ޚަބަރު

ފޯކައިދޫ ބަނދަރުގެ މަސައްކަތް އަންނަ ޖޫންމަހަށް ނިމޭނެ - އެމްޓީސީސީ


ދެހާހާ ގާތްކުރާޢަދަދެއްގެ އާބާދީއެއް އޮތް ށ.ފޯކައިދޫގައި އޮތް 18 އަހަރުވީ ބަނދަރަކީ އެރަށު ރައްޔިތުންގެ ހިތް ނުތަނަވަސް ކުރުވާ ބަނދަރެކެވެ. މޫސުމަށް އަންނަ ކޮންމެ ބަދަލަކާއެކު އެރަށުގެ އޮޑިދޯނިފަހަރުގެ ވެރިން ޖެހެނީ ރޭގަނޑުގެ ނިދިން މަޙުރޫމުވެ ތިބޭށެވެ. ނުވަތަ ދޯނިފަހަރު ބަނދަރުން ބޭރަށް ނެރޭށެވެ. މިއީ އެއްވެސް ރައްކާތެރިކަމެއް ނެތް ކަމެއްނަމަވެސް މިވޭތުވެދިޔަ ދިގު މާޒީގައި އެރަށު ރައްޔިތުންވަނީ މިބުރަ އުފުލާފައެވެ. 2003ވަނަ އަހަރު ފޯކައިދޫގައި ތަރައްޤީކޮށްފައިވާ ބަނދަރަކީ ސިމެންތި ބަސްތާ ޖަހައިގެން ހަދާފައިވާ ބަންދަރެކެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފޯކައިދޫ ކައުންސިލްގެ ރައީސް އަޙްމަދު އާސިފް ވިދާޅުވީ ބަނދަރު އޮތްނަމަވެސް އޭގެ އެއްވެސް ފައިދާއެއް ރައްޔިތުންނަށް ނުކުރާކަމަށެވެ. އެހެންކަމުން އަލަށް ތަރައްޤީކުރަމުން އަންނަ ބަނދަރަކީ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ ބަނދަރެއްކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

"18 ވަރަކަށް އަހަރުވެއްޖެ މިހާރު މިއޮތް ބަނދަރު އޮންނަތާ. ޢާއްމުކޮށްވެސް ގަދަ ދުވަސްވަރެއްގަ ދޯނިފަހަރު ޖެހެނީ ބަނދަރުން ބޭރުގަ އަޅަން." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފޯކައިދޫގެ ބަނދަރުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުންވަނީ އެމްޓީސީސީއާ ޙަވާލުކޮށްފައެވެ. މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިމަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ. އެގޮތުން މިމަސައްކަތް އަންނަ ޖޫންމަހު މުޅިން ނިންމާލެވޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

"މިއީ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފަކަށްވެފައިވާ ބަނދަރެއްކަމުން މަސައްކަތް މިކުރަނީ ވީއެންމެ އަވަހަކަށް ބަނދަރުގެ މަސައްކަތް ނިންމުމަށް. އަންނަ ޖޫންމަހަށް މިމަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް މިބަލަނީ." އާޒިމް ވިދާޅުވިއެވެ.

ފޯކައިދޫގައި މީގެކުރިން އޮތީ 650 ފޫޓު ދިގު އަދި 190 ފޫޓު ފުޅާ ބަނދަރެކެވެ. ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނައިރު އެމްޓީސީސީން އެރަށުގައި ތަރައްޤީކުރަނީ 1200 ފޫޓު ދިގު އަދި 250 ފޫޓު ފުޅާ ބަނދަރެކެވެ. މިމަސައްކަތުގެ ކީވޯލްގެ މަސައްކަތާއި ނެރު ފުންކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ބަނދަރުގެ 62 އިންސައްތަ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ. އަދި މިމަޝްރޫޢުގެ ދަށުން ހަދާ އެއްގަމު ތޮށީގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ 4 ވަނަ ޝިޕްމަންޓު އެރަށަށް މިހަރު ގެންގޮސްފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މިމަޝްރޫޢުގެ ދަށުން 45000 އަކަ މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 464 މީޓަރުގެ އެއްގަމު ތޮއްޓަކާއި 507 މީޓަރުގެ ބޭރު ތޮއްޓެއްލުމަށްވަނީ ހަމަޖެހިފައެވެ. އަދި 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓު ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ޕޭވްމަންޓް ހެދުމާއި ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 64.6 މިލިއަން ރުފޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.