ޚަބަރު

"މޫސުމީ ބަދަލުތަކުން އަރައިގަތުމަށްވެސް ކޯވިޑާ ދެކޮޅަށް އެޅި ވިސްނުމުގައި ފިޔަވަޅު އަޅަންޖެހޭ"


މޫސުމީ ކާރިސާތަކުން އަރައިގަތުމަށް، ކޯވިޑް-19އިން އަރައިގަތުމަށް ޤައުމުތަކުން އަވަސްވެގަތް މިންވަރާއި ދިން އެއްބާރުލުން ބޭނުންވާކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމްވަނީ މޫސުމީ ބަދަލުތަކަކީ މިވަގުތު އިންސާނީ ދަރިފަސްކޮޅުގެ ދިރުމާއި ގުޅިފައިވާކަމެއްކަން ފާހަގަކުރައްވާފައެވެ.

"އަވަރ އޯޝަން ޕުލާއޯ"ގެ ނަމުގައި ކުރިއަށްދާ ސެވެންތް އަވަރ އޯޝަން ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްވަނީ ކުދި ޖަޒީރާ ޤައުމުތަކުން ކަނޑުތަކަށް ބަރޯސާވެފައިވާ މިންވަރުގެ ސަބަބުން މިފަދަ ޤައުމުތަކަށް ކުރިމަތިވާ އެއްގޮތް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ހަމަ އެކަނި ކުދި ޖަޒީރާ ޤައުމުތަކުގެ ބަދަލުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން މިހާރު ސީދާ އަސަރުކުރަމުންދަނީ އިންސާނުންގެ މުސްތަޤުބަލަށްކަން ފާހަގަކުރައްވާ މިނިސްޓަރ އަސްލަމް ވަނީ މިކަމުން އަރައިގަތުމަށް ޤައުމުތައް ގުޅިގެން ކޯވިޑުން އަރައިގަތުމަށް އެޅި އަވަސް ފިޔަވަޅުތައް އަޅަންޖެހޭކަމަށް ވިދާޅުވެފައެވެ. އެގޮތުން ޓެކްނޮލިޖީގެ އީޖާދީ ހޯދުންތަކުގެ އެހީތެރިކަމާއި ވަޞީލަތްތަކާއި ޙާލަތު ބަދަލުވަމުންދާގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުމުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދު ސީދާގޮތުން ކަނޑުތަކާއި ގުޅިލާމެހިފައިވާ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑުކަމުގައިވާ މަސްވެރިކަމާއި ފަތުރުވެރިކަމަކީ ރާއްޖެއަށް ޢާމްދަނީ ލިބިދޭ އަދި ވަޒީފާގެ ފުރުސަތު އެންމެ ފުޅާކޮށް އޮތް ދެ ސިނާޢަތްކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ. އެހެންކަމުން ކަނޑުތަކަށް އަންނަމުންދާ ބަދަލުތަކުގެ ސީދާ އަސަރު ރާއްޖެއަށް ކުރާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން މަސްވެރިކަން ކުރަނީ ދެމެހެއްޓެނިވި ވަޞީލަތްތައް ބޭނުންކޮށްގެންކަމަށާއި ރާއްޖެއިން ބޭރުކުރާ މަހުގެ ބާވަތްތަކަކީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ބާވަތްތަކަށްވާއިރު ރާއްޖޭގެ މަހުގެ ޕްރޮޑަކްޓްތަކަށް ލިބޭ މާކެޓް އެޑްވާންޓޭޖްތައް މަދުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި ތިމާވެއްޓަށް ގެއްލުންވާނެހެން ކުރާ މަސްވެރިކަމުން އުފައްދާ މަހުގެ ބާވަތްތަކާ އެއްހަމައެއްގައި ދިވެހި މަހުގެ ބާވަތްތައް ޤައުމުތަކުން ބަލައިގަތުމަކީ ބަދަލުކުރަންޖެހޭކަމެއްގެ ގޮތުގައި މިނިސްޓަރ ވިދާޅުވިއެވެ.

މިމަހުގެ 13 އަދި 14 ވަނަ ދުވަހު "އަވަރ އޯޝަން ޕުލާއޯ"ގެ ނަމުގައި ކުރިއަށްދާ ސެވެންތް އަވަރ އޯޝަން ކޮންފަރެންސް ކޯ-ހޯސްޓް ކުރަނީ ރިޕަބްލިކް އޮފް ޕުލާއޯއާއި އެމެރިކާއިންނެވެ. މީގެ ބޭނުމަކީ ޤައުމުތަކާއި ކަމާގުޅޭ އިދާރާތަކުން ކަނޑުތަކަށް އަންނަމުންދާ ބަދަލުތަކާއި އޭގެސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރުމެވެ. ވޭތުވެދިޔަ 6 ކޮންފަރެންސްގައި ބައިވެރިންވަނީ 91.4 ބިލިއަން ޑޮލަރުގެ ޚަރަދު ހިނގާ 1400 އަށްވުރެ ގިނަ ނިންމުން ނިންމާފައެވެ. އަދި ކަނޑުގެ 5 މިލިއަން އަކަމޭލުގެ ސަރަޙައްދެއް ޙިމާޔަތްކުރުމަށްވެސް ވަނީ ނިންމާފައެވެ.