ޚަބަރު

ހިޔާގެ ފައިސާ ނުދެއްކުމަށް ބާރުއަޅާ މައްސަލަ އެޗްޑީސީއިން ކުށްވެރިކޮށްފި


ހިޔާ މާޝްރޫޢުގެ ދަށުން ކުލި ނުދެއްކުމަށް ބާރުއަޅާ ސޯޝަލް މީޑިއާގައި އަޑުއުފުލަމުންދާ ފަރާތްތަކުގެ އެޢަމަލު ކުށްވެރިކޮށް އޭގެސަބަބުން ގެއްލުމެއްވާނަމަ އެކަމުގެ ބަދަލު ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް ހުށައަޅާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެޗްޑީސީއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ހިޔާގެ އެގްރިމަންޓުގެ ދަށުން ފީދެއްކުމަށް ކަނޑައަޅާފައިވަނީ ހިޔާގެ ކޯޕަރޭޓިވް ސޮސައިޓީގެ ބޯޑު މެދުވެރިކޮށްކަމަށް ބަޔާންކޮށްފައިވާކަމަށް ބުނެ އެ ބޯޑު އަދި އެކުލެވިފައިނުވާތީ ފީދައްކަން ނުޖެހޭނެކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި މަޢުލޫމާތު ދެމުންދާކަމަށެވެ. އެހެންނަމަވެސް އެގްރިމަންޓުގެ 13 ވަނަ މާއްދާގެ ހަމަ އެމާއްދާގައި ހިޔާގެ ބޯޑު އެކުލަވާލެވެންދެން ފީދައްކަމުންދާން ވާނީ އެގްރިމަންޓު އެކުލަވާލާފައިވާ ފްލެޓު ވިއްކި ފަރާތާއި ފުލެޓު ގަތް ފަރާތާ ދެމެދު ޤާނޫނީ އިމުގެތެރެއިން އެކުލަވާލާފައިވާ އެއްބަސްވުމުގެ ދަށުން އެޗްޑީސީއަށްކަމަށް އެކޯޕަރޭޝަނުންވަނީ ވިދާޅުވެފައެވެ.

ހިޔާ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކުން އެއްބަސްވުމާ ޚިލާފަށް ފީދެއްކުން ފަސްކުރާނަމަ އޭގެ ގެއްލުންވަމުންދާނީ ފްލެޓުތަކުގެ ވެރިންނަށްކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ. އެހެންކަމުން ބަޔަކު ދައްކަމުންދާ ޙަގީގަތާ ޚިލާފު ވާހަކަތަކުގެ މައްޗަށް ބުރަވެ ފީދެއްކުން ފަސްނުކުރުމަށް އެޗްޑީސީއިންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ގަވާއިދުގައި ފައިސާ ދައްކަންޖެހޭ ފަރާތާއި އުސޫލު ސާފުކޮށް ބަޔާންކޮށްފައިވާއިރު ޢާއްމުނަށް އޮޅޭނެހެން ޙަގީގަތާއި ޚިލާފު ވާހަކަދައްކަާ ފަރާތްތަކުގެ ޢަމަލު އެޗްޑީސީއިންވަނީ ކުށްވެރިކޮށްފައެވެ. އަދި އެގޮތަށޤ ދޭ މަޢުލޫމާތު ތަކުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ކަމާބެހޭ ފަރާތްތަކަށް ހުށައަޅާނެކަމަށްވެސް އެޗްޑީސީއިން ވިދާޅުވެއެވެ.

ހިޔާ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކުން އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުވަނީ ހިޔާގެ ކުލިދެއްކުން 3 ފަހަރެއްގެ މަތިން ފަސްކޮށްދެއްވާފައެވެ. މިމުއްދަތިތައް ހަމަވެ ހިޔާގައި ދިރިއުޅޭ ފަރާތްތަކުން ކުލިދައްކަން ފަށާފައިވަނީ މިމަހުގައެވެ. އެހެންނަމަވެސް ރަމަޟާން މަހާދިމާކޮށް ކުލި ދައްކަން ފަށަންޖެހިފައިވާތީ މިމަހުގެ ނިޔަލަށް ޖޫރިމަނާއާއި ނުލާ ކުލިދެއްކޭނެ އިންތިޒާމު އެޗްޑީސީއިންވަނީ ހަމަޖައްސައިދީފައެވެ.

ހިޔާ ފްލެޓުތަކުގެ ކުލި ދެއްކުމަށް "މައި ހުޅުމާލެ" އޮންލައިން ވެބް ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ. މިގޮތުން my.hdc.com.mvއަށް ވަނުމަށްފަހު އީފާސް އެކައުންޓުން މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.