ވިޔަފާރި

އެމްއެމްޕީއާރުސީގެ ފުރަތަމަ މެންބަރު ކައުންސިލަކަށް ތޮއްޑޫ!


މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ)ގެ ފުރަތަމަ މެންބަރ ރަށު ކައުންސިލަކަށް އއ.ތޮއްޑޫ ކައުންސިލް ވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ މެންބަރުންގެގޮތުގައި ރަށްރަށުގެ ރަށު ކައުންސިލްތައް ހަމަޖައްސަން ނިންމީ ދާދިފަހުންނެވެ. މިގޮތައް ހަމަޖެއްސުމާއިއެކު ފުރަތަމަ މެންބަރު ރަށު ކައުންސިލްއަކަށް ވެފައިވަނީ ތޮއްޑޫއެވެ. ތޮއްޑޫއަކީ ރާއްޖޭގެ ގެސްޓްހައުސް ސިނާއަތުގައި މިހާރު ވަރަށް ބާރަށް ކުރިއަރަމުން އަންނަ ރަށެކެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ތޮއްޑޫ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ މެންބަރު ރަށު ކައުންސިލްއަކަށްވީ މިކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ރަށުގެ ލޯކަލް ޓޫރިޒަމްއަށް ލިބޭތީކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ މެންބަރަކަށް ވުމުގެ ސަބަބުން އެ ކުންފުނިން ރާއްޖެއިން ބޭރުގައި ބާއްވާ ފެއަރތަކުގައި ބައިވެރިވެ ޕްރޮމޯޓްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

ތޮއްޑޫ ކައުންސިލްގެ ވިސްނުން ހުރީ ތޮއްޑޫ ފަތުރުވެރިކަމުގެ ބްރޭންޑެއްގެ ގޮތުގައި މުޅި ދުނިޔެއަށް ޕްރޮމޯޓްކުރުމެވެ. މެންބަރޝިޕްގެ ސަބަބުން މިކަމަށް އެހީއަކަށް ވެގެންދާނެކަމަށް ކަރަމް ވިދާޅުވިއެވެ.

ތޮއްޑޫއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަށު ފަތުރުވެރިކަން ވަރަށްބާރަށް ކުރިއެރުވި ރަށެކެވެ. 3 ކޮޓަރީގެ ގެސްޓްހައުސްއަކާއެކު ތޮއްޑޫ ރަށު ފަތުރުވެރިކަމަށް ވަނީ 2013ވަނަ އަހަރުއެވެ. ދާދިފަހުން އެރަށުގައި ވަނީ 50ވަނަ ގެސްޓްހައުސް ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަކޮށްފައެވެ.