ޚަބަރު

ސަލްމާން މިސްކިތާއެކު 28 މިސްކިތެއްގައި ދަމު ނަމާދު ކުރާނެ


ރަމަޟާން މަހު ފަހު ދިހައެއްގައި މާލޭ ސަރައްހަދުގައި ސަލްމާން މިސްކިތާއެކު ޖުމުލަ 28 މިސްކިތެއްގައި ދަމު ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާމަހުވެސް ފަހު ދިހައެއްގައި ގިނަ ބަޔަކު އިސްލާމީ މަރުކަޒަށް ދަމު ނަމާދަށް އަރައެވެ. މިއަހަރު ސަލްމާން މިސްކިތުގައިވެސް ދަމު ނަމާދު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މާލެ ސަރަހައްދުގައި ޖުމުލަ 28 މިސްކިތެއްގައި ނަމާދު ކުރައިރު އޭގެ ތެރޭގައި ހިމެނެނީ މާލޭގެ 17 މިސްކިތަކާއި ވިލިމާލޭގެ 3 މިސްކިތަކާއި ހުޅުމާލޭގެ 8 މިސްކިތެކެވެ.

އެގޮތުން އިސްލާމީ މަރުކަޒާއި ސަލްމާ މިސްކިތުގައި އިމާމްވެ ދަމު ނަމާދު ކުރަނީ ޕާކިސްތަނާއި އިންޑިއާއިން ރާއްޖެއަށް ގެނެސްފައިވާ ހާފިޒުންނެވެ. އެގޮތުން އިސްލާމީ މަރުކަޒުގައި އިމާމްވެ ނަމާދު ކުރާނީ ޕާކިސްތާނަށް ނިސްބަތްވާ އަލް ޙާފިޒް ޢަބްދުއްރަޝީދު އާއި އަލް ޙާފިޒް މުޙައްމަދު އަބޫބަކުރެވެ. މީގެ އިތުރުން މަސްޖިދުލް މަލިކި ސަލްމާން މިސްކިތުގައި ނަމާދު ކުރާނީ އިންޑިއާއަށް ނިސްބަތްވާ އަލް ޙާފިޒް މުޙައްމަދު އާމިރު ރިޔާޒް ޕަތަން އެވެ. އަދި ޕާކިސްތާނަށް ނިސްބަތްވާ އަލްޙާފިޒް ސައިފުއްރަޙްމާން އަޞްރީ ވެސް ސަލްމާން މިސްކިތުގައި އިމާމްވެ ދަމުނަމާދު ކުރާނެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ދަމުނަމާދު ކުރުމުގެ އިތުރުން ރަމަޟާން މަހުގެ ފަހު 10 ގައި އިޢުތިކާފަށް ތިބުމުގެ އިންތިޒާމުވެސް ހަމަޖައްސާފައެވެ. މިގޮތުން މާލެ ސަރަޙައްދުގައި 14 މިސްކިތެއްގައި އިޢުތިކާފަށް ތިބުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އެއީ މާލޭގެ 8 މިސްކިތަކާއި ވިލިމާލޭގެ މިސްކިތަކާއި ހުޅުމާލޭގެ 5 މިސްކިތެކެވެ.

ދަމުނަމާދަކީ، އިޝާނަމާދަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކުނަމަވެސް ނިދާލުމަށްފަހު ތެދުވެ، ފަތިސްވަގުތުގެ ކުރިން ދެރަކުޢަތުން، ދެރަކުޢަތުން ސަލާމްދެމުން ކުރާ ނަމާދެކެވެ. މިއީ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ.

މި ނަމާދަކީ ހަމައެކަނި ރަމަޟާންމަހު ނުވަތަ ރަމަޟާން މަހުގެ ފަހުދިހައިގައި ކުރާ ނަމާދެއް ނޫނެވެ. އެހެންނަމަވެސް ރަމަޟާން މަހަކީ މަތިވެރި މައްސަރަކަށްވެފައި، ރަމަޟާން މަހުގެ އަޅުކަމުގެ ސަވާބާއި ދަރުމަ އިތުރުކަމާއެކު ރަމަޟާންމަހު ދަމުނަމާދުކުރުމަށް މުސްލިމުން ދޭ ސަމާލުކަން އިތުރުކުރެއެވެ. އަދި ރަމަޟާން މަހުގެ ފަހުދިހައަކީ، މިމަހުގެ އެހެން ދުވަސްތަކަށްވުރެ ހެޔޮކަން ބޮޑު، ހަމަ އެހެންމެ އެ ރެއެއްގައި ކުރެވޭ އަޅުކަން އެތައްހާސް ގުނައެއް އިތުރުވެގެންދާ ލައިލަތުލްޤަދުރި ވިލޭރޭ ހިމެނެނީ ރަމަޟާންމަހުގެ ފަހުދިހައިގައި ކަމުގައި ވުމަކީވެސް ރަމަޟާން މަހުގެ ފަހުދިހައިގައި ދަމުނަމާދުކުރުމަށް އިސްކަންދޭ ކަމެކެވެ.

ކޮންމެ ރަމަޟާން މަހެއްގައި މާލޭގެ އިތުރަށް ރާއްޖޭގެ އެކި ރަށްރަށުގައި ބޮޑު ޖަމާއަތް ހަދައިގެން ދަމުނަމާދުކޮށް އުޅެއެވެ. އާންމުގޮތެއްގައި މިސްކިތްތަކުގައި ދަމުނަމާދުކުރަން ފަށަނީ މެންދަމު ދެގަޑި ސުންމިނެޓުން ފެށިގެންނެވެ.