ރާއްޖެއިން މިދިޔަ ހަފްތާގައި 655 މީހުން ކޯވިޑް 19އަށް ޕޮއޒޮޓިވްވެއްޖެއެވެ.
މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 178313 އިން މައްޗަށްވަނީ އަރާފައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން މިމަހުގެ 9 ވަނަ ދުވަހާހަމަށް ކޯވިޑްއަށް ޕޮޒިޓިވްވި 655 މީހުންގެ ތެރެއިން ގިނަމީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅުތަކުންނެވެ. އެއީ 482 މީހުންނެވެ. އަދި ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 91 މީހުންކަމަށް އެޗްޕީއޭނެރުނު ތަފާސްހިސާބުތަކުން ދައްކައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 178313 އަށް އަރާފައެވެ.
ވޭތުވެދިޔަ ހަފްތާގައި މާލެ ސަރަހައްދުން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އެދުވަހު 20 މީހުން ޕޮޒިޓިވްވެފައިވާއިރު، އަތޮޅުތަކާ ރިސޯޓްތައް ހިމެނޭ ގޮތަށް އެންމެ ގިނައިން މީހުން ޕޮޒިޓިވްވީ މިމަހުގެ 6 ވަނަދުވަހުކަމަށް އެޗްޕީއޭއިން ބުނެއެވެ. އެދުވަހު 102 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި ބަލީގައި މިދިޔަ ހަފްތާގައި އެއްވެސް މީހަކު މަރުވެފައެއްނުވެއެވެ.
ކޯވިޑް-19 އިން ދިފާޢުވުމަށް ރާއްޖޭގައި ބޫސްޓަރ ވެކްސިން ޖެހި މީހުންގެ އަދަދުވަނީ 157295 އިން މައްޗަށް އަރާފައެވެ. މިއީ ރާއްޖޭގެ އާބާދީގެ 34.74 އިންސައްތައެވެ. އެޗް.ޕީ.އޭއިން އެންމެފަހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 3 އިން 9 ވަނަދުވަހާހަމައަށް ކޯވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 398539 މީހުންނެވެ. އެއީ ވެކްސިން ޖެހޭ އާބާދީގެ 88.02 އިންސަތަ މީހުންނެވެ. ދެޑޯޒް ފުރިހަމަކޮށްފައިވަނީ 383809 މީހުންކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ ވެކްސިންހޭ އާބާދީގެ 84.76 އިންސަތައެވެ.
ރޯދަމަހު ގްރޭޓަރ މާލޭ ސަރަޙައްދުގައި ވެކްސިން ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 9:00 އިން 11:00 އަށެވެ. އެގޮތުން ރޯދަމަހު މާލޭ ސަރަޙައްދުގައި ވެކްސިން ޖެހުން ކުރިއަށްދާނީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލުގައެވެ.