ޚަބަރު

ލައިސަންސްނެތި ބިދޭސީން ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމަށް ބޮޑެތި ޖޫރިމަނާތަކެއް


ރާއްޖެއަށް ބިދޭސީން އެތެރެކުރުމުގައި ޚާއްސަ ލައިސަންސެއް ނަގަންޖެހޭގޮތަށް ކަނޑައަޅާ ރާއްޖޭގައި ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތަކުގެ ގަވާއިދު ފުރަތަމަ ފަހަރަށް ޢާއްމުކޮށްފިއެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ޢާއްމުކޮށްފައިވާ މިގަވާއިދުގެ ދަށުން ލައިސަންސް ނެތި ރާއްޖެއަށް ބިދޭސީން އެތެރެކުރާނަމަ ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރާނެއެވެ.

ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ބުނެ ގަވާއިދާ ޚިލާފަށް ރާއްޖެއަށް މީހުން އެތެރެކުރުމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިމަސައްކަތުގެ ދަށުން އިކޮނޮމިކް މިނިސްޓްރީންވަނީ ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތައް ރަޖިސްޓަރކޮށް ޚިދުމަތުގެ ލައިސަންސް ނަގަންޖެހޭ ގޮތަށް ކަނޑައަޅާފައިވާ ގަވާއިދު ގެޒެޓުކޮށްފައެވެ. މިގަވާއިދުގެ ދަށުން ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތަކުން ލައިސަންސާއި ނުލާ މީހުން އެތެރެކުރާނަމަ ފިޔަވަޅެއްގެ ގޮތުން ޖޫރިމަނާކުރާނެއެވެ.

މިގަވާއިދުގެ ދަށުން އޭޖެންސީތައް 3 ކެޓަގަރީއެއްގައި ރަޖިސްޓްރީ ކުރެވޭނެއެވެ. އެއީ ކެޓަގަރީ އޭ ގައި ހިމެނޭ ރެކްރޫޓްކުރުމުގެ ޚިދުމަތާއި ވަރކް ޕާރމިޓް މެނޭޖްމަންޓުގެ ޚިދުމަތެވެ. މިޚިދުމަތުގެ ލައިސަންސް ދޫކުރަނީ 3 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ކެޓަގަރީ ބީ ގައި ހިމެނެނީ ވަރކް ޕާރމިޓް މެނޭޖްމަންޓުގެ ޚިދުމަތް ދޭ އޭޖެންސީތައް އެކަންޏެވެ. މިކެޓަގަރީގެ ލައިސަންސްގެ މުއްދަތަކީ 2 އަހަރު ދުވަހެވެ. އަދި ކެޓަގަރީ ސީ ގައި ހިމެނެނީ މޭންޕަވަރ ސަޕްލައި ކުރުމުގެ ޚިދުމަތް ދޭ އޭޖެންސީތައް ނުވަތަ ވިޔަފާރި އުސޫލުން ވަޒީފާއަށް މީހުން ފޯރުކޮށްދޭ އޭޖެންސީތަކެވެ. މިކެޓަގަރީގެ ލައިސަންސް ދިނުމަށް ހަމަޖެހިފައިވަނީ 3 އަހަރުގެ މުއްދަތަކަށެވެ.

މިގަވާއިދުގެ ދަށުން ލައިސަންސް ނެތި ކެޓަގަރީ އޭ ގައި ހިމެނޭ މީހުން ރެކްރޫޓް ކުރުމުގެ ޚިދުމަތްދީފިނަމަ އެއޭޖެންސީއެއް ނުވަތަ އަމިއްލަ ފަރުދަކުވިޔަސް 40،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި ގަވާއިދާ ޚިލާފަށް ރެކްރޫޓްކުރި ކޮންމެ މީހަކަށް 5000 ރުފިޔާ ޖޫރިމަނާކުރާނެއެވެ. އަދި އެފަރާތަށް ލައިސަންސްތައް ދޫކުރުން 6 މަސްދުވަހަށް މެދުކަނޑާލާނެއެވެ. އަދި ކެޓަގަރީ އޭ އަދި ބީ ގެ ލައިސަންސްނެތި އޭޖެންސީއަކުން އަދި އަމިއްލަ ފަރުދަކުނަމަވެސް ވަރކް ޕަރމިޓްގެ ޚިދުމަތް ދީފިނަމަ އެފަރާތުން ވަރކް ޕާމިޓްގެ ޚިދުމަތްދީ ވަޒީފާދޭ ކޮންމެ މީހަކަށް 10،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

މިގަވާއިދުގެ ދަށުން ކެޓަގަރީ ސީގައި ހިމެނޭ މޭންޕަވަރ ނުވަތަ އިންސާނީ ވަޞީލަތް ފޯރުކޮށްދިނުމުގެ ޚިދުމަތް ލައިސަންސްނެތި ގަވާއިދާ ޚިލާފަށް ދީފިނަމަ އޭޖެންސީއެއް 50،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި ޚިދުމަތް ދިނުމަށް ބޭނުންކުރި ކޮންމެ މީހަކަށް 5000 ރުފިޔާ ޖޫރިމަނާކުރާނެއެވެ. އަދި އެފަރާތްތަކަށް ދޫކުރާ ލައިސަންސެއް އަހަރު ދުވަހުގެ މުއްދަތަކަށް ހިފަހައްޓާނެއެވެ.

ވަޒީފާ ހަމަޖައްސައިދޭ އޭޖެންސީތަކުގެ ގަވާއިދުގައި ނުހިމެނޭ ޚިދުމަތެއް ދީފިނަމަވެސް އަދަބުތައްވަނީ ކަނޑައަޅާފައެވެ. ގަވާއިދާ ޚިލާފަށް ރާއްޖޭގައި މީހުން ވަޒީފާއަށް ގެެނެސް އޮޅުވާލައިގެން ބިދޭސީން އަތުން ފައިސާ ހޯދާ އެފަރާތްތައް މަގުމަތިކުރުމުގެ ވިޔަފާރިއެއްވަނީ ފެށިފައެވެ. މީގެ ސަބަބުން އިޖުތިމާޢީ އެތައް މައްސަލަތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. އެހެންކަމުން ހަރުދަނާ އުސޫލެއްގެ ދަށުން ރާއްޖެއަށް ބިދޭސީން އެތެރެކުރެވޭނެ މަގެއް ހޯދުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.