ޚަބަރު

މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ އީ-ލަރނިންގ ގައިޑްލައިނަށް އަމަލުކުރުުމަށް މަޝްވަރާކޮށްފި


ކޮލެޖް، ޔުނިވަރސިޓީތަކުގެ ފެންވަރު ކަށަވަރު ކުރުމަށްޓަކައި އެކުލަވާލާފައިވާ އީ-ލަރނިންގ ގައިޑްލައިންއަށް ގެނެސްފައިވާ އިސްލާހުތައް ރާއްޖެގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި ހިއްސާކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެމިނަރ ރޫމްގައި ކުރިއަށްދިޔަ މި ސެމިނަރގައި މަތީ ތަޢުލީމު ފޯރުކޮށްދޭ 20 މަރުކަޒަކުން ބައިވެރިވިއެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ ޔުނިވަރސިޓީ، ކޮލެޖް އަދި އިންސްޓިޓިއުޓްތަކަށް އެމް.ކިއު.އޭ އިން ވަނީ އެ މަރުކަޒުތަކުން ހިންގަމުން އަންނަ ޕްރޮގްރާމްތައް، ކޯވިޑް-19 އައި ގުޅިގެން އައިސްފައިވާ ސިއްޙީ ނުރައްކަލުގެ ޙާލަތު އުވާލާ އާންމު ހާލަތަށް ބަދަލުވެ ދިއުމާ ހަމައަށް އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީގެ ތެރެއިން ހިންގުމުގެ ހާއްސަ ހުއްދައެއް ދީފައެވެ.

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި އީ-ލަރނިންގ ގައިޑްލައިން ގެ ބޭނުމަކީ ފެންވަރު ކަށަވަރު ކުރުމާއެކު އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީ ގެ ތެރެއިން ޕްރޮގްރާމްތައް ގެންދާނޭ ގޮތްތަކާއި އީ-ލަރނިންގއަށް ކިޔަވައިދިނުމަށް އެދި މަރުކަޒުތަކުން އެދޭ އިރު ކޮންމެހެން ހުންނަން ޖެހޭ ކަންކަން ބަޔާންކޮށްފައިވާ މުހިންމު ގައިޑްލައިނެކެވެ. އެގޮތުން މި ސެމިނަރގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ.އަބްދުލް ޙަންނާނު ވަޙީދު ވަނީ ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކަށް މި ގައިޑްލައިން ހުށަހަޅުއްވައި ދެއްވާ، މި ގައިޑްލައިނާ ގުޅިގެން ބައިވެރިން ކޮށްފައިވާ މުހިންމު ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. އަދި މީގެކުރިންވެސް ވަނީ މި ގައިޑްލައިނަށް މަޝްވަރާ ކުރެވިފައިކަމާއި ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާގެ ތަޖުރިބާކާރުންގެ ލަފައާ އިރުޝާދުވެސް މި ގައިޑްލައިން ހެދުމުގައި ވަރަށް ފުރިހަމައަށް ލިބިފައިވާކަން ޑރ. އަބްދުލް ޙަންނާނު ވަޙީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދު ބޭއްވި ސެމިނަރގައި އެމް.ކިއު.އޭއިން ތައްޔާރުކޮށްފައިވާ އީ-ލަރނިންގ ގައިޑްލައިނަށް މަޝްވަރާ ކުރެވުނު ނަމަވެސް، މި ގައިޑްލައިނަށް އަމަލު ކުރަން ފަށާނީ އެމް.ކިއު.އޭގެ އެޑްވައިޒަރީ ބޯޑުން އީ-ލަރނިންގ ގައިޑްލައިން ފާސްކޮށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމުންކަން އެމް.ކިއު.އޭއިން މަޢުލޫމާތު ދީފައިވެއެވެ.