ޚަބަރު

40 ދަނޑުގެ މަސައްކަތް ނިމިއްޖެ، 50 ދަނޑުގެ މަސައްކަތް ދަނީ ކުރިއަށް: މަހުލޫފް


ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 40 ފުޓުބޯޅަ ދަނޑު އަޅާފައިވާ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކުޅިވަރު ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ މިސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ގާއިމް ކުރުމަށް ކަމަށެވެ.

ރާއްޖޭގައި ފުޓުބޯޅައަށް ދެއްވާ ސަމާލުކަމާއި، އަދި މިހާތަނަށް ފުޓުބޯޅަ ދަނޑު ތަރައްޤީ ކުރުމަށް ކުރެވުނު މަސައްކަތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސަރުކާރުން 40 ފުޓުބޯޅަ ދަނޑު އަޅާފައިވާކަމަށެވެ. ދަނޑުތައް އަޅާފައިވަނީ ކޯވިޑްގެ ދަތި ދުވަސްތަކުގައި ހުރި ގޮންޖެހުންތަކާއި އެކުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖޭގެ އެއްވެސް ސަރުކާރަކުން ފުޓުބޯޅައަށް ނުދޭ އިސްކަމެއް މިސަރުކާރުން ދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާރުވެސް އިތުރު 50 ދަނޑެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއީ ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް ވަރަށް ބޮޑު އަދަދެއް. އިންޑިއާގެ އެލްއޯސީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާ އިންޑޯ ބާސްކެޓް، ސިންތަޓިކް ޓްރެކް، ގަލޮޅު ދަނޑު، އަދި މިނޫންވެސް ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީ ކުރެވުމުން ރާއްޖޭގައި އެތަކެއް ކުޅިވަރު ވަސީލަތެއް ގާއިމް ކުރެވިގެންދާނެ." މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ގާއިމް ކުރުމަށްފަހު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅަށް މެއިން ޓެއިން ނުކުރެވުމެވެ. މިމަސައްކަތަށް ބަޖެޓުންވެސް މާބޮޑު ޖާގައެއް ނުލިބޭކަން ފާހަގަކޮށް، ވަޒީރު ވަނީ އެކަމަށް ގޮތްތަކެއް ހަމަޖެއްސުމަށް މަޖިލިސް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. ހަމަ މިއާއެކު ރަށްރަށުގައި ހިނގާ މަޝްރޫޢުތައް ކަނޑައެޅިފައިވާ ދުވަހަށް ނުނިމުމަކީވެސް އޮތް ކަންބޮޑުވުމެއްގެ ގޮތުގައި މަޖިލީހުގެ މެމްބަރުން ވަނީ ފާހަގަކޮށްފައެވެ.

މިކަންބޮޑުވުންތަކާއި ގުޅިގެން މަހުލޫފް ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމުމަށް މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއްދެއްވާކަމަށެވެ. މިކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށާއި، މިއީ ހައްލު ގެންނަންޖެހޭ ބޮޑު މައްސަލައެއްގެ ގޮތުގައި މަހުލޫފް ވަނީ ވިދާޅުވެފައެވެ.