ޚަބަރު

3 ރަށެއްގެ ސްކޫލް މަލްޓިޕަރޕަސް ހޯލް ޢިމާރާތްކުރަން ބަޔަކާއި ޙަވާލުކޮށްފި


3 ރަށެއްގެ ސްކޫލްގައި މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް ކުރުމަށް ބަޔަކާއި ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތްތައް ކުންފުނިތަކާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދަރިވަރުންނަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކޮށް ތަޢުލީމު ފޯރުކޮށްދިނުމުގެ ޒަމާނީ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކުރައްވަމުންނެވެ. މިހާރުވެސް އަލަށް ސްކޫލްތައް އެޅުމުގެ މަސައްކަތްކުރިއަށްދާއިރު ބައެއް ސްކޫލްތަކަށް ބޭނުންވާ ޢިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މިގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ 3 ސްކޫލަކަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލް އެޅުމަށް ބަޔަކާ ޙަވާލުކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ ހދ.މަކުނުދޫ ސްކޫލާއި ރ.އިންނަމާދޫ ސްކޫލްއާއި ތ.މަޑިފުށީ ސްކޫލްގެ މަލްޓިޕަރޕަސް ހޯލްގެ މަސައްކަތެވެ.

ހދ.މަކުނުދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާ މިމަސައްކަތް ޙަވާލުކޮށްފައިވަނީ 12 މިލިއަން ރުފިޔާއަށެވެ. އަދި މަސައްކަތް އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމުމަށްވަނީ ނިންމާފައެވެ. ރ.އިންނަމާދޫ ސްކޫލްގެ މަސައްކަތް އެޑިއުކޭޝަނުން ޙަވާލުކޮށްފައިވަނީވެސް އެއިމް ކޮންސްޓްރަކްޝަނާއެވެ. މިމަސައްކަތް ޙަވާލުކޮށްފައިވަނީ 11 މަސްދުވަހުގެ ތެރޭގައި ނިންމާ ޙަވާލުކުރާގޮތަށެވެ. އިންނަމާދޫ ސްކޫލްގެ މަސައްކަތަކީ ދައުލަތުގެ ބަޖެޓުން 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުތަކުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރ ޑރ.ޢައިޝަތު ޢަލީއެވެ. އެއިމް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޝަމްސުﷲ ފަޒީލްއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން މަލްޓިޕަރޕަސް ހޯލް ޢިމާރާތްކުރުމަށް ދެން ޙަވާލުކޮށްފައިވަނީ ތ.މަޑިފުށީ ސްކޫލްގެ މަސައްކަތެވެ. މިމަސައްކަތް ޙަވާލުކޮށްފައިވަނީ ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިމަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 11 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ ދައުލަތުގެ ބަޖެޓުން 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީއިން ސޮއިކުރެއްވީ މިނިސްޓަރ ޑރ.ޢައިޝަތު ޢަލީއެވެ. އަދި ޕަވަރޭ އިންވެސްޓްމެންޓްގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަލި ޢަބްދުﷲއެވެ.

ތަޢުލީމީ ދާއިރާއަށް ބޭނުންވާ ވަޞީލަތްތައް ހަމަކޮށް ފެންވަރު ރަނގަޅު ތަޢުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ މުހިއްމު ސިޔާސަތެކެވެ. އެގޮތުން ރަށްރަށުގައި ހުރި ޒަމާންވީ ސްކޫލް ޢިމާރާތްތައް އައުކުރުމާއި އިތުރަށް ބޭނުންވާ ޖާގަ ހަމަޖެއްސުމަކީ މީގެދަށުން ކުރާ މުހިއްމު މަސައްކަތެކެވެ. ދައުލަތުގެ ބަޖެޓުގެ ބޮޑުބައެއް ޚާއްސަ ކުރެވޭ އެއްދާއިރާއަކީވެސް ރާއްޖޭގެ ތަޢުލީމީ ދާއިރާއެވެ.