ވިޔަފާރި

ބޭނުންވަނީ ކަނޑޫދޫ މިރުސް: ހުސްނުވެ ލިބޭނެ


މިރުހަކީ ދިވެހިންގެ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ބާވަތެކެވެ. ވަކިން ޚާއްސަކޮށް ރަމަޟާންމަހު ތައްޔާރުކުރާ ކާނާގެ ގިނަ ބާވަތްތަކަށް މިރުސް ބޭނުންވެއެވެ. މިއާއިއެކު ކޮންމެ އަހަރެއްގެ ރަމަޟާންމަހުވެސް މިރުހުގެ ޑިމާންޑް އިތުރުވެ އަގަށް ބަދަލުއާދެއެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މިރުސް ހައްދާ އެއްރަށަކީ ކަނޑޫދޫއެވެ. "ކަނޑޫދޫ މިރުސް" މިހާރު ވަނީ ބްރޭންޑަކަށްވެސް ވެފައެވެ. ކަނޑޫދޫ މިރުހުގައި ހުންނަ ކުޅިކަމުގެ ސަބަބުން އެ މިރުސް ގަންނަ މީހުންގެ އަދަދު އިތުރެވެ. އަދި ބާޒާރުގައި ބައެއް މީހުން ކަނޑޫދޫ މިރުހުގެ ނަމުގައި އެހެން ހިސާބުތަކުގެ މިރުސްވެސް ވިއްކަމުންދެއެވެ.

މިއަހަރުގެ ރަމަޟާންމަހުވެސް ކަނޑޫދޫއިން ބާޒާރަށް ހުސްނުވެ މިރުސް ފޯރުކޮށްދިނުމަށް އެ ރަށުގެ ދަނޑުވެރިންވަނީ ދުރާލާ މަސައްކަތް ފަށާފައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ކަނޑޫދޫ ކައުންސިލުން ވިދާޅުވީ، ރަމަޟާންމަހު ބާޒާރުން ކަނޑޫދޫ މިރުސް ހުސްނުވެ ލިބޭނެކަމަށެވެ. ކޮންމެ ހަފްތާއަކުވެސް ކަނޑުމަގުންނާއި އަދި ވައިގެ މަގުންވެސް ކަނޑޫދޫއިން މާލެއަށް މިރުސް ގެނެއެވެ. ގެންނަ ފަހަރަކު 70 ބަސްތާގެ މިރުސް އެރަށުން ފޮނުވައެވެ. ބަސްތާއެއްގައި 10 ނުވަތަ 12 ކިލޯ ހުންނާނެކަމަށް ކައުންސިލުން ބުނެއެވެ.

ކަނޑޫދޫގެ ގިނަ ގޭބީސީތަކަކުން މިހާރު އަންނަނީ މިރުސް ހައްދަމުންނެވެ. އެގޮތުން ކޮންމެ ގެއެއްގައި ކަހަލަ ގޮތަކަށް މިރުސް ދަނޑެއް އޮވެއެވެ. މިދިޔަ އަހަރު ކަނޑޫދޫގެ ބިންގަނޑު ހަލާކުވުމުގެ ސަބަބުން ކަނޑޫދޫގެ ދަނޑުވެރިން ލ. އަތޮޅުގައި މިރުސް ހެއްދިނަމަވެސް މިއަހަރު މިރުސް ހައްދާފައިވަނީ އެރަށުގައެވެ.

ރަމަޟާންމަސް ފެށުނުއިރު ކަނޑޫދޫ މިރުހުގެ އަގު ކުޑަކޮށް އުފުލިފައި ވީނަމަވެސް މިރުސް ތިޔާގިވެ މިރުހުގެ އަގު މިހާރު ވަނީ ދަށްވެފައެވެ. އެގޮތުން ބާޒާރުގައި މިހާރު 100 ގްރާމް މިރުސް ލިބެންހުރީ 25 ރުފިޔާއާއި 35 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. ރަމަޟާންމަސް ފެށުނުއިރު 100 ގްރާމް މިރުހުގެ އަގުހުރީ 60 ރުފިޔާއާއި 80 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. މީގެއިތުރުން މިރުސް ކިލޯއެއް މިހާރު އުޅެނީ 280 ރުފިޔާގައެވެ. ރަމަޟާންމަސް ފެށުނުއިރު މިރުސް ކިލޯއެއްގެ އަގު 800 ރުފިޔާއަށްވެސް ހުއްޓެވެ.

ކަނޑޫދޫ ކައުންސިލުން ވިދާޅުވީ، ރަމަޟާންމަސް ފެށުނުއިރު ކަނޑޫދޫއިން ބާޒާރަށް ފޮނުވުނު މިރުހުގެ އަގު ކުޑަކޮށް އުފުލުނީ ހޫނު މޫސުމަށް ވުމުގެ ސަބަބުން ދިމާވި އެކިއެކި ކަންކަމާއި ގުޅިގެން ކަމަށެވެ. ނަމަވެސް ރަމަޟާންމަހުގެ ފުރަތަމަ 10 އެއް ނިމުނުފަހުން ގިނަ އަދަދެއްގެ މިރުސް ބާޒާރަށް ފޮނުވެމުން އަންނަކަމަށް ކައުންސިލުން ވިދާޅުވެއެވެ.