ޚަބަރު

މުލީ އެއަރޕޯޓް ރަންވޭއަށް ބޭނުންވާ ބިން ހިއްކަން އަންނަ މަހު ފަށަނީ


މީމު އެއަރޕޯޓްގެ ރަންވޭގެ މަސައްކަތައް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މި މަސައްކަތަށް މުލިން 14 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

މުލަކަތޮޅުގައި ތަރައްޤީކުރާ ފުރަތަމަ އެއަރޕޯޓް "މީމު އެއަރޕޯޓް" ތަރައްޤީކުރަނީ އަތޮޅު ވެރިކަން ކުރާ ރަށް މ.މުލީގައެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށް އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

އެއަރޕޯޓް ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާގޮތުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާ ކުރައްވަމުން އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވީ އެއަރޕޯޓް ފަޔަރ ބިލްޑިންގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ. އަދި ޓަރމިނަލް އިމާރާތް އެޅުމަށް ވާންޖެހޭ ތައްޔާރީތައް ސައިޓުގައި ކުރިއަށްދާކަމަށެވެ.

މުލީގައި އެއަރޕޯޓް އަޅަނީ އެ ރަށުގައި 2018ވަނަ އަހަރު ހިއްކި 40 ހެކްޓަރުގެ ބިމުގެ ސަރަޙައްދުގައެވެ. ނަމަވެސް އެއަރޕޯޓްގެ ރަންވޭގެ މަސައްކަތްތައް ކުރިއަށްގެންދެވެން އޮތީ ރަށުން އިތުރަށް ބިން ހިއްކައިގެންނެވެ. މި މަސައްކަތަށް އިތުރު 14 ހެކްޓަރުގެ ބިން ހިއްކަން ޖެހެއެވެ. މި މަސައްކަތުގައި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 1812 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުންވެސް ހިމެނެއެވެ.

ރަންވޭގެ މަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަންނަ މޭމަހު ފަށާނެކަމަށެވެ. މަސައްކަތް ލަސްވީ، ބޭނުންވާ ވަރަށް ގިނަ ވަސީލަތްތައް ރާއްޖެއަށް އެތެރެކުރުމުގައި ދަތިތައް ދިމާވެގެންކަމަށެވެ. އަދި ބިން ހިއްކުން އިތުރުކޮށް ކޮންސެޕްޓަށް ބަދަލު ގެންނަން ޖެހުމަކީވެސް މަސައްކަތް ލަސްވި އެއް ސަބަބުކަމަށެވެ.

އާޒިމް ވިދާޅުވީ ލަސްތަކާއެކުވެސް ކުރިއޮށް އެއް އަހަރުގެ ތެރޭގައި އެއަރޕޯޓްގެ ޢަމަލީ މަސައްކަތް މުޅިން ނިންމާ ސަރުކާރާއި ހަވާލުކުރާނެކަމަށެވެ.

މީމު އެއަރޕޯޓުގެ ރަންވޭއަކީ 1200މީޓަރު ދިގު، 30މީޓަރު ފުޅާ ރަންވޭއެކެވެ. ރަންވޭގެ އިތުރުން ޓެކްސީވޭއާއި، ފްލައިޓް ޕާކިން އޭރިއާއަކާއި، ޓަރމިނަލް އިމާރާތް އެޅުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ. މި މަޝްރޫޢަށް 221 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ.

މުލަކަތޮޅުގައި 38ރަށް އޮންނައިރު މީހުން ދިރިއުޅޭ އޮންނަނީ 8 ރަށެވެ. މުޅި އަތޮޅުގެ އާބާދީ 7000އިން މައްޗަށް އަރައެވެ.

މި އެއަރޕޯޓާއެކު ސަރުކާރުންވެފައިވާ، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓުގެ ތެރޭގައި އެއަރޕޯޓެއް އޮންނަ ރަށަކަށް ދެވުމުގެ ވަޢުދު ފުއްދޭނެއެވެ.