ޚަބަރު

8 ރަށެއްގައި ކަރަންޓު މައްސަލަތައް ޙައްލުކުރުމަށް ފެނަކައިން މަސައްކަތްކުރަނީ


ކަރަންޓު ކެނޑުމާއި އޯވަރލޯޑްވުމުގެ މައްސަލައަކީ މިހާރުވެސް ރާއްޖޭގެ ބައެއް ރަށްރަށަށް ދިމާވާ ބޮޑު މައްސަލައެކެވެ. މިމައްސަލަ ޙައްލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރަށްރަށުގައި ހިންގަމުން އަންނަ މިފަދަ ބައެއް ޕްރޮޖެކްޓްތައް މިމަހާއި އަންނަމަހު ނިމޭނެކަމަށް މިމަސައްކަތް ކުރަމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

އަތޮޅުތެރޭގެ ރަށްރަށުގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް މައިގަނޑުގޮތެއްގައި ބަލަހައްޓަނީ ފެނަކަ ކޯޕަރޭޝަނުގެ ފަރާތުންނެވެ. ފެނަކައިގެ ބެލުމުގެ ދަށުން މިވޭތުވެދިޔަ އަހަރުތަކުގައިވެސް ވަނީ ގިނަ ރަށްރަށުގެ ކަރަންޓަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކޮށްފައެވެ. މިވަގުތުވެސް މިފަދަ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ފެނަކައިން އަންނަނީ ކުރަމުންނެވެ. އެގޮތުން ބ.ދޮންފަނަށް ދިމާވެފައިވާ ކަރަންޓު ޙާލަތު ރަނގަޅުކުރުމަށްޓަކައި 250 ކިލޯވޮޓްގެ ޖެނަރޭޓަރެއް ބެހެއްޓުމުގެ މަސައްކަތް ނިންމާ މިމަހުގެ 15 ވަނަ ދުވަހު ވަނީ ބޭނުންކުރަން ފަށާފައެވެ.

ކުޑަ އާބާދީއެއްނަމަވެސް މުރައިދޫއަށްވަނީ ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވެފައެވެ. އެރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް 250 ކިލޯވޮޓްގެ ޖަނެރޭޓަރެއް އެރަށަށް ވަނީ ފޮނުވާފައެވެ. ޖަނެރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހު ނިމިފައިވާކަމަށް ފެނަކައިން ވިދާޅުވެއެވެ.

ރ.މީދޫގެ ކަރަންޓު ނެޓްވޯކް އަޕްގްރޭޑްކުރުމުގެ މަސައްތުގެ ތެރެއިން މިހާރު އަންނަނީ ކޭބަލް ވަޅުލުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިމަސައްކަތް މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށް ފެނަކައިން ވިދާޅުވެއެވެ. މީގެއިތުރުން ބ.ހިތާދޫގައިވެސް ޒަމާނީ ފެންވަރުގެ ނެޓްވޯކެއް ޤާއިމުކޮށް މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ކޭބަލް އެޅުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާއިރު އިންޖީނުގެ ރީލޮކޭޓްކޮށް މިމަހުގެ 26 ދުވަހާއިހަމައަށް ނިމޭނެކަމަށް ފެނަކައިން ލަފާކުރެއެވެ.

ކަރަންޓުގެ މައްސަލަކުރިމަތިވެ ފެނަކައިން މަސައްކަތްކުރަމުން އަންނަ އަނެއް ރަށަކީ ތ.ވޭމަންޑޫއެވެ. އެރަށުގެ ޑިސްޓްރިބިއުޝަން ނެޓްވޯރކް އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ތެރެއިން ޓްރާންސްފޯމަރު ބަހައްޓާ 2 ހަޓް ޢިމާރާތްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިމަސައްކަތްތައް މިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ފެނަކައިން ފަލާކުރެއެވެ.

ފެނަކަ ކޯޕަރޭޝަނުން ހދ.ކުޅުދުއްފުށީގައިވެސް އަންނަނީ ޑިސްޓްރިބިއުޝަން ނެޓްވޯރކް އަޕްގްރޭޑްކުރުމުގެ ގޮތުން ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތްކުރަމުންނެވެ. މިމަސައްކަތުގެ އިތުރަށް ހަޓް ޢިމާރާތްކޮށް މިއަންނަ މޭއިމަހުގެ 4 ދުވަހު ނިންމާލެވޭނެކަމަށް ފެނަކައިން ވިދާޅުވެއެވެ.

ދެކުނުގެ އާދާބާދީ ބޮޑު ފުވައްމުލައް ސިޓީގައިވެސް ކަރަންޓުގެ މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ. މިމައްސަލަ ޙައްލުކުރުމަށް އެސިޓީއަށް ވަނީ 1.2 މެގަވޮޓްގެ ޖަނެރޭޓަރެއް ފޮނުވާފައެވެ. ޖަނެރޭޓަރު އިންސްޓޯލްކޮށް ބަހައްޓާނެ ހަޓް ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު މިމަސައްކަތް މޭއިމަހުގެ 5 ވަނަ ދުވަހާހަމައަށް އެއްކޮށް ނިންމާލެވޭނެކަމަށް ފެނަކައިން ވިދާޅުވެއެވެ. ގއ.ވިލިނގިލީގައިވެސް ޓްރާންސްފޯމަރެއް ބަހައްޓާ ޑިސްޓްރިބިއުޝަން ނެޓްވޯރކް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެރަށުގެ މަސައްކަތް މޭއިމަހުގެ 13 ހިސާބުގައި އެއްކޮށް ނިމޭނެކަމަށް ފެނަކައިން ވިދާޅުވެއެވެ.

ރަށްރަށުގެ ކަރަންޓުގެ މައްސަލަ ޙައްލުކޮށް މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި އިންޖީނުގެތައް މީހުން ދިރިއުޅޭ ސަރަޙައްދާ ދުރަށް ބަދަލުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. ރާއްޖޭގައި ބޭނުންކުރާ ކަރަންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢެއް އެންވަޔަރަމަންޓް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.