ޚަބަރު

ކޮވިޑާއި ގުޅިގެން އާސަންދަ ސްކީމްގެ ޚިދުމަތަށް ގެނައި ބަދަލުތައް އުވާލައިފި


ކޯވިޑާ ގުޅިގެން އާސަންދަ ސްކީމްގެ ޚިދުމަތް ދިނުމުގައި ދިން ލުއިތައް އުވާލައިފިއެވެ.

ކޯވިޑާ ގުޅިގެން އާސަންދަ ސްކީމް މެދުވެރިކޮށް، ޑޮކްޓަރަށް ދެއްކޭނެ އުސޫލުތަކާއި ބޭސް ނެގޭނެ އުސޫލުތަކަށްވެސްވަނީ ބަދަލުގެނެސްފައިވެއެވެ. އަދި ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހެއްދުމުގައި އައިޑީކާޑްގެ އަސްލު ގެނައުމާ ނުލައި ކާޑުގެ ނަންބަރު ބުނުމުންވެސް އެޕްއިންޓްމަންޓް ދޫކުރަމުން ދިޔައެވެ. ނަމަވެސް ކޯވިޑްގެ ޙާލަތު ރަނގަޅުވުމާއި ގުޅިގެން މިހާރުވަނީ އާސަންދައިން ދިން ލުއިތައް އުވާލާފައެވެ.

މިހާރު ގެނެސްފައިވާ ބަދަލުގައި ބުނެފައިވަނީ އާސަންދަ ސްކީމްގެ ދަށުން ކަވަރޭޖް ދެވޭނީ އައިޑީކާޑު ނޫނީ ޕާސްޕޯޓުގެ އަސްލު ނުވަަތަ ކޮޕީ ހުށައެޅުމުންކަމަށެވެ.

ކޯވިޑްގެ ޙާލަތުގައިވަނީ ދިގުމުއްދަތަށް ބޭސް ބޭނުންކުރާ މީހުން، ބޭސް ސިޓީ އާކުރުމަކާ ނުލާ، އެއް ބޭސް ސިޓީއަށް ދެ ފަހަރު ބޭސް ނެގޭނެ ގޮތް ހަމަޖައްސާފައެވެ. ނަމަވެސް އާސަންދައިން މިހާރު ބުނެފައިވަނީ ދިގުމުއްދަތައް ބޭސް ބޭނުންކުރާ މީހުންނަށްވެސް މިހާރު ބޭސް ދޫކުރާނީ ކޮންމެ ބޭސް ސިޓީއަކަށް އެއް ފަހަރު ކަމަށެވެ. އިތުރަށް ނުވަތަ، ބޭސް ބޭނުންކުރާ މުއްދަތު ހަމަވުމުން ދެން ބޭސް ނެގޭނީ ޑޮކްޓަރުގެ އާ ބޭސް ސިޓީއަކާ އެކުކަމަށެވެ.

އަދި މިހާރު ބޭސް ނެގުމުގައި އަތުން ލިޔެފައިވާ ބޭސް ސިޓީ، އާސަންދަ ސްކީމްގައި ބޭނުން ނުކުރެވޭނެކަމަށްވަނީ ބެފައެވެ. ކޮންމެ ބޭސް ސިޓީއެއްވެސް ހުންނަންވާނީ އީ-ޕްރިސްކްރިޕްޝަނަށް ނުވަތަ ބޭހުގެ ނަން ލިޔެ ޕްރިންޓްކޮށްފައެވެ.

އާސަންދައިން ބުނެފައިވަނީ، އާސަންދަ ސްކީމްގެ ތެރެއިން އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭނީ ހަމައެކަނި "ވިނަވި" ޕޯޓަލް މެދުވެރިކޮށް ޚިދުމަަތް ފޯރުކޮށްދޭ މަރުކަޒުތަކުންކަމަށެވެ. އަދި އޮންލައިންކޮށް ދައްކާއިރު ބަލިމީހާއަށް އެއްވެސް އިތުރު ޚިދުމަތެއް ނަގަން ރިކުއެސްޓް ކުރާނަމަ، އެ ރިކުއެސްޓެއް އިންނަންވާނީ "ވިނަވި" ޕޯޓަލްގެ ތެރެއިން ރިކުއެސްޓްކޮށްފައެވެ. "ވިނަވި"ޕޯޓަލްގައި ރެޖިސްޓަރ ނުކޮށް އިތުރު ޚިދުމަތެއް ނު ހޯދޭނެއެވެ.