ޚަބަރު

ބޮޑެތި ގެއްލުންތަކަކާއެކުވެސް ހަނގުރާމައިގެ ދެވަނަ ފިޔަވަހި ރަޝިޔާއިން ކާމިޔާބުކުރާނެ


ޔޫކްރެއިނުގައި ކުރަމުންދާ ވަރުގަދަ ހަނގުރާމައިގެ ދެވަނަ ފިޔަވަހީގައި އެ ޤައުމުގެ އިރުމަތީގައި އޮންނަ ދޮންބާސާއި ދެކުނުގެ ސަރަޙައްދުތައް ރަޝިޔާގެ ފައުޖުތަކުގެ ބާރުގެ ދަށަށް ގެނެވޭނެކަމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ވައިގެމަގުންނާއި ކަނޑުމަގުންނާއި އެއްގަމުން ރަޝިޔާގެ ވަރުގަދަ ފައުޖުތައްވަނީ ތިން ދިމާލަކުން ޔޫކްރެއިނަށް ޙަމަލާދޭން ފަށައިފައެވެ. އޭގެ ތެރެއިން ޔޫކްރެއިނުގެ ދެކުނުއިރުމަތީގެ ސަރަޙައްދުތަކުގައި ރަޝިޔާގެ ފައުޖުތަކުން ބޮޑެތި ކުރިއެރުންތަކެއް ހޯދި ނަމަވެސް އަވަށްޓެރި ބެލަރޫސްގެ ތެރެއިން ޔޫކްރެއިނުގެ އުތުރުގެ ސަރަޙައްދުތަކަށް ޙަމަލާދެމުންދިޔަ ބިޔަ ލަޝްކަރަށް ކުރިއެރުންތަކެއް ނުހޯދުނެވެ. އެއާއެކު ޔޫކްރެއިނުގެ ވެރިރަށް ކިޔޭވަށް ދެމުންދިޔަ ޙަމަލާތައް މެދުކަނޑާލައި ރަޝިޔާގެ ފައުޖުތަކުގެ ބާރުގެ ދަށަށް ދޮންބާސާއި ދެކުނުގެ ސަރަޙައްދުތައް ގެނައުމުގެ މަސައްކަތް ފެށިއެވެ. އެ ގޮތުން ދޮންބާސުން ފެށިގެން ދެކުނުގައި އޮންނަ ކުރައިމިޔާއާ ހަމައަށް މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ.

އަސްކަރީ ތަޖުރިބާކާރުން ލަފާކޮށްފައިވާ ގޮތުގައި ރަޝިޔާގެ އަސްކަރިއްޔާއިން މަސައްކަތްކުރަނީ ދޮންބާސާއި ކުރައިމިޔާއާ ދެމެދު އޮތް އެ ޤައުމުގެ ލަޝްކަރުތައް ޔޫކްރެއިނުގެ ހުޅަނގުގެ ސަރަޙައްދުތަކުގައި ޙަރަކާތްތެރިވާ ރަޝިޔާއަށް ވަފާތެރި ހަނގުރާމަވެރި ޖަމާޢަތްތަކާ ގުޅުވާލުމަށެވެ. އެއާއެކު ޔޫކްރެއިނުގެ އިރުމަތިންނާއި ދެކުނުންނާއި ހުޅަނގުން ރަޝިޔާގެ ބޮޑު އެއް ލަޝްކަރާ ކުރިމަތިލާންޖެހި ހަނގުރާމައިގެ ތިންވަނަ ފިޔަވައްސެއް ފެށޭނެއެވެ. ޔޫކްރެއިނުގެ އެ ސަރަހައްދުތަކުގައި ދިރިއުޅެނީ ރަޝިޔާބަހުން ވާހަކަދައްކައި ރަޝިޔާ ދަރިކޮޅަށް ނިޞްބަތްވާ މީހުންނެވެ. ޚާއްޞަކޮށް ދޮންބާސްގައި ކުރަމުންދާ ހަނގުރާމާގައި އެންމެ އިސްކޮށް ޙަރަކާތްތެރިވަނީ އެ ސަރަޙައްދަށް ނިޞްބަތްވާ ރަޝިޔާއަށް ވަފާތެރި ހަނގުރާމަވެރި ޖަމާޢަތްތަކުންނެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ދޮންބާސްގެ ބޮޑު ބައެއް އޮތީ އެ ޤައުމުގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައެވެ. އެ ގޮތުން ދޮންބާސްގެ ލުހާންސްކުގެ %80 ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައިވާކަމަށް އެ ޤައުމުން ބުނެފައިވެއެވެ. ހަނގުރާމައިގެ ކުރިން ލުހާންސްކުގެ %60 އޮތީ ރަޝިޔާއަށް ވަފާތެރި ފައުޖުތަކުގެ ބާރުގެ ދަށުގައެވެ. އޭގެ އިތުރުން މެރިއުޕޯލް ހިމެނޭހެން ދޮންބާސްގެ ދޮންޔެސްކުގެ ބޮޑު ބައެއްވެސް މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެއާއެކު އާޒޯވު ކަނޑުގެ ސަރަހައްދުވެސް ޔޫކްރެއިނަށް ގެއްލިފައެވެ.

ޔޫކްރެއިނުގެ އިރުމައްޗާއި ދެކުނުގެ ސަރަޙައްދުތައް ރަޝިޔާގެ ބާރުގެ ދަށަށް ގެންނާނެކަމަށް ބެލެވުނު ނަމަވެސް ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި އެ ޤައުމުގެ އަސްކަރިއްޔާއަށްވަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިފައެވެ. އެ ގޮތުން ޔޫކްރެއިނުން ބުނެފައިވާ ގޮތުގައި ހަނގުރާމާގައި ރަޝިޔާގެ 21،000އަށްވުރެ ގިނަ ސިފައިންވަނީ މަރުވެފައެވެ. އޭގެ އިތުރުން 800އަށްވުރެ ގިނަ ޓޭންކަރާއި 170އަށްވުރެ ގިނަ ހަނގުރާމަމަތީ މަތިންދާބޯޓާއި 150އަށްވުރެ ގިނަ އަސްކަރީ ހެލިކޮޕުޓަރާއި 2،200އަށްވުރެ ގިނަ އަސްކަރީ އުޅަނދާއި ބަރުހަތިޔާރުވަނީ ރަޝިޔާއަށް ގެއްލިފައެވެ.

ހަނގުރާމާގައި ޔޫކްރެއިނަށް އަސްކަރީ ލިބިފައިވާ ގެއްލުންތައް އެ ޤައުމުން ޢާއްމުނުކުރި ނަމަވެސް އެ ޤައުމަށްވެސްވަނީ އަގުނުކުރެވޭ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ގޮތުން ހަނގުރާމައިގެ ފުރަތަމަ ދެތިން ގަޑިއިރުގެ ތެރޭގައި އެ ޔޫކްރެއިނުގެ ވައިގެ ފައުޖުތައް ރަޝިޔާއިންވަނީ ނައްތާލައިފައެވެ. ނަމަވެސް ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި ހުޅަނގުގެ ބާރުތަކުންވަނީ އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ ހަތިޔާރު ޔޫކްރެއިނަށް ދީފައެވެ. އެއާއެކު ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް ކުރަމުންދިޔަ މަޝްވަރާތައް ހުއްޓި ހަނގުރާމަ ދިގުލައިގެންދާނެކަމަށްވަނީ ބެލެވިފައެވެ.