ޚަބަރު

ކުޑަރިކިލު ބަނދަރާއެކީ އިޤްތިސާދީ ކުރިއެރުމުގެ އުންމީދު

ބ.އަތޮޅު ކުޑަރިކިލަކީ ހިތްގައިމު ގޮނޑުދޮށެއް އޮންނަ ރަށެކެވެ. ތާރީޚީ މުހިންމު ބައެއް ބިނާތައްވެސް ފެންނަން ހުރި، މިރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރި ފަށައި އެކަން ފުޅާކުރުމަކީ ރައްޔިތުން ވަރަށްބޮޑަށް ބޭނުންވާކަމެކެވެ. އެހެންނަމަވެސް މިކަމަށް އޮތް ގޮންޖެހުމަކަށް ވެފައިއޮތީ ކަނޑުގަދަވާ ދުވަސްތަކުގައި ފަޅަށް ވަދެނުކުމެ ހެދުމަށް އޮތް ބޮޑު ގޮންޖެހުމެވެ. މި ބަނދަރާއެކީ އެ އަތޮޅު ކިހާދޫ އާ ދޮންފަނު ބަނދަރުވެސް ތަރައްޤީ ކުރުމަކީ އެރަށްރަށުގެ ރަށްޔިތުންނަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެމީހުންވަނީ ފާހަގަކޮށްފައެވެ.

ބަނދަރުގެ ދަތިކަން ހައްލުވެ ޒަމާނީ ބަނދަރެއް ތަރައްޤީވެގެން ދިއުމުން ރަށު އިޤްތިސާދު އިހަށްވުރެ ރަނގަޅުވާނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ކުޑަރިކިލަކީ ބ.އަތޮޅުގެ އުތުރު ބިތުގައި ރާޅާއި ކަނޑުތެރޭގައި އޮންނަ ރަށެކެވެ. ހުޅަނގު މޫސުމުގައިނަމަ އެއްވެސް ފަރެއްގެ ނިވަލެއް މިރަށަކަށް ނުލިބޭނެއެވެ. އެހެން ކަމުން ކަނޑުތެރޭ އުފެދޭ ބޮޑެތި ރާޅުތައް ފަޅަށް ވެއްދުމަކީ ޢާންމުކަމެކެވެ.

މީ އޮޑިވެރިން އޮޑިދޯނިފަހަރު ބަލަން ހޭލާ ތިބެންޖެހޭ ދުވަސްވަރެވެ. ކަނޑު ތޮށި ކުރިން ހަދާފައި އޮތީ މޫދުން ގައު ހޮވައިގެން ސިމެންތިން ރާނައިގެންނެވެ. ކަނޑުން ވަންނަ ބޮޑެތި ރާޅުތަކުގެ ސަބަބުން މިތޮށިގަނޑު ހަލާކުވާން ފެށީ ރާއްޖޭގެ ގިނަ ރަށްރަށުގެ ބަނދަރުތަކަށް ގެއްލުންލިބިގެންދިޔަ އަހަރުކަމަށްވާ 2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިޘާގައެވެ. އޭގެ 3 އަހަރެއްހައި ދުވަސް ފަހުން މަޑުމަޑުން ބޭރު ތޮށި ހަލާކުވަމުންގޮން އެއްކޮށް ހަލާކުވެފައި އޮންނަތާ މިހާރު 12 ވަރަކަށް އަހަރު ވެދާނެއެވެ. މި ތޮށިގަނޑު ހަލާކުވާންފެށުމާއެކު ކަނޑުން ވައްދާ ރާޅުތައް ސީދާ ފަޅަށްވަދެ ބަނދަރުގެ އެއްގަމު ތޮށިވެސް ހަލާކުވާން ފެށިއެވެ. އެގޮތުން އެއްގަމު ވާޓަރުން އޮޑިއެއް އަޅާލާ ކައިރިކޮށްލަން އޮންނީ 50 ފޫޓްގެ ސަރަހައްދެކެވެ. ހަމައެކަނި ވާފަސޭއަކީ ފައި ތެންމާނުލައި އޮނޑިއަށް އަރާލެވޭކަމެވެ.

ރަށަށް ޗުއްޓީ ހޭދަކޮށްލަން ބަޔަކުގޮވައިގެން ދާ ލޯންޗެއްވެސް ފަޅުގައި ނޯނެވޭތީ އެރަށަށް ނުދިއުމާ އަތޮޅު ފެރީއާއި މާލެ ދަތުރުކުރާ އުޅަނދުތައްވެސް އެރަޅު ފަޅު ގަނދަވާދުވަސް ތަކުގައި ނުވަދެވުމަކިީ ރައްޔިތުންނާ ކައުންސިލުން ކަންބޮޑުވާކަމެއްކަން އެރަށު ކައުންސިލްގެ ނާއިބު ރައީސް ޢިބްރާޙިމް ނަޝީދު ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރާ ހަމައަށް އެރަށުގައި ކަނޑު މަޑުނަމަ އޮޑިއެއް އަޅާލަން އޮތީ 100 އެއްހައި ފޫޓްގެ ހުރަސް ތޮއްޓެކެވެ. އެތާވެސް ދޯނި އަޅަނީ ހަމައެކަނި އަރާ ފޭބުމަށް ފަސޭހައަކަށެވެ. ދޯނިއަޅަނީ ޖެޓީއާއި ދުރުގައި އޮޑިދޯނިފަހަރު އެޅުމަށް ހަދާފައި އޮންނަ ބޯސާގައެވެ. އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ރަށަށް ނުގެނެވިއޮތް މައިގަނޑު އެއްސަބަކީ ބަނދަރު ހަލާކުވެފައި އޮތުމެވެ. އަދި މިހާރު ބަނދަރުގެ ޕްލޭނެއް ހަދާ ވިޔަފާރި އުސޫލުން ކަންކަން ކުރުމަށް ރާވަމަމުންދާކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއްވައެވެ.

މިކަމުގައި ސަރުކާރުތަކުގައި އާދޭސް ކުރާތާ 17 އަހަރުފަހުން އެކަމަށް އެދެވޭ ހައްލެއް ލިބިގެން ދިޔަތަން ފެންނުނީ މިސަރުކާރުގެ ވެރިކަމުގައެވެ. މިސަރުކާރުން ބަލަނީ ރައްޔިތުންނަށް ބޭނުންވާ މުހިންމު އަސާސީ ޚިދުމަތެއްނަމަ ބަޖެޓް ލިބޭވަރަކުން އެކަމެއް ޙައްލުކޮށްދިނުމަށެވެ. ކުޑަރިކިލު ބަނދަރު މަރާމާތު ކުރުމުގެ މަސްރޫޢަކީ އޯފިޑް ފަންޑާއި ދިވެހި ސަރުކާރުގުޅިގެން ކުރިއަށްގެންދާ މަސްރޫޢެކެވެ. މި ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަނީ އެމްޓީ ހޯގާޑުންނެވެ.