޖުނުކުރެވިއްޖެނަމަ ކުންފުންޏަށް މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވި ނުކުތާތަކާ ގުޅިގެންކަމަށް ސުހައިލް ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލް ވިދާޅުވީ ފްލެޓްގެ އަގު 8500އަށް ކުޑަކޮށްފައި ވުމުގެސަބަބުން 138 މިލިއަނުގެ ކޭޝް ފްލޯ ޑެފިސިޓެއް މުޅި މަޝްރޫޢުގެ މުއްދަތުގައި ކުރިމަތިވާނެކަމަށެވެ. އަދި ކުލީގެ ޢަދަދު 6،600 ރުފިޔާއަށްކުޑަކޮށްފި ނަމަ، 9.2 ބިލިއަން ރުފިޔާގެ ޑެފިސިޓެއް ކުރިމަތިވާނެކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ސުހައިލް ވިދާޅުވީ ހިޔާ ފުލެޓުތަކުން މިހާރު ކުލި ނަގަން ފަށާފައިވުމުން މާލީ ގޮތުން މިކަމުގައި ދިމާވެފައިވާ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށެވެ.

އެޗްޑީސީން ފެށަން، ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރެއިން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ތިލަފުށި ފަޅު ހިއްކައި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކުރިޔަށްގެންދަން ހަމަޖެހިފައިވާ މަޝްރޫޢުގެ މަސައްކަތް ކުރުމަށް މިހާރުވަނީ ހުޅުވާލާފައެވެ. މިމަސައްކަތަކީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން އެ ރަށުގެ 160 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ކުރިޔަށް ގެންދާ މަޝްރޫއެކެވެ.

މިމަޝްރޫޢު ހިންގުމުގެ އެންމެބޮޑު ބޭނުމަކީ މާލެ ސަރަހައްދުގައި ތޮއްޖެހުމުންދާ އާބާދީއަށް ބޭނުންވާ އިންޑަސްޓްރިއަލް މަސައްކަތްތައް ހަމަޖެއްސުމައި، ސަރުކާރުން ބޭނުންވާ ކަންކަމަށް ބޭނުންވާ ބިން ހަމަޖެސުންކަމަށް ސުހައިލް ހާފަހަ ކުރެއްވިއެވެ. އެގޮތުން އިންޑަސްޓްރިއަލް މަސައްކަތްކުރުމަށް ވަކި ސަރަހައްދެއް ޚާއްސަކޮށްފައިވާއިރު، ލިކުއިފައިޑް ނެޗުރަލް ގޭސް ޕްލާންޓެއް އެޅުމަށްވެސް، އަލަށް ބިން ހިއްކާ ސަރަހައްދުން، ބޮޑު ބިމެއް ވަނީ ޚާއްސަކޮށްފައެވެ. އޭގެ އިތުރުން ލުއި ސިނާއީ މަސައްކަތް ކުރިޔަށް ގެންދިޔުމަށާއި މިކްސް - އޮފީސް އަދި ކުދި ވިޔަފާރި ސަރަހައްދުތައްވެސް ހިމެނެއެވެ.

މިމަޝްރޫޢުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓަކީ ގިނަ ޚިދުމަތްތަކެއް ލިބޭނެ ފަދަ ގޮތަކަށް ތައްޔާރު ކުރެވޭ ޕޯޓެކެވެ. މި ޕޯޓަށް ހިލަ ހިލަވެލި ބޭލޭނެ އިންތިޒާމުތައްވެސް ހަމަޖެހިގެންދާނެކަމަށް ސުހައިލް ވިދާޅުވިއެވެ. މީގެ އިތުރުން ފުނަދޫގައި ތެޔޮ ރައްކާ ކުރާ ޓޭންކުތައް ތިލަފުއްޓަށް ބަދަލު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ސުހައިލް ވިދާޅުވީ މިމަސައްކަތް ކުރުމުގައިވެސް އަދި އެނޫން މަޝްރޫޢުތައް ހިންގުމުގައިވެސް އެޗްޑީސީއަށް މަލީ އެއްވެސް ގޮންޖެހުމެއް ނެތްކަމަށެވެ. އެކުންފުންޏަކީ ވިޔަފާރީގެ އުސޫލުން ކަންކަން ކުރާ ކުންފުންޏަކަށްވާއިރު، ނަގާ ލޯނަކަށް ނުވަތަ ދަރަންޏަކަށް ފައިސާ ދެއްކޭނެ ގޮތެއްނެތި އެއްވެސް މަސައްކަތެއް ރާވާފައިނުވާނެކަމަށް ސުހައިލް ވިދާޅުވިއެވެ.