ޚަބަރު

ބަނގްލަދޭޝްއިން އެމްއެންޑީއެފަށް ވެހިކަލްތަކެއް ހަދިޔާކޮށްފި


ބަނގްލަދޭޝް ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް 7 ޕިކަޕް ހަދިޔާކޮށްފިއެވެ.ކަޅުތުއްކަލާ ކޮށީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އުޅަނދުތައް އެމްއެންޑީއެފާއި ހަވާލުކޮށްދެއްވީ ބަނގްލަދޭޝްގެ ޗީފް އޮފް އަރމީ ސްޓާފް ޖެނެރަލް އަބޫ ބިލާލް މުޙައްމަދު ޝާފިއުލް ހައްޤުއެވެ. މި އުޅަނދުތަކާއި އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމެވެ.ބަނގްލަދޭޝްގެ ސަރުކާރުން މިއަދު ހަދިޔާކުރެއްވީ ޓޮޔޯޓާ ލޭންޑް ކްރޫޒާ ޕިކަޕްތަކެކެވެ. މިއީ 13 މީހުންގެ ޖާގައިގެ ޕިކަޕްތަކެކެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވިދާޅުވީ ބަނގްލަދޭޝަކީ ވަރަށް ގިނަ ގޮތްގޮތުން ރާއްޖޭގެ އަސްކަރިއްޔާއަށް އެހީތެރިވެދޭ ޤައުމެއްކަމަށެވެ. އަދި މިހާރުވެސް ބަނގްލަދޭޝްގެ އަސްކަރިއްޔާގައި ރާއްޖޭގެ ސިފައިންނަށް ތަމްރީންގެ ފުރުސަތު ފަހިވެފައިވާކަމަށް ޖެނެރަލް ޝިޔާމް ފާހަގަ ކުރެއްވިއެވެ.ބަނގްލަދޭޝްގެ ޗީފް އޮފް އަރމީ ސްޓާފް ޖެނެރަލް އަބޫ ބިލާލް މުހައްމަދު ޝާފިއުލް ހައްޤު ދެއްކެވި ވާހަކަފުޅުގައި ދެގައުމުގެ އަސްކަރިއްޔާގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އިތުރުކުރުމަށް ކުރިއަށް އޮތްތާނގައިވެސް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ބަންގްލަދޭޝްގެ އަސްކަރިއްޔާއާއި، މީގެ އިތުރުން އެހެނިހެން ތަމްރީންދޭ މަރުކަޒުތަކުގައި ރާއްޖެއަށް ތަޢުލީމާއި ތަމްރީންގެ ފުރުޞަތު ދެއްވުމަށް ބަނގްލަދޭޝްގެ ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ވިދާޅުވިއެވެ.މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ރިއާ އެޑްމިރަލް ޤާޒީ ސަރްވާރް ހުސެއިންއާއި، އެމްއެންޑީއެފްގެ އިސްވެރިންނާއި، ސިފައިންގެ އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.