ޚަބަރު

ހައިޑްރޯގްރެފިކް ސަރވޭގެ މަސައްކަތް ކުރުމަށް "ސަތުލެޖް" ރާއްޖެ އަތުވެއްޖެ


ރާއްޖެގެ ކަނޑުގެ ސަރަޙައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރެފިކް ސަރވޭގައި ހަރަކާތްތެރިވުމަށް އިންޑިއާގެ ނޭވީ ޝިޕް "ސަތުލެޖް" ރާއްޖެ އަތުވެއްޖެއެވެ.

މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސަރވޭގައި ހދ.އަތޮޅުން ފެށިގެން ނ.އަތޮޅާ ހިސާބަށް ސަރވޭ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހައިޑްރޯގްރެފިކް ސަރވޭގައި ހަރަކާތްތެރިވުމަށް އިންޑިއަން ނޭވީ ޝިޕް "ސަތުލެޖް"ގައި ރާއްޖެ ޒިޔާރަތް ކުރި ސަރވޭ ޓީމުން ވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ކޮމާންޑަރ، ކާނަލް އިބްރާހީމް ޙިލްމީއާ ބައްދަލުކުރައްވާ ސަރވޭގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާ ބައްދަލުވުމުގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނަރަލް ރިޓަޔަރޑް ޒަކަރިއްޔާ މަންސޫރާއި ކޯސްޓްގާޑްގެ ސީނިއަރ އޮފިސަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާއި ގުޅިގެން ރާއްޖޭގައި ކުރަމުންދާ ހައިޑްރޮގްރެފިކް ސަރވޭއަކީ ދިވެހިރާއްޖޭގައި ނިޔަމިކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި، ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމާއި، އެންކަރޭޖް އަދި އެޕްރޯޗް ޗާޓް ހެދުމަށްޓަކައި ކުރެވޭ ސަރވޭއެކެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ސަރވޭގެ އަލީގައި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރެވި ރާއްޖޭގައި އެންމެ ގިނައިން ހިނގާ ކަނޑުމަތީގެ ހާދިސާކަމުގައިވާ ފަރަށް އެރުންފަދަ ހާދިސާތައް މަދުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން މިފަދަ ހާދިސާތަކުން އޮޑިވެރިންނަށް ގެއްލުން ލިބުމުގެ ފުރުސަރު
ކުޑަކުރެވިގެންދާނެކަމަށެވެ. އަދި މި މަސައްކަތުގެ ސަބަބުން އިންޝުއަރެންސް ކްލެއިމްތައް ލީގަލައިޒްކުރުމަށާއި، އިޤްތިޞާދު ފުޅާކުރުމަށް ބޭނުންވާ މަޢުލޫމާތު ލިބިގެންދާނެކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. މީގެ އިތުރުން ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާކުރުމަށް ބޭނުންވާނެ މަޢުލޫމާތާއި ކޯސްޓަލް
ޒޯން މެނޭޖްމަންޓް ފަދަ މުހިންމު މަސައްކަތްތަކަށް ބޭނުންވާނެ މަޢުލޫމާތު ލިބިގެންދާނެއެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ސަރވޭގެ ތެރެއިން، މިދިޔަ އަހަރު ވަނީ ހދ. އަތޮޅުން ފެށިގެން ށ. އަތޮޅާއި ހަމައަށް ސަރވޭ ކޮށްފައެވެ.