ވިޔަފާރި

ދިވެހިން އުފެއްދުންތަކާއި އެކު 100 ވުރެ ގިނަ ވިޔަފާރިވެރިން


ދިވެހި އުފެއްދުންތަކަށް ހާއްސަކޮށް ހުޅުވާލީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުގައި މުދާ ވިއްކާ މީހުންގެ އަދަދު 130 އިން މައްޗަށް އަރާފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނެފިއެވެ. އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިގަމުން ގެންދާ މިތަނުގައި ގިނަ ފިހާރަތަކެއް މިހާރު މާލެއާއި ރިސޯޓްތަކުގައި ވަނީ ހުޅުވާފައެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއަކީ 2017 ވަނަ އަހަރު އުފައްދާފައިވާ ސަރުކާރުގެ %100 ހިއްސާވާ ކުންފުންޏެކެވެ. 2017 ވަނަ އަހަރު ބީސީސީ އުފެއްދިނަމަވެސް ބީސީސީގެ މަސައްކަތްތައް ބާރު ސްޕީޑްގައި ފަށައި ކުރިއަށްދާން ފަށާފައިވަނީ 2019 ވަނަ އަހަރުގެ މެދުތެރޭގައެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އަންނަނީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި އެ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އޮތެންޓިކް މޯލްޑިވްސްގެ ނަމުގައި ފިހާރަ ހުޅުވައި އެ ފިހާރަތަކުން އަންނަނީ ދިވެހި އުފެއްދުންތައް ވިއްކަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ބީސީސީގެ ހެޑް އޮފް މާކެޓް އެކްސެސް ބިޒްނަސް ޑިވެލޮޕްމަންޓް، މުހައްމަދު ޖައުޝަން ވިދާޅުވީ، އޮތެންޓިކް މޯލްޑިވްސް ފެށުމުގެ މައިގަނޑު މަޤްސަދަކީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރެދީ މާކެޓް ކުރެވޭނެ ގޮތެއް ހޯދާ ދިނުންކަމަށެވެ.

އޮތެންޓިކް މޯލްޑިވްސްގެ އެންމެ ފުރަތަމަ ފިހާރަ ހުޅުވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީ ޕްރީގައި 2020 ވަނަ އަހަރުގެ ޖަނަވަރީ މަސް ތެރޭގައެވެ. އެފިހާރައަށް ލިބުނު ތަރުހީބަށް ބަލައި 2 ވަނަ ފިހާރަ ހުޅުވީ ނޮވެމްބަރ 2020 ގައި ހުޅުމާލޭ ސެންޓްރަލް މޯލްގައެވެ. މިހާރު މާލެއާއި އަދި ރާއްޖޭގެ ބައެއް ރިސޯޓްތަކުގައިވެސް އަންނަނީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ހިންގަމުންކަމަށް ޖައުޝަން ވިދާޅުވިއެވެ.

"އޮތެންޓިކް މޯލްޑިވްސް ފުރަތަމަ ފަށައިގަނެގެން އައިއިރު 50 ސަޕްލަޔަރުން ފަށައިގެން އައިސް މިހާރު 130 އަށްވުރެ ގިނަ ސަޕްލަޔަރުން މަސައްކަތް ކުރަމުން އެބަދޭ. އަޅުގަނޑުމެން މިލިބޭ ތަރުހީބަށް ބަލާފައި ދިވެހި އުފެއްދުންތައް އިތުރަށް ޕްރޮމޯޓްކުރުމަށްޓަކައި އަޅުގަނޑުމެންގެ އިތުރު އައުޓްލެޓްތައް މިއަންނަނީ ހުޅުވަމުން. އެގޮތުން މާލޭގައި އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް މާރޗް 2021 ގައި ހުޅުވިގެން އައިސް އަޅުގަނޑުމެންގެ ފުރަތަމަ ރިސޯޓްގައި ހުޅުވިގެން އައި އައުޓްލެޓަކަށް ހުޅުވިގެން މިއައީ ކުޑަވިލިނގިލި ރިސޯޓްގައި އޮކްޓޯބަރ 2021 ގައި." ޖައުޝަން ވިދާޅުވިއެވެ.

ޖައުޝަން ވިދާޅުވީ، އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި ތަކެތި ވިއްކަން ފެށި ބައެއް ވިޔަފާރިވެރިން ޕާޓްޓައިމްކޮށް އެ މަސައްކަތް ފެށި ނަމަވެސް މިހާރު ފުލްޓައިމްކޮށް އެކަމަށް ހުސްވެގެންވެސް އެކަން ކުރަމުންދާކަމަށެވެ. ކޮންމެ މީހަކަށްވެސް އޮތެންޓިކް މޯލްޑިވްސްގައި ދިވެހި އުފެއްދުން ވިއްކުމުގެ ފުރުސަތު އޮންނާނެކަމަށް ޖައުޝަން ވިދާޅުވިއެވެ. އެތަނުގައި ވިއްކަން ބަހައްޓާ ތަކެއްޗަކީ އުފެއްދުމެއްގެ %30 ރާއްޖޭގައި އުފައްދާފައި ހުންނަންޖެހޭ އެއްޗިއްސަށް ވާންޖެހެއެވެ.

" އޮޓެންޓިކް މޯލްޑިވްސްގައި ސަޕްލަޔަރެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ވަރަށް ފަސޭހަވާނެ. އަޅުގަނޑުމެންގެ އެޕްލިކޭޝަން ފޯމު ފުރާލާފައި އަޅުގަނޑުމެންނަށް އީމެއިލް ކޮށްލުން ނުވަތަ އަޅުގަނޑުމެންނަށް އޮޓެންޓިކް މޯލްޑިވްސްގެ ވެބްސައިޓުން "ބިކަމް އަ ސަޕްލަޔަރ" ފޯމު މެދުވެރިކުރައްވައި އަޅުގަނޑުމެންނަށް އެޕްލައި ކޮށްލެވޭނެ. މީގަ ފޯމާއިއެކު ހުށައަޅަންޖެހޭ ޑޮކިއުމަންޓަކަށް މި އިންނަނީ އައިޑީކާޑު ކޮޕީއާއި، އޭގެ އިތުރުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާނަމަ ވިޔަފާރި ރަޖިސްޓްރީކުރިކަމުގެ ލިޔުން. ދެން އެބޭފުޅުން އަޅުގަނޑުމެންގެ އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުގައި ވިއްކަން ބޭނުންވާ މުދަލެއްގެ ތަފްސީލް ފޯމާއިއެކު ހުށައަޅަން ޖެހެނީ." ޖައުޝަން ވިދާޅުވިއެވެ.

އޮތެންޓިކް މޯލްޑިވްސްގެ ވެބްސައިޓްވެސް ވަނީ ލޯންޗްކޮށްފައެވެ. ވެބްސައިޓް ލޯންޗްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ އުފެއްދުންތައް ރާއްޖެއިން ބޭރުގެ މާކެޓަށް ވިއްކޭނެ ފުރުސަތު ފަހިކުރުންކަމަށް އޮތެންޓިކް މޯލްޑިވްސްއިން ބުނެއެވެ. ވެބްސައިޓް މެދުވެރިކޮށް އެންމެ ފުރަތަމަ އެއްޗެއް ގަނެފައިވަނީ ޑެންމާކްގެ ކޯޕަންހޭގަންއިންނެވެ. ވެބްސައިޓްއަށް ލިބެމުން އަންނަ ތަރުހީބު އިތުރުވަމުން އަންނަކަމަށް އޮތެންޓިކް މޯލްޑިވްސްއިން ބުނެއެވެ.