ޚަބަރު

ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ތަރައްޤީކުރުމަށް ޓްރަސްޓް ފަންޑެއް


ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތުގެ ދާއިރާގެ ތަރައްޤީއަށް މަސައްކަތްކުރުމަށް އެހީތެރިކަން ހޯދުމަށް ފަންޑެއް ޤާއިމްކޮށްފިއެވެ.

“ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ތަރައްޤީކުރުމަށް އެހީވާ ޓްރަސްޓް ފަންޑް” ނަމުގައި ޤާއިމްކުރި ފަންޑާ ގުޅޭގޮތުން ކޮމިޝަނުން އެކުލަވާލާފައިވާ ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ތަރައްޤީކުރުމަށް އެހީވާ ޓްރަސްޓް ފަންޑުގެ ގަވާއިދު ފާސްކޮށް، މިއަދު ޢަމަލުކުރަންވެސް ވަނީ ފަށާފަވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ވިދާޅުވީ މި ޓްރަސްޓް ފަންޑަށް ޖަމާކުރާނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި އެކި ވިޔަފާރިތަކުންނާއި އެ ނޫންވެސް ފަރާތްތަކުން ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ތަރައްޤީކުރުމަށް އެހީގެ ގޮތުގައި ލިބޭ ފައިސާކަމަށެވެ.

މިގޮތުން މި ޓްރަސްޓް ފަންޑުން މައިގަނޑު 6 ދާއިރާއަކަށް ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފއެވެ. އޭގެ ތެރޭގައި ބްރޯޑްކާސްޓްކުރުމުގެ ސިނާޢަތުގެ ކުރިއެރުވުމަށް ހިންގާ ޙަރަކާތްތަކާއި ބްރޯޑްކާސްޓް ޚިދުމަތް ފަށައިގަންނަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތުދިނުމުގެ ގޮތުން އެހީތެރިވުން ހިމެނެއެވެ. މީގެ އިތުރަށް ބްރޯޑްކާސްޓް ދާއިރާގެ ކުރިއެރުމަށް މަގުފަހިކޮށްދޭ ދިރާސާކުރާ ފަރާތްތަކަށް އެހީތެރިވުމަށާއި ބްރޯޑްކާސްޓަރުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމަށް ހިންގޭ އެކި ޙަރަކާތްތަކަށާއި ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ތަޢާރަފްކޮށް ތަރައްޤީކުރުމަށްވެސް ޚަރަދުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ބްރޯޑްކާސްޓް ދާއިރާގެ ހޭލުންތެރިކަން އިތުރުކުރުމަށް ޙަރަކާތް ހިންގުމަށްވެސް މި ފަންޑަށް ލިބޭ ފައިސާއިން ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ވިދާޅުވީ ބްރޯޑްކާސްޓް ދާއިރާގެ ވަކި މަޝްރޫއެއް ހިންގުމަށް ޝަރުތުކޮށް ފަންޑަށް ފައިސާ ލިބިއްޖެނަމަ އެ ފައިސާ ޚަރަދުކުރާނީ އެކަމަށް ކަނޑައަޅާފައިވާ ބޭނުމަށް އަދި އެކަމަށް ކަނޑައަޅާފައިވާ މިންވަރަށްކަމަށެވެ. މީގެއިތުރުން، މި ޓްރަސްޓް ފަންޑް ހިންގުމަށް އެކުލަވާލާފައިވާ ހިންގާ ކޮމިޓީން ނިންމާ ކަންތައްތައް ކުރުމަށްވެސް މި ފަންޑުން ޚަރަދުކުރެވޭނެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ހިންގާ މި ޓްރަސްޓް ފަންޑްގެ ހިންގާ ކޮމިޓީ އެކުލެވިގެންވަނީ ކޮމިޝަންގެ ރައީސް، ކޮމިޝަނުން އައްޔަނުކުރާ ކޮމިޝަންގެ ދެ މެންބަރުންނާއި ކޮމިޝަންގެ މުވައްޒަފެއްގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ މަންދޫބެއްގެ މައްޗަށެވެ.

މި ފަންޑް ޤާއިމްކުރުމާއެކު، މި ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮމިޝަނުން ވަނީ އާންމުކޮށް ހުޅުވާލައިފައެވެ.