ޚަބަރު

ލުފްތަންސާގެ ބައެއް ދަތުރުތަކުގައި ކޭޓަރިން ޚިދުމަތް ހުއްޓާލަންޖެހިއްޖެ


ޖަރުމަންވިލާތުގެ އެންމެ ބޮޑު އެއަރލައިން ކަމަށްވާ ލުފްތަންސާގެ ބައެއް ބޯޓުތަކުން ކެޓަރިން ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލަން ނިންމައިފިއެވެ. މިއީ ކޭޓަރިން ޚިދުމަތް ފޯރުކޮށްދޭ ކޮންޓެރެކްޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ދިމާވެފައިވާ ޙާލަތެއް ކަމަށް ލުފްތަންސާއިން ބުނެއެވެ.

ވިލާތުގައި އެންމެ ގިނަ މީހުން އުފުލާ އެއަރލައިން ކަމަށްވާ ލުފްތަންސާއިން ބުނީ ބައެއް ފްލައިޓްތަކުގައި ފްލައިޓް މަތިން ގަންނަން ލިބޭ ކެއުން ނުވަތަ އިން-ފްލައިޓް މީލްސް ވިއްކުން މަޑުޖައްސާލާފައިވާ ކަމަށެވެ. އެގޮތުން ފްރޭންކްފަރޓް އެއަރޕޯޓުން ދެކޮޅަށް ކުރާ ކުރު ދަތުރުތަކުގެ އިކޮނޮމީ ކްލާހުގައި މީލްތައް ވަގުތީގޮތުން ލިބެން ނުހުންނާނެކަމަށް ލުފްތަންސާއިން ބުނެއެވެ. ނަމަވެސް ދިގު ދަތުރުތަކުގެ ބިޒްނަސް ކްލާހުގެ ޚިދުމަތްތަކަށް ބަދަލު ނާންނަކަމަށް ބުނެފައިވެއެވެ.

ލުފަތަންސާއިން ބުނީ މިގޮތަށް ނިންމަންޖެހުނީ އެ އެއަރލައިނުގެ ކޭޓަރިން ކޮންޓްރެކްޓަރ "ގޭޓް ގާމެޓް" ގެ މުވައްޒަފުން މަދުވުމުގެ ސަބަބުން ކަމަށެވެ. ގޭޓް ގާމެޓްގެ މައި ކުންފުނި ކަމަށްވާ ގޭޓް ގްރޫޕުން މިކަމާގުޅިގެން ބުނީ ޖަރުމަންވިލާތުގައި ތިބި އެ ކުންފުނީގެ ޑްރައިވަރުން މަދުވެފައިވާ ކަމަށާއި، ޚިދުމަތް ދިނުމުގައި ދަތިވެފައިވަނީ ފްރޭންކްފަރޓް އެއަރޕޯޓުން ފުރާ މަދު ޢަދަދެއްގެ ބޯޓުތަކަށް ކަމަށެވެ.

މުވައްޒަފުން މަދުވުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ގޭޓް ގާމެޓް ގްރޫޕުން ފަށާފައިވާ މަސައްކަތުގެ ތެރެއިން އޭޕްރީލް މަހު 1 ދުވަހަށްވުރެ ގިނައިން މަސައްކަތަށް ސަލާމް ނުބުނާ މުވައްޒަފުންނަށް، 250 ޔޫރޯގެ ބޯނަސް އެއް ދޭން ވަނީ ނިންމާފައެވެ.

ކޭޓަރިންގެ ޚިދުމަތް މެދުކެނޑިފައިވާ މައްސަލަ ޙައްލުކުރުމަށްޓަކައި ލުފްތަންސާއާއި ކޭޓަރިން ކޮންޓްރެކްޓަރ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް އެއަރލައިނުން ހާމަކުރެއެވެ. ލުފްތަންސާފެ އިތުރުން ފުޅާ ދާއިރާއެއްގައި އެކި އެއަރލައިންތަކަށް ކޭޓަރިންގެ ޚިދުމަތް ފޯރުކޮށްދޭ ގޭޓް ގްރޫޕުން 60 ޤައުމެއްގެ 300އަށް ވުރެ ގިނަ ކަސްޓްމަރުންނަށް ޚިދުމަތް ފޯރުކޮށްދެއެވެ. ނަމަވެސް މިހާތަނަށް އިތުރު މައްސަލައެއް ދިމާވެފައި ނުވާކަމަށް އެ ކުންފުނިން ބުނެއެވެ.