ޚަބަރު

ޕާޓީތަކުގައި ދެން ރަޖިސްޓްރީ ވާނީ ފޯމުތައް އާންމުކުރުމަށްފަހު


ސިޔާސީ ޕާޓީތަކުގެ މެންބަރަކަށް ވުމަށްޓަކައި ސައްޙަ ނޫން ފޯމު ހުށައެޅުމުގެ މައްސަލަ ހައްލުކުރުމަށް، ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމުތައް ވަކި މުއްދަތަކަށް އާންމު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މިބަދަލަކީ އިލެކްޝަންސް ކޮމިޝަނަށް އޮޅުވާލައިގެން ހުށަހަޅާ ފޯމުތަކާއި، އެއްޕާޓީން އަނެއްޕާޓީއަށް މެމްބަރުން ބަދަލު ކުރާ މައްސަލައަށް ހައްލެއް ހޯދުމަށް ގެނެވޭ ބަދަލެކެވެ.

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައި ސައްޙަ ނޫން ފޯމު ހުށައެޅުމުގެ މައްސަލައަކީ ބޮޑު މައްސަލައަކަށް ވީނަމަވެސް މިކަން ހުއްޓުވޭނެ ހަރުދަނާ ނިޒާމެއް މިހާތަނަށް ރާއްޖޭގައި ޤާއިމްކުރެވިފައެއް ނުވެއެވެ. މިކަމަށް ހައްލެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެކޮމިޝަނަށް ހުށަހަޅާ ފޯމުތައް އާންމު ކުރުމަށް ނިންމާފައެވެ. ސިޔާސީ ޕާޓީތަކުންނާއި، އާންމު ފަރާތްތަކުން ހުށަހަޅާ ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ބެލުމަށްފަހު 7 ދުވަހުގެ މުއްދަތަކަށް އިލެކްޝަންސްގެ ދަފްތަރުގައި ހުށަހަޅާ ފޯމުތަކުގައި ހިމެނޭ މީހުންގެ މައުލޫމާތު އާންމު ކުރުމަށް ވަނީ ނިންމާފައެވެ.

މިއުސޫލު އެކުލަވާލުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނުން ވަނީ މިއަދު ސިޔާސީ ޕާޓީތަކާވެސް މަޝްވަރާ ކޮށްފައެވެ. އަދި އަންނަ ހަފްތާގައި ބާއްވާ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުމަށް މި އުސޫލު ހުށަހަޅައި ފާސް ކުރުމަށްފަހު، މިއުސޫލަށް އަމަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޗަނަށް ހުށަހަޅާ ފޯމުތަކަކީ ސައްހަ ފޯމުތަކަކަށް ހެދުމަށްޓަކައި، ކޮމިޝަނުން ވަނީ މިހާތަނަށްވެސް ގިނަ މަޝްވަރާތަކެއް ކޮށްފައެވެ. އަދި މިހާރުވެސް ސިޔާސީ ޕާޓީތަކުން އިލެކްޝަންސަށް ހުށަހަޅާ ފޯމަކީ ސައްހަ ފޯމަކަށް ހެދުމަށްޓަކައި، ސޮއިކުރާ މީހާގެ ފިންގާ ޕްރިންޓާއި، ސޮޔާއި، އަދި ދެ ހެކިވެރިއެއްގެ މައުލޫމާތުވެސް ހިމަނަން ޖެހެއެވެ.

އިލެކްޝަންސް ކޮމިޝަނަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގެ އެންމެންގެ ފިންގަފްރިންޓް ނުވަތަ އިނގިލީގެ ނިޝާން ހިމެނޭ ޑޭޓާ ބޭސްއެއް ނެތުމެވެ. ސަރުކާރުގެ މަޝްރޫއެއްގެ ދަށުން ރާއްޖޭގެ 18 އަހަރުންމަތީގެ ހުރިހާ އެންމެންގެ ފިންގަރ ޕްރިންޓް ނެގޭނެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ޕްލޭންތަކެއް މިހާރު ދަނީ ކުރެވެމުންނެވެ. މިމަސައްކަތާއެކު މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރެއެވެ.

ސިޔާސީ ޕާޓީތަކަށް ވަންނަ މީހުން ޕާޓީތަކުން ވަކިވާން ބޭނުންވާނަމަ 3 ގޮތެއް އިލެކްޝަންސް ކޮމިޝަނުންވަނީ ކަނޑައަޅާފައެވެ. ފުރަތަމަ ގޮތަކީ އެމީހަކު ހުރި ޕާޓީއަކަށް ވަކިވުމަށް އެދި ހުށަހަޅާތާ 14 ދުވަސް ތެރޭ ކަނޑައި ނުދީފިނަމަ އެމީހަކު އަމިއްލައަށް އިލެކްޝަންސަށް ހުށަހަޅައިގެން ޕާޓީން ވަކިވުމެވެ. އިލެކްޝަންސްގައި ޕާޓީން ވަކިވުމަށް އެދޭއިރު، ސިޔާސީ ޕާޓީއަށް ފޮނުވި ސިޓީގެ ކޮޕީއާއި، އެމައުލޫމާތު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކުގައި ހިމެނޭ މީހުންގެ ތެރެއިން ޕާޓީތަކުން ވަކިކުރަނީ، މިނިވަން މުއައްސަސާތަކާއި، ފުލުހުންނާއި ސިފައިންގެ އިތުރުން ޤާނޫނުގައި ކަނޑައަޅާފައިވާ މަޤާމުތަކަށް އައްޔަން ކުރާ މީހުން އެކަމަށް އެދި ހުށަހެޅުމުންނެވެ.