ޚަބަރު

ސްވަޔަރގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި


އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތް އޮފީހުގެ ސްޓޭޓް މިނިސްޓަރ ހޫގޯ ސްވަޔަރ ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ފުރާވަޑައިގަންނަވައިފިއެވެ.މިނިސްޓަރ ސްވަޔަރގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޚާރިޖީ ވަޒީރު ދުންޔާ މައުމޫންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައިވެއެވެ. މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި މެދު މަޝްވަރާކުރައްވާފައިވެއެވެ.މީގެ އިތުރުން ސްވަޔަރ ވަނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އާއި ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާއި ޤައުމުގެ ސިޔާސީ މަސްރަހުގެ އިތުރުން ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކާއި ބެހޭ ގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.މި ދަތުރުފުޅުގައި ސްވަޔަރވަނީ ރާއްޖެއަށް އިންޑިޔާ އިން ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު އަކިލޭޝް ޝަރްމާއާއިވެސް ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި އޭނާވަނީ ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ އިސް ލީޑަރުންނާއިވެސް ބައްދަލުކުރައްވާ މަޝްވަރާތައް ބާއްވަވާފައެވެ.