 
										 
										
			އައްޑޫ ސީޓީގައި ޢުމުރުން 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަންހެން މީހާ ހެކި ނެތިގެން ދޫކޮށްލައިފިއެވެ. 
ފުލުހުން ވިދާޅުވީ މިމައްސަލައިގައި އިތުރު މީހެއް ނުވަތަ ބައެއްގެ މައްޗަށްވެސް ތުހުމަތުކުރެވޭ ވަރުގެ އެކަށީގެންވާ ހެއްކެއް ނުވަތަ ގަރީނާއެއް ތަހުގީގަށް ލިބިފައެއް ނުވާކަމަށެވެ. 
ޖިންސީ ގޯނާގެ މައްސަލައިގައި ތުހުމަތުކޮށް ހައްޔަރުކުރީ އުމުރުން 59 އަހަރުގެ ދިވެހި އަންހެނެކެވެ. 
އަންހެން މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މަރޗް މަހުގެ 24ވަނަ ދުވަހުއެވެ. މި މައްސަލަގައި އަންހެން މީހާ ކޯޓަށް ހާޒިރުކުރުމުން ކޯޓުންވަނީ މައްސަލައިގެ ތަހުގީގު ނިމެންދެން އެމީހާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.  
މިމައްސަލަ ހުށަހެޅުމާއެކު، ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރިއަށް ގެންގޮސް، މައްސަލައާ ގުޅިގެން ސުވާލުކުރަންޖެހޭ އެންމެހާ ފަރާތްތަކާ ސުވާލުކޮށް، ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ތަހުގީގުގައި ފުލުހުން ހޯދާފައިވާ ހެއްކާއި ގަރީނާ، އެންމެހާ ލިޔެކިޔުންތަކާއެކު، ޖިނާއީ ދައުވާއެއް ކުރުމާމެދު ގޮތެއް ނިންމުމަށް އެދި އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައެޅީ ބުދަ ދުވަހުއެވެ.
މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާ ވަޒަންކުރުމަށްފަހު، ޖިނާއީ ދައުވާއެއް ކޮށްގެން ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާކަމަށް ބަޔާންކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ ވަނީ އަނބުރާ ފޮނުވާލާފައެވެ. އެހެންކަމުން މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާ މިހާރުވަނީ ދޫކޮށްލާފައެވެ. 
 
ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތަހުގީގަށް ލިބުނު ހުރިހާ މައުލޫމާތެއްގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދުމަށް ފުލުހުން މަސައްކަތްކޮށްފައި ވާނެކަމަށެވެ.