ސިޔާސީ

ވިލިމާލޭ ޑަބްލިއުޑީސީގެ ބައި-އިލެކްޝަން މެއި 14ގައި


ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނަ ތާރީޚު އިލެކްޝަންސް ކޮމިޝަނުން އަވަސްކޮށްފިއެވެ.

މިއިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިއޮތީ އަންނަ މަހުގެ 16 ވާ ހޯމަ ދުވަހުއެވެ. އެހެންނަމަވެސް އެ ތާރީޚު އަވަސްކުރަން ނިންމީ، ބައި-އިލެކްޝަން ބާއްވާ ދުވަހަކީ ރަސްމީ ދުވަހަކަށް ވުމުން ގިނަ އަދަދެއްގެ ރައްޔިތުންނަށް ވޯޓުލާން ދިޔުމަށް ދަތިތަކެއް ދިމާވެދާނެތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި ވޯޓުލާ މަރުކަޒުތައް ގާއިމްކުރުމަށް ބޭނުންވާ ތަން ލިބުމުގައި ދަތިތަކެއް ދިމާވެފައިވާތީ، ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުނެގުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި 2022 މޭ 14 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ބަދަލުކޮށްފައިވާކަމަށެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ކަނޑައެޅި ތާރީޚަކީވެސް މެއި 14 ވަނަ ދުވަހެވެ. އެހެންނަމަވެސް އޭރު ކޮމިޝަނުން އެތާރީޚު ބަދަލުކުރީ ކުރިން އިންތިޚާބު ބާއްވަން ހަމަޖެއްސި ދުވަހު އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބު އޮންނާތީއެވެ.

ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ވަގުތު ހަމަވިއިރު ކުރިމަތިލީ އިދިކޮޅު ޕީޕީއެމްއާއި، އެމްއެންޕީންނެވެ. ޕީޕީއެމްގެ ފަރާތުން މިއިންތިޚާބުގައި ވާދަކުރަނީ ފާތިމަތު ނާޒިމާއެވެ. އެމްއެންޕީން ވާދަކުރަނީ އާމިނަތު ޝީޒާއެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.