ޚަބަރު

ހޫގޯ ސްވަޔަރ، ޚާރިޖީ ވަޒީރު ދުންޔާ އާއި ބައްދަލުކުރައްވައިފި


އިގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތް އޮފީހުގެ ސްޓޭޓް މިނިސްޓަރ ހޫގޯ ސްވަޔަރ ޚާރިޖީ ވަޒީރު ދުންޔާ މައުމޫންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.ޚާރިޖީ ވުޒާރާގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި، ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި މެދު މަޝްވަރާތައް ކުރިއަށް ގެންދެވިފައިވާ ކަމަށް ޚާރިޖިއްޔާ އިން ހާމަކޮށްފައިވެއެވެ.މިނިސްޓަރ ދުންޔާގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތް ނިންމަވާ ލެއްވުމަށްފަހު، މިނިސްޓަރ ސްވަޔަރ ވަނީ ޚާރިޖީ ވުޒާރާގެ ޢިއްޒަތްތެރިން ސޮއިކުރައްވާ ދަފްތަރުގައި ސޮއި ކުރައްވާފައެވެ.ސްޓޭޓް މިނިސްޓަރ ސްވަޔަރ ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިނިސްޓަރ ހޫގޯ ސްވަޔަރއަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ  ރާއްޖޭގެ ޚާރިޖީ ވުޒާރާގެ ފޮރިން ސެކެޓްރީ ޑރ. އަލީ ނަސީރެވެ.