ޚަބަރު

މާލެ ކައިރިން ދަތުރުދާން ހަދާ ކުޑަގިރި ހިއްކާ ނިމިއްޖެ


މާލެ ސަރަޙައްދުގައި ދަތުރު ދިއުމަށް ތަރައްޤީކުރާ ކުޑަގިރި ފަޅު ހިއްކުމުގެ މަސައްކަތް ނިމިއްޖެއެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ، ފަޅު ހިއްކުމުގެ މަސައްކަތް ނިމި، މިހާރު ކުރަމުންދަނީ ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ކަމަށެވެ.

ކުޑަގިރި ފަޅު ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ޕްލޭނިން މިނިސްޓްރީއިން ވިދާޅުވީ ބިން ޙިމާޔަތް ކުރުމަށް ކުރިއަށްގެންދާ ބޮޑު ހިލަ ޖެހުމުގެ މަސައްކަތްތައްވެސް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މުޅިން ނިންމާނެކަމަށެވެ.

މިހާރު ކުރިއަށް ދަނީ ޕިކްނިކް އައިލެންޑްގެ ފެސިލިޓީތައް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތެވެ. މިނިސްޓްރީން ވިދާޅުވީ ރަށް ތަރައްޤީކުރާނީ ކުރިން މާލެ ސަރަޙައްދުގައި ދަތުރު ދިއުމަށް ބޭނުންކުރި ކުޑަބަނޑޮސް އޮތް ކޮންސެޕްޓަށްކަމަށެވެ.

ޕިކްނިކް އައިލެންޑްގައި ދުވަހު ކުއްޔަށް ދޫކުރާ ފެމިލީ ކޮޓަރިތަކާއި، ފާޚާނާ ބަރި ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް މިހާރުވަނީ އިޢުލާންކޮށްފައެވެ. އަދި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންނާއި، ހަޓް ތަކާއި ބާބަކިއު އޭރިއާތައްވެސް ރަށުގައި ތަރައްޤީކުރާނެކަމަށެވެ. މީގެއިތުރުން މޫދަށް އެރޭ މީހުން ބޭނުންކުރުމަށް ޗޭންޖިންގް ރޫމާއި، ލޮކަރާއި އަދި ނަރސިންގް ރޫމް އަދި ނަމާދު ކޮޓަރިވެސް ހުންނާނެއެވެ. ކުޑަގިރި ތަރައްޤީކުރަނީ އިވެންޓްތައް ބޭއްވޭނެ ޖާގައާއިވެސް އެކުގައެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ ރަށަށް ބޭނުންވާ ކަރަންޓާއި ފެނާއި ނަރުދަމާގެ މަސައްކަތްތައްވެސް ވަރަށް އަވަހަށް ފަށާނެކަމަށެވެ.

ކުޑަގިރި ފަޅަކީ މާލެއާއި 10.5 ކިލޯ މީޓަރު ދުރުގައި އޮންނަ ރަށެކެވެ. ސްޕީޑް ބޯޓެއްގައި މާލެއިން ކުޑަގިރިއަށް ދިއުމަށް ނަގާނީ ގާތްގަނޑަކަށް 15 މިނެޓެވެ. ކުޑަގިރި ހިއްކުމުގެ މަޝްރޫޢުގައި ހިމެނެނީ ދަތުރު ދިއުމަށް 8 ހެކްޓަރު ހިއްކުމާއި، ފިނޮޅެއްގެ ގޮތުގައި ހަދާ 1.5 ހެކްޓަރުގެ ބިމެވެ.

މާލޭގައި ދިރިއުޅޭ މީހުން ދަތުރުދިއުމަށް އެންމެ ކުރީއްސުރެ ބޭނުން ކުރަމުން އައިސްފައި ވަނީ ކުޑަ ބަނޑޮހެވެ. ނަމަވެސް ރިސޯޓެއް ހެދުމަށް އެރަށް ބަންދުކޮށްފައިވަނީ 2013ވަނަ އަހަރުއެވެ. ކުޑަބަނޑޮހަށް ދަތުރުދިއުން ޢާއްމުންނަށް ބަންދުވުމާއެކު މާލޭގައި ދިރިއުޅޭ މީހުން ހިތްހަމަ ޖައްސާލައި ދަތުރުދިޔުމަށް އޮތް ހަމައެކަނި ފުރުސަތު ބަންދުވީއެވެ.

މިހާރު މާލެ ސަރަޙައްދުގެ ގިނަ މީހުން ދަތުރުދަނީ ވިލިނގިއްޔަށާއި ހުޅުމާލެއަށެވެ. މާލެ ސަރަޙައްދާއި ކައިރި އަތޮޅުތަކުގެ ފިނޮޅުތަކާއި ފަޅު ރަށްތަކަށް ދިއުމަށް ބޮޑު ހޭދައެއް ކުރަންޖެހެއެވެ.

ކުޑަގިރި ފަޅު ހިއްކާ ތަރައްޤީކުރުމުގެ މަސައްކަތަކީ، މާލެ ކައިރިން ދަތުރު ދާނެ ރަށެއް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.