ޚަބަރު

ލޮނުރަހަ ގަދަކޮށްދޭ ޗޮޕްސްޓިކްސް: ޖަޕާނުގެ މޮޅު އުފެއްދުމެއް


ކާތަކެތީގައި ލޮނުގެ މިންވަރު އިތުރުވުމުގެ ސަބަބުން ސިއްޙީ މައްސަލަ ދިމާވާ މީހުންނަށް ޚާއްޞަކޮށްގެން ޖަޕާނުގައި ތަފާތު އުފެއްދުމެއް ފަރުމާކޮށްފިއެވެ. މި އުފެއްދުމަކީ އެ ޤައުމުގައި ޢާއްމުކޮށް ކާން ބޭނުންކުރާ ޗޮޕްސްޓިކްސްގެ ބަދަލުގައި، ކަރަންޓު ބޭނުންކޮށްގެން ކާތަކެތީގެ ލޮނުރަހަ އިތުރުކޮށްދޭ ޚާއްޞަ ޗޮޕްސްޓިކެކެވެ.

ކަރަންޓު ޗޮޕްސްޓިކަކީ ޖަޕާނުގެ މެއިޖީ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ހޯމީ މިޔަޝިތާ އާއި ބެވެރޭޖް ކުންފުންޏެއް ކަމަށްވާ ކިރީން ހޯލްޑިންގްސް ގުޅިގެން ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. މި އުފެއްދުން މަސައްކަތްކުރަނީ ޗޮޕްސްޓިކްސްގެ އިތުރުން އަތުކުރީގައި އަޅުވާ ކުޑަ ކޮމްޕިއުޓަރެއްގެ އެހީގައެވެ.

މި ޗޮޕްސްޓިކްސް ފަރުމާކޮށްފައިވަނީ މަޑު ކަރަންޓެއް ފޮނުވައިގެން އަނގައިގައި ލޮނު ރަހައާއި މޮނޮސޯޑިއަމް ގްލޫޓަމޭޓް ނުވަތަ ދިވެހިންގެ ތެރޭގައި މަޝްހޫރު ނަމުން ނަމަ އަޖިނަމޮޓޯގެ ރަހަ ލައްވާގޮތަށެވެ. ސައިންޓިފިކް ގޮތަށް ބުނާނަމަ ދަށް ވޯލްޓޭޖެއްގެ ކަރަންޓެއް ބޭނުންކޮށްގެން، ކާތަކެތީގައި ހުންނަ ސޯޑިއަމް އަޔަންސް، ޗޮޕްސްޓިކްސް ތެރެއިން ލާފައި ގޮސް އަނގައާ ހަމައަށް ގެންގޮސްދެނީއެވެ. އޭގެ ސަބަބުން ކާތަކެތީގައި އަސްލު ހުންނަ ލޮނު ރަހައަށްވުރެ ގަދައަށް ލޮނު ރަހަ ދޭކަމަށް މީހާއަށް އިހުސާސްވާނެއެވެ. މީގައި ބޭނުންކުރާ ކަރަންޓުގެ މިންވަރު ވަރަށް ދަށް ކަމަށާއި، ކަރަންޓުގައި ޖެހުމުގެ ފުރުޞަތެއް ނޯންނާނެކަމަށް ތަޙުލީލުކުރާ ފަރާތްތަކުން ވަނީ ޔަޤީންކޮށްދީފައެވެ.

މި އުފެއްދުމުގެ މޭސްތިރިން ބުނާގޮތުން ޖަޕާނުގައި ޢާއްމުކޮށް ކެއުމަށް ބޭނުންކުރާ ބާވަތްތަކަކީ ލޮނު އެކުލެވޭ ތަކެތިކަމުން، މި އުފެއްދުން އެ ޤައުމަށް މުނާސަބުވެއެވެ. ސަބަބަކީ ތަފާސްހިސާބުތަކަށް ބަލާއިރު ލޮނަކީ ޖަޕާނުގައި ކޮންޓްރޯލްކުރަން ޖެހިފައިވާ މާއްދާއަކަށް ވުމެވެ. ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ބުނާގޮތުން ދުޅަހެޔު ސިއްޙަތަކަށް ލޮނު ބޭނުންކުރުން އެދެވިގެންވަނީ ދުވާލަކު 5 ގުރާމަށްވުރެ އިތުރު ނުވާ ގޮތަށެވެ. ނަމަވެސް ޖަޕާނުގައި އެވްރެޖްކޮށް ދުވާލަކު އޭގެ ދެގުނަ ބޭނުންކުރާކަމަށް ވެއެވެ. ހަށިގަނޑުގައި ލޮނުގެ މިންވަރު އިތުރުވާނަމާ ލޭމަތިވުމާއި، ސްޓްރޯކް ޖެހުމާއި، ކިޑްނީގެ ބަލިތައްފަދަ ސިއްޙީ މައްސަލަތައް ދިމާވެއެވެ.

ކަރަންޓު ޗޮޕްސްޓިކްސްގެ މޭސްތިރިޔާ ޕްރޮފެސަރ މިޔަޝިތާ ވިދާޅުވެފައިވަނީ މި ޗޮޕްސްޓިކްސް އިން ލޮނުރަހަ 1.5 ގުނައަށް އިތުރުކޮށްދޭ ކަމަށެވެ. މާނައަކީ ކުރިއަށްވުރެ 30 އިންސައްތަ މަދުން ލޮނު އަޅައިގެން ކެއްކިޔަސް، ކާއިރު ރަހައިގެ ތަފާތެއް ނުހުންނާނެއެވެ. އެހެންކަމުން މި އުފެއްދުމުގެ ސަބަބުން މީރު ކާތަކެތި ދޫކޮށްލަންނުޖެހި، ފަސޭހަ ގޮތަކަށް ލޮނުގެ މިންވަރު ކޮންޓްރޯލް ކޮށްލެވޭނެކަމަށް އުފެއްދުންތެރިން ބުނެއެވެ.

ކަރަންޓު ޗޮޕްސްޓިކްސްގެ ކްލިނިކަލް ޓްރައިލްސްތަކަށްފަހު މިހާރު ކުރިއަށްދަނީ އިތުރަށް ފުރިހަމަ ކުރަންޖެހޭ ބައިތަކުގެ މަސައްކަތެވެ. ކްލިނިކަލް ޓްރައިލްސްތަކުގައި ސޫޕް ޓެސްޓުކުރި ބައިވެރިން ބުނާގޮތުން މި ޗޮޕްސްޓިކްސް ބޭނުންކުރާއިރު ލޮނު ރަހައިގެ އިތުރުން އެހެން ރަހަތައްވެސް ދަގަވެ، ސޫޕް އިތުރަށް މީރުކޮށްދެއެވެ. އުފެއްދުމުގެ މޭސްތިރިން ބުނީ މި އުފެއްދުމުގެ ސަބަބުން ޖަޕާނުގައި ލޮނު ބޭނުންކުރާ މިންވަރު 20 އިންސައްތަ ދަށްކުރެވޭނެކަމަށް އުއްމީދުކުރާކަމަށެވެ. މިއީ ދުނިޔޭގައިވެސް މިފަދަ ފުރަތަމަ އުފެއްދުން ކަމަށް އެމީހުން ބުނެއެވެ. އަދި ކެއުމަށް ބޭނުންކުރާ އިތުރު ސާމާނު ބޭނުންކޮށްގެން، ސެންސަރީ ސްޓިމިއުލޭޝަންގެ ޒަރިއްޔާއިން ކެއުމުގެ އާދަތަކަށް ރަނގަޅު ބަދަލެއް ގެނެވޭނެ އިތުރު ގޮތްތައް ދިރާސާކުރަމުންދާ ކަމަށް އެފަރާތްތަކުން ހާމަކުރެއެވެ. ކަރަންޓު ޗޮޕްސްޓިކްސް ބާޒާރަށް ނެރޭނެކަމަށް ބެލެވެނީ އަންނަ އަހަރުއެވެ.