ޚަބަރު

އަހަރުގެ މިހާތަނަށް ބައި މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް


މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ބައި މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބައި މިލިއަން ހުރަސްކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުކަމަށެވެ. އަދި މިވަގުތު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަމުން ދަނީ އިނގިރޭސިވިލާތުންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައިވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 މާކެޓްގެ ތެރެއިން އެއްވަނަ މާކެޓުގެ ގޮތުގައި އިނގިރޭސިވިލާތް ހިމެނުނު ފަހަރުކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.


ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ހަތަރު ލައްކަ ނުވަދިހަ އަށްހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެ އައިސްފައިވަނީ ތިން ލައްކަ ސާޅިސް ދެހާހަށްވުރެ ގިނަ ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ އިތުރުން ދެން ހިމެނެނީ އިންޑިއާ، ރަޝީއާ، ޖަރުމަނުވިލާތް، އިޓަލީ، ފަރަންސޭސިވިލާތް، ސުވިޓްޒަލޭންޑް، އޮސްޓްރިއާ އަދި ސައުދީ އަރަބިއްޔާއެވެ.

ރާއްޖެއިން ވަނީ މިއަހަރުތެރޭ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ. އަދި މި އަމާޒް ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި ސަރުކާރާއި އަމިއްލަ ކުންފުންފުނިތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.