ޚަބަރު

އިޖްތިމާޢީ ބޯހިޔާވަހިކަމަކުން އިޖްތިމާޢީ އެތައް މައްސަލަތަކެއް!


ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫޢުގެ ދަށުން ޢިމާރާތްކުރި ފްލެޓްތަކަކީ އިޖްތިމާޢީ ބޯހިޔާވަހިކަމަށް އަމާޒުކޮށް ރާއްޖޭގައި ހިންގި އެންމެ ބިޔަ މަޝްރޫޢުއެވެ. މި މަޝްރޫޢު ފެށުނު ހިސާބުން ފެށިގެން މީހުން ދިރިއުޅެން ފެށުމާއި ހަމައަށްވެސް ޝަކުވާތައް ގިނަވެ އެކަންކަންވަނީ ހައްލުކުރުމަށް ދަތި މައްސަލައަކަށް ވެފައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި 7000 ހައުސިން ޔުނިޓްގެ ހިޔާ މަޝްރޫޢު، އެސަރުކާރު ނިމިގެން ދިޔައިރުވެސް ނިންމާލެވިފައެއް ނުވެއެވެ. އެ ސަބަބާހުރެ ފްލެޓުތައް ނިންމާލުމުގެ ބޮޑު ޒިންމާ ނަގަން ޖެހުނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށެވެ. އޭގެ ތެރޭގައި ޓަވަރުތަކުގެ މަސައްކަތް ނިންމުމާއި އެޕާޓްމަންޓުތަކުގެ މަސައްކަތާއި، ފްލެޓްތަކުގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމާއި އެނޫނަސް އެތައް އަސާސީ ޚިދުމަތެއް ފަށަން ޖެހުނެވެ. ނަތީޖާއެއްގެ ގޮތުން ފްލެޓްތައް ނިންމުމަށް ބޮޑު ޚަރަދެއްކޮށް ދިގު މުއްދަތެއް ފާއިތުވެގެން ދިޔައެވެ. މިއާއެކު ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތަށް އިތުރު ޚަރަދުތަކެއް ހިނގާނެތިއާއި، މަޝްރޫޢު ހިންގުމަށް ނަގާފައިވާ ލޯނު އަނބުރާ ދެއްކަންޖެހުމާއި އެޗްޑީސީއަށް އުފުލަންޖެހޭ މާލީ ބުރަ ބޮޑުވެ ސަރުކާރުން އެ ފްލެޓްތައް ހައްގުވެރިންނާއި ހަވާލުކުރިއެވެ. އެއީ ކުލީގެ ގޮތުގައި 7500 ރުފިޔާއާއި މެއިންޓަނަންސް ފީގެ ގޮތުގައި ނަގާ 1000 ރުފިޔާއާއެކު 8500 ރުފިޔާއަކީ ފްލެޓްތަކުގެ ކުލިކަމަށް ކަނޑައެޅުމަށްފަހުއެވެ. އެއީމާލޭ ސަރަހައްދުގައި ނަމަ ދެ ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ދޭ އަގަށްވުރެ ބޮޑުތަނުން ހެޔޮ އަގެކެވެ.

ނިސްބަތުން ބަލާއިރު ސައިޒުން ކުޑަކޮށް ޑިޒައިންކޮށްފައިވާ އެ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްކުރުމަށް ދިން މުއްދަތާއެކު ސަރުކާރުން އެ ފްލެޓްތަކުގެ ކުލި ނެގުން ތިން ފަހަރެއްގެ މަތިން ގާތްގަނޑަކަށް 9 ވަރަކަށް މަސް ފަސްކޮށްދެއްވިއެވެ. އަދި މިމަހުން ފެށިގެން އެ ފްލެޓުތަކުން ކުލި ނަގަން ފެށިއެވެ.

ކުރީ ސަރުކާރުން ހިސާބު ޖެހީ ގޯސްކޮށް:

ރައީސް ޔާމިންގެ 2018ގެ ރިޔާސީ ކެމްޕޭނަށް އަމާޒުކޮށް ނިންމުމަށް މަސައްކަތް ކުރަމުންއައި ހިޔާ މަޝްރޫއު އެ ސަރުކާރު ނިމުނު އިރު ނިންމާ ލެވިފައި ނުވިނަމަވެސް، ސަރުކާރު ބަދަލުވާނެކަން ކަށަވަރުވި ހިސާބުން ފްލެޓްތައް އޭގެ ހައްގުވެރިންނަށް ދޭންކަމަށް ބުނެ ލިސްޓްތަކެއް އާންމުކުރުން ފޯރިއާއެކު ކުރިއަށްދިޔައެވެ. ފްލެޓްތަލުގެ ކުލި ވަކި މިންގަޑަކަށް ފައްތާނެކަމަށް ބުނެ އަގުތަކެއްވެސް އާންމު ކުރިއެވެ. އެގޮތުން އޭރުގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒުވަނީ، އެ ފްލެޓްތައް އެހާތަނަށް މުޅިން ނިންމާލެވިފައި ނުވިނަމަވެސް، އެޕްލައި ކޮށްފައިތިބި މީހުންގެ ލިސްޓުތައް އެކުލަވާލާ، އިންތިޚާބު ނިމި، އެހެންނަމަވެސް އައު ސަރުކާރު ހުވާ ކުރުމާ ދެމެދު ލިބުނު މުއްދަތުގައި، ފްލެޓްތައް މީހުންނާ ހަވާލުކޮށް، އެ މުއްދަތުގެ ތެރޭގައި ފްލެޓްތަކުގެ ކުލިވެސް ކަޑައަޅާފައެވެ. އެއީ 5400 އާއި 6600 ރުފިޔާއާއި ދެމެދުގެ ކުއްޔެކެވެ.

މި ސަރުކާރުން ހިޔާ ފްލެޓްގެ ކުއްޔަކީ 8500 ރުފިޔާ ކަމަށް ކަނޑައެޅުމުގެ ކުރިން މަޝްރޫއުގެ ކުއްޔާ ގުޅޭގޮތުން ފައިނޭޝަން އޮޑިޓެއް ހަދާފައިވެއެވެ. އެ އޮޑިޓްގައި ކުރީ ސަރުކާރުން ހިޔާ ފްލެޓްގެ އަގުތަކާއި ހިސާބުތައް ހަދާފައިވަނީ ރަނގަޅަށް ނޫންކަން ހާމަވިއެވެ. ދާދި ފަހުންވެސް އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވަނީ އެކަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ފާހަގަކުރައްވާފައެވެ.

ހިޔާ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެދި 5 ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅާފައިވެއެވެ. ނަމަވެސް ކުރީ ސަރުކާރުން މަސައްކަތް ޙަވާލުކުރީ އެންމެބޮޑު އަގު ހުށައެޅި ކުންފުންޏާކަން ހާމަވެފައިވެއެވެ. ފްލެޓް ހެދުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައިވަނީ ޔުނިޓެއް 62000 ޑޮލަރަށް ހަދައިދޭ ކުންފުންޏަށެވެ. މިއަގުތަކާއެކު ހިޔާ ފްލެޓްގެ އަކަފޫޓަކަށް 1637ރުފިޔާ ޖެހެއެވެ.

ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގެ ކުލި 5400އަށް ކުޑަކުރެވޭނެކަމަށް ކުރީ ސަރުކާރުން ވިދާޅުވި ނަމަވެސް ފްލެޓުތަކުގެ ކުލީގެ ގޮތުގައި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި 6،600ރުފިޔާ އަކީ ގޯސް ހިސާބެއް ކަމަށް އޮޑިޓުން ވަނީ ދައްކާފައެވެ. އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ މަހު ކުލި 6،600 ރުފިޔާއަށް ކުޑަކުރިނަމަވެސް ލޯނު ދައްކަން އިތުރު 9.2 ބިލިއަން ރުފިޔާ ބޭނުންވާނެކަމަށެވެ.

އެޗްޑީސީން މިހާތަނަށް ލޯނުގެ ގޮތުގައި 700 މިލިއަން ޑޮލަރު ނުވަތަ10.7 ބިލިއަން ރުފިޔާ ނަގާފައިވާއިރު އޭގެ ތެރެއިން ހަ ބިލިއަން ރުފިޔާއަކީ ހިޔާ މަޝްރޫއަށް ނަގާފައިވާ ލޯނެވެ. އެހެންކަމުން އެ ލޯނުގެ ބުރަ ސަރުކާރުން ނުއުފުލައި ދެއްކޭނީ އެންމެ ކުޑަވެގެން 11،000 ރުފިޔާ ދައްކައިގެންކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ. އޮޑިޓަރ ޖެނެރަލް ވިދާޅުވީ، އެއީ ވިޔަފާރީގެ އުސޫލުން ސަސްޓެއިނަބަލް ގޮތެއްގައި އެކުންފުންޏަށް ހަމަޖެއްސޭނެ އަގެއް ކަމަށެވެ.

އޮޑިޓް ރިޕޯޓުން ފެންނަ ގޮތުގައި މިފަދަ ހައުސިންގ މަޝްރޫޢުތަކުގެ ޔުނިޓުތައް ވިއްކާނެ އަގު ކަނޑައެޅުމަށް އާންމުކޮށް ބޭނުންކުރާ މެތަޑަކީ އީކުއޭޓެޑް މަންތްލީ އިންސްޓޯލްމަންޓް (އީ.އެމް.އައި) މެތަޑް ކަމަށެވެ. ނަމަވެސް، 2018ވަނަ އަހަރު އޭރުގެ ހައުސިން މިނިސްޓްރީން ތައްޔާރުކޮށްފައިވާ ހިސާބުގައި 20 އަހަރުގެ މުއްދަތަށް، މަހަކަށް 6،600 ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކުމުން، ޔުނިޓަކަށް ފައިނޭންސް ކޮސްޓްގެ ގޮތުގައި ނެގިގެންދާނީ 99،647 ރުފިޔާ ކަމަށްވާއިރު، އީ.އެމް.އައި މެތަޑަށް ހިސާބު ހަދައިފިނަމަ، ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން 1،245،879 ރުފިޔާ ޖެހޭނެކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން، ކުރީ ސަރުކާރުން، ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ކަނޑައެޅި ކުއްޔަށް ބަރޯސާކޮށް، އަދި އެއަަށްވުރެވެސް ކުލި ކުޑަކުރުމަށް މިހާރު ކުރެެވެމުންދާ ޑިމާންޑްތަކަށް ރަގަޅަށް ފީނާ ފަތާ، އޭގެ އެންމެ ފުނާއި ހަމައަށް ދަތުރު ކުރާއިރު، މިހާރު ކުރެވެމުންދާ ޑިމާންޑްތަކާއި އެއްގޮތަށް އެޗްޑީސީއަށް މި ފްލެޓްތަކުގެ ކުލި މިހާރު ހުރިވަރަށްވުރެ ކުޑަ ކުރެވޭނޭ ގޮތެއް އޮތް ކަމަކަށް ފެންނާކަށް ނެތެވެެ. އޭގެ އެއް ސަބަބަކީ، ހިޔާ ފްލެޓްތަކުގެ ކުލި މިހާރުގެ ޑިމާންޑްތަކާއި އެއް މިންވަރަކަށް ކުޑަ ކުރުމަކީ، މާލީގޮތުން އޭގެ ހިސާބުތައް ދެކޮޅު ޖެއްސޭނޭ ކަމެއްގެ ގޮތުގައި ހިސާބުތަކުން ނުދައްކާތީއެވެ. އަދި ދެވަނަ ސަބަބަކީ ލޯނު ނަގައިގެން އިމާރާތް ކޮށްފައިވާ މި ފްލެޓްތަކުގެ ކުލި ކުޑަ ކޮށްގެން، ދަރަނީގައި ސަރުކާރަށް ލޯންދައްކަމުން ކުރިޔަށް ދެވިދާނެތޯ އަދި ކުރިޔަށް ދެވޭނީ ކިހާ މުއްދަތަކަށް ކުރެވޭ ސުވާލަށް ދޭންޖެހޭ ޖަވާބެއް ނެތުމެވެ.

އޮޑިޓަރ ޖެނެރަލް ވިދާޅުވާގޮތުގައި ހިޔާ މަޝްރޫޢުގެ ލޯން ރަނގަޅަށް މެނޭޖު ނުކުރެވިއްޖެނަމަ އެޗްޑީސީއަށް މާލީ ގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެއެވެ.

ކުލި ކުޑަކުރޭ!

ކުރިންވެސް ފާހަގަކުރި ފަދައިން ހިޔާ މަޝްރޫޢުއަކީ ކުރީ ސަރުކާރުން ނެގި ބޮޑު ލޯނަކާއެކު ފެށި މަޝްރޫއެކެވެ. 24 ފަންގިފިލާ ހިމެނޭ 16 ޓަވަރުގެ މަޝްރޫޢު ހިންގާފައިވަނީ ބޮޑު ދެ ލޯނަކުން ފައިނޭންސް ކޮށްގެންނެވެ. މީގެ ތެރޭގައި ހިމެނެނީ، އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ ލިމިޓެޑް (އައި.ސީ.ބީ.ސީ) އިން ނަގާފައިވާ 368,900,000 ޑޮލަރުގެ ލޯން ފެސިލިޓީއަކާއި، ކްރެޑިޓް ސްއިސް އޭޖީ، ސިން ގަޕޯރ ބްރާންޗް (ސީ.އެސް) އިން ނަގާފައިވާ 65,100,000 ޑޮލަރުގެ ލޯން ފެސިލިޓީއާއި އެކު، ޖުމްލަ 434,000,000 މިލިއަން ޑޮލަރު ލޯންގެ ގޮތުގައި ދިވެހި ސަރުކާރުން ނަގައިގެންނެވެ.

އަދި މިއިން ކޮންމެ ލޯނަކަށްވެސް 2 އަހަރުގެ ގްރޭސް ޕީރިއަޑެއް ލިބިގެން ގޮސްފައިވާއިރު، މީގެތެރެއިން އައި.ސީ.ބީ.ސީއިން ނަގާފައިވާ ލޯނު 15 އަހަރު ތެރޭ ދައްކާ ޚަލާސް ކުރަން ޖެހެއެވެ. އަދިސީ.އެސް އިން ނަގާފައިވާ ލޯނު 5 އަހަރުގެ ތެރޭގައި ދައްކާ ޚަލާސް ކުރަންޖެހެއެވެ. ބޮޑެތި ލޯންތަކަށް ބަރޯސާކޮށް، ހިންގާފައިވާ މިފަދަ ބޮޑު މަޝްރޫޢުތަކާއި ގުޅުންހުރި މާލީ މުއާމަލާތުތަކަށް ޑިމާންޑުކޮށް ކުލި ކުޑަކުރުމަށް ގޮވާލާ ހުރިހާ ގޮވާލުންތަކަށް ދީލާލުން ވެގެންދާނީ ސަރުކާކާރުގެ ކުރިމަތީގައި އޮންނާނެ ބޮޑު ގޮންޖެހުމަކަށެވެ. އެއީ ހިޔާ މަޝްރޫޢުގެ ދަރަނި ދެއްކުމުގެ ޒިންމާ ސަރުކާރަށް އުފުލެން އޮންނާނީ، އެ ތަނުން ލިބޭ ކުއްޔަށް ސީދާގޮތުން ބަރޯސާ ކޮށްގެން ކަމަށްވާތީއެވެ.

ގިނަ ބަޔަކު ކުލި ދައްކާ:

ހިޔާ މަޝްރޫޢުގެ ފްލެޓަށް ކަނޑައަޅާފައިވާ އަގަކީ މާލޭގެ އާންމު ކުލިތަކާ އަޅާ ބަލާއިރު، ނިސްބަތުން ކުޑަ ކުއްޔެކެވެ. ކުލި ދައްކަން އެޗްޑީސީން އެންގުމާއި އެއްގޮތަށް ގިނަ ބަޔަކު ދަނީކުލި ދައްކަމުންކަަމް އެކުންފުނިން ބުންޏެވެ. ނަމަވެސް ކޯވިޑް-19އާއި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމާއެކު ޢާންމު ރައްޔިތުންގެ މާލީ ހާލަތު ހުރި މިންގަޑުތަކަށް ބަލާ ކުލި ކުޑަކުރުމުގެ ޖަޒްބާތުތައް އަންނާނެކަން ޤަބޫލުކުރަންޖެހެއެވެ.

މުޅި ޕްރޮޖެކްޓަށް ވަށައިޖެހޭ ނަޒަރަކުން ވިސްނުން ހިންގާލާއިރު، މި ފްލެޓްތަކުގެ ކުލި މިހާރު ހުރި މިންވަރު ނޫން އެހެން މިންގަޑަކަށް މިވަގުތަށް ބެހެއްޓިދާނޭ މަގެއް މާލީ ހިސާބުތަކުން ފެންނާން ނެތެވެ. އަދި ސަރުކާރުގެ ދަރަންޏާއި މާލީހާލަތަށް ރިއާޔަތްކުރާއިރު، ފްލެޓްތަކުގެ ކުލި ކުޑަކޮށްގެން، އެޗްޑީސީއަށްވެސް އަދި ސަރުކާރަށްވެސް ދިގުމުއްދަތަކަށް، ގެއްލުމުގައި ކުރިޔަށް ނުދެވޭނެކަމީވެސް ޔަޤީންކަމެކެވެ.

ހިޔާ މަޝްރޫޢުއާއެކު އިތުރު އެތައް މައްސަލަތަކެއް:

ހިޔާ ފްލެޓުގައި ދިރިއުޅެން މީހުން ބަދަލުވެ 2000އަށް ވުރެ ގިނަ މީހުން އަންނަނީ ދިރިއުޅެމުންނެވެ. މިއާއެކު ސަރުކާރަށް މަޖުބޫރުވީ އެމީހުންނަށް ބޭނުންވާ އަސާސީ އެތައް ޚިދުމަތެއް އަވަހަށް ފަށާށެވެ. ބަހުގެ ޚިދުމަތާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމެވެ. އެކަންކަން ސަރުކާރުން ކޮށްދީ ފުރިހަމަކޮށްދީފިއެވެ. އެހެން ބައެއް މަޝްރޫއުތައްވެސް ދަނީ ކުރިއަށެވެ. ނަމަވެސް ހައްލު ކުރަން އުނދަގޫވި އެއް މައްސަލައަކީ ކުނީގެ މައްސަލައެެވެ. ކުނި އެޅުމަށާއި، ކުނި ނެގުމަށް ވެމްކޯއާއި ގުޅިގެން އިންތިޒާމްތަކެއް ހަމަޖައްސާފައި އެބައެތެވެ. ނަމަވެސް އެތައް ސަތޭކަ ބަޔަކު ދިރިއުޅޭ އެ ސަރަހައްދުގައި އަބަދުވެސް ކޮންމެވެސް ކުނި ފުންޏެއް ނުހުންނަ ދުވަހެއް މަދުވާނެއެވެ. އެތަނުގައި އަލިފާން ރޯކޮށްނުލާ ދުވަހެއްވެސް މިހާރު މަދެވެ. އެކަމުގެ ސަބަބުން އެތައް ބައެއްގެ ހިތުގައި ބިރުވެރިކަން އުފެދި އެތައް ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވެއެވެ.

ދެން އޮތީ އެއަށްވުރެ ބިރުވެރި ވާހަކައެކެވެ. ހިޔާގެ އެކި ޓަވަރުތަކުގައި ހަރުކޮށްފައިވާ ލިފްޓްތައް ކުއްލިކުއްލި އަށް ސޮއްސާލާ މައްސަލައެވެ. މީހުން ދިރިއުޅެން ފެށީންސުރެ ލިފްޓްތަކުގައި މައްސަލަ ޖެހުން ޢާންމުވެ އެތައް ބަޔަކު ލިފްޓްތައް ބޭނުންކުރަން ފަސް ޖެހެއެވެ. ލިފްޓް ސޮއްސައިގެން ގޮސް އެތައް ފްލޯއަކަށް މަޑުނުކޮށް އައިސް ކުއްލި އަކަށް މަޑުކުރަނީ ދާން ބޭނުންނުވާ ފްލޯއަކަށެވެ. އެފަދަ އެތައް ޝަކުވާއެއް އެބައޮތެވެ.

ކޮންމެއަކަސް މާލީ ގޮތުންނާއި އެހެނިގެން ގޮތްގޮތުންވެސް ސަރުކާރަށް ބޮޑު ބުރައެއް އުފުލަންޖެހިފައިވާ މި މަޝްރޫއުން ކުލި ނަގައިގެން ނުވާނެ ކަމަށް ބުނެ ގޮވަމުންދާއިރު ގިނަ ޑިމާންޑްތަކަކީ، ސަރުކާރަށް އޮތް ބޮޑު ގޮންޖެހުމަކަށް ވަނީ ވެފައެވެ.