ވިޔަފާރި

ބީސީސީން ތަރައްޤީކުރާ އެސްއެމްއީ ހަބް އަންނަމަހު ހުޅުވަނީ


ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ތަރައްޤީކުރާ އެސްއެމްއީ ހަބްގެ ގްރައުންޑް ފްލޯ އަންނަ މަހު ކުރީކޮޅު ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ. މިއީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ވިޔަފާރި ކުރުމަށް ފަހި ފުރުސަތެއް ހޯދަދިނުމަށް ތަރައްޤީކުރާ ތަނެކެވެ. އެސްއެމްއީ ހަބްގެ ބާކީ އިން ދެ ފްލޯގެ މަސައްކަތް ވަރަށް އަވަހަށް ފަށާ ކުރިއަށް އޮތް ދެ މަހެއް ދުވަހުގެ ތެރޭގައި ވިޔަފާރިތަކަށް ހުޅުވާލެވޭނެކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމުގެ ދަށުން ބީސީސީން ތަރައްޤީކުރާ އެސްއެމްއީ ހަބް އަޅަނީ އެލައިޑް ބިލްޑިންގެ 3 ފަންގިފިލާއަށެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ބީސީސީގެ ޗީފް ކޮމާޝަލް އޮފިސަރ ސާމިހް އާދަމް ވިދާޅުވީ، އެސްއެމްއީ ހަބްގެ މަސައްކަތްތައް މިހާރު ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ގްރައުންޑް ފްލޯ މަރާމާތު ކުރުމުގެ މަސައްކަތްކަމަށާއި އުންމީދު ކުރަނީ ކުރިއަށްއޮތް ދެތިން މަސްދުވަހުގެ ތެރޭގައި މިތަން ހުޅުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ގްރައުންޑް ފްލޯގެ މަސައްކަތް ވަރަށް އަވަހަށް ނިމިގެންދާނެ. ފަސްޓް ފްލޯގެ މަސައްކަތްވެސް ހަމަ ވަރަށް އަވަހަށް ފެށިގެންދާނެ. އަޅުގަނޑުމެންގެ އުންމީދަކީ މޭ މަހުގެ ކުރީކޮޅު ގްރައުންޑް ފްލޯ ހުޅުވާލުން އަދި 2 މަސް ތެރޭގައި މިތަން އެއްކޮށް ނިންމާލައި އާންމުންނާއި ހަމައަށް ހުޅުވާލުން." ސާމިހް ވިދާޅުވިއެވެ.

ސާމިހް ވިދާޅުވީ، އެސްއެމްއީ ހަބް ތަރައްޤީ ކުރެވިގެންދާނީ މޯލްއެއްގެ ގޮތައްކަމަށެވެ. މިތަނުގެ މައިގަނޑު ބޭނުމަކީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި އެ ވިޔަފާރިތައް އެހެން ހަރުފަތަކަށް ގެންދިއުންކަމަށެވެ. އެގޮތުން މިތަނުގައި ވިޔަފާރިތަކަށް ކިއޮސްކްތައް ދޫކުރާނެކަމަށާއި، މިތަންތަން ދޫކުރާނީ ވިޔަފާރި ކުރިއަށްގެންދަން ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެސްއެމްއީ ހަބުން އަމިއްލައަށް ވިޔަފާރި އައުޓްލެޓެއް ހުޅުވުމުގެ ކުރިން އެމީހަކު އުފައްދާ އުފެއްދުމަކީ ނުވަތަ ފޯރުކޮށްދޭ ޚިދުމަތަކީ މުޖްތަމައު ބަލައިގަންނަ، ޑިމާންޑް އޮތް ނުވަތަ ވިއްކޭނެ މުދަލެއްކަން ޔަޤީންކޮށް ވިޔަފާރި ހުޅުވުމާއި ދޭތެރޭގައި ތަޖްރިބާކޮށްލަން ފުރުސަތު ލިބިގެންދާނެކަން ސާމިހް ފާހަގަކުރެއްވިއެވެ.

"އެތަނުގެ މޮޑެލްއަކަށް ބޮޑަށްވާނީ އެންމެ ކުދި ފަށައިގަންނަ ވިޔަފާރިތަކަށް ނޫނީ ގޭތެރޭގައި މަސައްކަތްކުރާ މައިކްރޯ ބިޒްނަސްތައް ނެކްސްޓް ލެވެލްއަށް ގެންދިއުން. މިހާރު ގޭތެރޭގައި މަސައްކަތް ފަށައިގެންގޮސް އަމިއްލައަށް ފިހާރައެއް ހުޅުވާ ހިސާބަށްދާއިރުގައި އެއީ ބޮޑު ރިސްކެއް ނަގަން މިޖެހެނީ. އޭގެ ކުރިއަށް އަޅުގަނޑުމެން މިބޭނުންވަނީ އެފަރާތްތަކަށް ފުރުސަތެއް ފަހިކޮށްލަދޭން އެ ވިޔަފާރިއެއް ޓްރައިލް ކޮށްލުން. އެސްއެމްއީ ހަބުން މިހާރު ހިންގަމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް ފަހި ފުރުސަތުތަކެއް ހުންނާނެ" ސާމިހް ވިދާޅުވިއެވެ.

އެސްއެމްއީ ހަބްގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާއިރު މިތަނުގެ އެންމެ ތިރީގައި ހުންނާނީ ކެފޭއަކާއި އެއްކޮށް ދިވެހި ލިޔުންތެރިންގެ ފޮތްތައް ވިއްކޭނެ ކުޑަ ބުކް ޝޮޕެއް ކަހަލަ ތަނެކެވެ. އެތަނުގައި ދިވެހި ލިޔުންތެރިންގެ ފޮތްތަކާއި ލިޔުންތައް ވިއްކޭނެއެވެ.

"އެންމެ ފޮތެއް ލިޔެފައިވާ ފަރާތަކަށް ތަނެއް ކުއްޔަށް ނަގައިގެން ނުވަތަ ކުލި ދައްކައިގެން ފޮތް ވިއްކުމުގެ ބަދަލުގައި ބީސީސީގެ ބިޒްނަސް ހަބުން އެ ފޮތް ވިއްކާދިނުމަށްފަހު ފައިސާ ލިބޭނެއެވެ. ނުވަތަ ގިނަފޮތް ލިޔެފައިވާ ފަރާތެއްނަމަ ބުކް ޝެލްފުން ތަނެއް ބައްލަވައިގަންނަވައިގެން ވިއްކުމުގެ ފުރުސަތުވެސް އޮންނާނެ." ސާމިހް ވިދާޅުވިއެވެ.

މީގެއިތުރުން އެންމެ ފުރަތަމަ ފްލޯ ޚާއްސަކުރަނީ ކާއެއްޗެތި ތައްޔާރުކުރާ ފަރާތްތަކަށެވެ. އެގޮތުން ގޭތެރޭގައި ޕޭސްޓްރީ ކަހަލަ ތަކެތި ތައްޔާރުކުރާ ފަރާތްތަކަށް ފިހާރައެއް ހުޅުވުމުގެ ބަދަލުގައި އެސްއެމްއީ ހަބުން ކިއޮސްކެއް ބައްލަވައިގަނެގެން އެމީހެއްގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ބީސީސީން ބުނެއެވެ.

ސާމިހް ވިދާޅުވީ، 2 ވަނަ ފްލޯ ގައި ހުންނާނީ މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ސެލޫންއަކާއި އާޓް އެންޑް ކްރާފްޓް އެއްޗެތި ވިއްކޭނެ ކިއޮސްކްތަކެއްކަމަށެވެ. އަދި މިތަނުގައި މިނީ ސިނަމާއެއް ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އާރޓް އެއްޗެތި ވިއްކޭނެ އާޓް ގެލެރީ ސްޕޭސް އެއްވެސް އިންނާނެ. ދެން މިނީ ސިނަމާއެއްވެސް މީގެތެރޭގައި ހިމެނޭނެ. މިނީ ސިނަމާއަކީވެސް އަޅުގަނޑުމެންގެ ބޭނުމަކަށްވީ ފިލްމް އެއްޗެތި ރިލީޒް ކުރުމުގެ ކުރިން ނޫނީ ފަންނާނުންނަށްވެސް ހެޔޮ އަގެއްގައި ތަނެއް ބުކްކޮށްލައިގެން އެފަރާތްތަކުގެ އުފެއްދުން ނޫނިއްޔާމު އާޓް ޑިސްޕްލޭ ކުރެވޭނެ ގޮތެއް ހޯދަދިނުން." ސާމިހް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހުޅުވި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނަކީ ރާއްޖޭގެ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި މި ވިޔަފާރިތައް ފަށައި ކުރިއަރަން ބޭނުންވާ އެކިއެކި އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ. ބީސީސީގެ ދަށުން އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ހުޅުވައި މި ފިހާރަތަކުންވެސް އަންނަނީ ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް ވިއްކަމުންނެވެ.