ސިޔާސީ

އައިސްއަށް ތާއީދުކޮށް، ޓެރަރިސްޓް ހަމަލާއެއް ރާވަން އުޅުނު މީހާއަށް 5 ދަޢުވާއެއް


އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާޢަތައް ތާޢީދުކޮށް، އެ ޖަމާޢަތުގެ ލިޔެކިއުންތަކާއި ފޮޓޯއާއި ވީޑިއޯ އިންޓަރނެޓް މެދުވެރިކޮށް ފަތުރައި ޝާއިޢުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރުދެމުންދާކަމަށް ތުހުމަތުގައި ހައްޔަރު ކުރި މީހާއަށް ދައުވާ ކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މިމައްސަލާގައި ދައުވާ ކޮށްފައިވަނީ ކ. މާލެ، ވ. ދެލްވައްތަ، ހޫދު މުޙައްމަދު ޒާހިރަށެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ 6ވަނަ ދުވަހު ވިލިމާލެއިން ހައްޔަރު ކުރި މީހާއަކީ ރާއްޖޭގައި އާންމު މީހެއްގެ ގޮތުގައި ދިރިއުޅެމުން ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓެރެރިސްޓް ޖަމާއަތެއްގެ ހުރިހާ ޕްރޮޕެގެންޑާއެއް ރާއްޖޭގައި ފަތުރަމުންގެންދިޔަ މީހެއްކެވެ.

އޭނާގެ މައްޗަށް 5 ދައުވާއެއް ވަނީ އުފުލާފައެވެ. މިދައުވާތައް ސާބިތު ވެއްޖެނަމަ އެންމެ ކުޑަވެގެންވެސް 34 އަހަރު އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ހޫދު މުޙައްމަދު ޒާހިރުގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކުގެ ތަފްޞީލް

  • 1. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ޤާނޫނުގެ ދަށުން، އިންޓަރނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދަޢުވާ: 10 އަހަރާއި 15 އަހަރާއި ދެމެދުގެ ހުކުމެއް އަންނަ މިދައުވާ ކޮށްފައިވަނީ ފޯނުން ސޯޝަލް މީޑިއާގެ އެކި އެކައުންޓްތައް ބޭނުންކޮށްގެން ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރުދީ، މީހުންނަށް އަނިޔާދިނުމަށާއި، މީހުން މެރުމަށާއި، ތަންތަނަށް ގެއްލުންދީ ޢުދުވާނީ ހަމަލާތައް ދިނުމަށް ގޮވާލައި، އިސްލާމިކް ސްޓޭޓް (އައި.އެސް.އައި.އެސް) ޖަމާއަތުން ދުނިޔޭގައި ހިންގާ ލާއިންސާނީ އަމަލުތަކާއި، ހަމަލާތަކާއި، އެމީހުންގެ ޕްރޮޕެގެންޑާ ފެތުރުމަށް އެކި އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ގިނަ ލިޔުންތަކާއި، ފޮޓޯތަކާއި، ވީޑިއޯ އިސްލާމިކް ސްޓޭޓް ޖަމާޢަތާ ގުޅުންހުރި އޮންލައިން ޕްލެޓްފޯމްތަކުގައި ޙިއްޞާކޮށް، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދީފައިވާތީ ކޮށްފައިވާ ދައުވާއެކެވެ.
  • 2. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން، އިންޓަރނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާޢަތެއްގެ ލިޔެކިއުންތައް ފެތުރުމުގެ ދަޢުވާ: 10 އަހަރާއި 15 އަހަރާއި ދެމެދުގެ ހުކުމެއް އަންނަ މިދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ އިސްލާމިކް ސްޓޭޓް ޖަމާޢަތަށް ނިސްބަތްވާ އެކި މަޖައްލާތަކާއި ލިޔުންތަކާއި، ޓެރަރިޒަމްގެ ޢަމަލުތައް ކުރުމަށް ހިތްވަރުދީ އެ ޖަމާޢަތުން ނެރެފައިވާ ފަތުވާތަކާއި ލިޔުންތައް އިންޓަރނެޓްގެ އެކި ޕްލެޓްފޯމްތަކުގައި ފަތުރާފައިވާތީއެވެ.
  • 3. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުން: 10 އަހަރާއި 15 އަހަރާއި ދެމެދުގެ ހުކުމެއް އަންނަ މިދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް (އައި.އެސް.އައި.އެސް) ހަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވާތީއެވެ.
  • 4. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދުކުރުން:
  • 03 އަހަރާއި 05 އަހަރާ ދެމެދުގެ ހުކުމެއް އަންނަ މިދައުވާ ކޮށްފައިވަނީ އިސްލާމިކް ސްޓޭޓް ޖަމާޢަތަށް ތާއީދުކޮށްފައިވާތީއެވެ.
  • 5. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުން: 01 އަހަރާއި 03 އަހަރާ ދެމެދުގެ ހުކުމެއް އަންނަ މިދައުވާ ކޮށްފައިވަނީ އިސްލާމިކް ސްޓޭޓް ޖަމާޢަތާއި، އެ ޖަމާޢަތުގެ އެކި ވިލާޔަތްތަކަށް ތާއީދުކުރާކަން ދޭހަވާފަދަ ލިޔުންތަކާއި، ފޮޓޯއާއި، ވީޑިއޯ ގެންގުޅެފައިވާތީއެވެ.

ހޫދު މުޙައްމަދު ޒާހިރާ ގުޅޭ މަޢުލޫމާތު ދިވެހިރާއްޖެއާ ޙިއްޞާކޮށްފައިވަނީ ބޭރުގެ އިންޓެލިޖެންސް އޭޖެންސީތަކުންނެވެ. މި މައްސަލައިގެ ތަޙުޤީޤަށް ބޭރުގެ އެކި ޤައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި، ތަޙުޤީޤީ އިދާރާތަކުގެ އެހީތެރިކަން ލިބިފައިވެއެވެ.

އޭނާ ވަނީ 4 އަހަރު ވަންދެން ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތް ކޮށްފައިކަމަށް ކަމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވަނީ ވިދާޅުވެފައެވެ.