ޚަބަރު

"އަމީނާއި ޔާސިރު ޔަހުޔާއާ ގުޅުމެއް އޮތް"


އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސްމީހާކަމަށް ތުހުމަތުކުރާ މުޙައްމަދު އަމީނާއި، ޓެރަރިޒަމްގެ ސީރިއަސް ތުހުމަތުތަކެއްކުރި ޔަމަނުގެ ޔާސިރު ޔަހުޔާއާ ގުޅުން އޮތްކަމަށް ކޯޓުގައި މީހަކު ހެކިބަސް ދީފިއެވެ.

ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ ޢަމަލެއް ހިންގަން ރޭވުމުގެ ދައުވާލިބޭ މުޙައްމަދު އަމީންގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާވެސް ކުރެއެވެ. ނަމަވެސް އެ ދައުވާތަކަށް އަމީން އިންކާރު ކުރެއެވެ.

މި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ ދައުލަތު ފަރާތުން ހުށައެޅި ހެކިވެރިއެއްގެ ހެކިބަސް ނަގާފައެވެ. ކާކުކަން ނޭނގޭގޮތަށް ސިއްރުން ހެކިބަސް ދީފައިވަނީ ފުލުހުންގެ އިދާރާގައި ޓެރަރިޒަމްގެ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އޮފިސަރެއްގެއެވެ.

އޭނާ ބުނީ، އަމީނަކީ ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށް ސުވާލުކޮށްފައިވާ މީހެއްކަމަށާ، އަމީނަކީ ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އޮންނަ އަދި އެ ފިކުރު ފަތުރަން އުޅޭ މީހެއްކަމަށެވެ.

ހެކިވެރިޔާ ވަނީ ޓެރަރިޒަމްގެ ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވާ ޔަމަންގެ ރައްޔިތެއްކަމަށްވާ ޔާސިރު ޔަހްޔާއާއި އަމީންއާއި ގުޅުން އޮތްކަމަށެވެ. އެގޮތުން ޔާސިރު ޔަހްޔާއާއި ދެ ފަހަރެއްގެ މަތިން އަމީން ދިރިއުޅޭ ގެކައިރިް ބައްދަލުކޮށްފައިވާކަމަށާ، ޔާސިރަކީ ހަރުކަށި ފިކުރުގެ ބޮޑު މީހެއްކަމަށް ތުހުމަތުކުރެވޭކަމަށް ހެކިވެރިޔާ ބުންޏެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި ހަރުކަށި ފިކުރު ޕްރޮމޯޓްކުރާކަމަށް ބުނާ ޝިފާޒް ކިޔާމީހަކާއި ޢަލީ އާދަމްކިޔާ ދެމީހުންނާ އަމީން ބައްދަލުކޮށްފައިވާކަމަށް ބުންޏެވެ. އެ ދެމީހުންނަކީ ހަނގުރާމައަށް ދިޔަ ދެމީހުންނެވެ.

އަމީނާއި ޔާސިރު ޔަހުޔާއާ ގުޅުމެއް އޮތްކަމަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައިވާއިރު، ޔާސިރު ޔަހްޔާވަނީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ހުއްޓާ ބަނޑުހައި ހޫނުކަމުހެ ހަޅުތާރެއް ހިންގާފައެވެ. މިއާއެކު އޭނާގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނިކޮށް އޭނާ ވަނީ މަރުވެފައެވެ.

ޔާސިރު ޔަހްޔާއަކީ، އަލްގައިދާ ޖަމައާތާ ގުޅުން އޮންނަ އެ ޖަމާއަތުގައި އިސް ދައުރެއް އަދާކުރާ އެ ޖަމާއަތުން ހިންގާ މަތީ ފެންވަރުގެ ޓެރަރިސްޓް ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުގައި އެ ޖަމާއަތުން ހިންގާ ހަރަކާތްތައް ރާވާ ވިލަރެސް ކުރުމުގެ އިތުރުން ޓެރަރިޒަމާއި ގުޅުން ހުރި މައްސަލަތަކުގައި ފުލުހުންގެ ތަހްގީގަށް ގެނެވެފައިވާ ދިވެހިންނާއި ޔާސިރު ޔަހްޔާ ގުޅުން ބަދަހިކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ޝަރީޢަތުގެ މިއަދުގެ އަޑުއެހުމުގައި އަމީންވަނީ އޭނާއާއި އެހެން ޤައިދީންނާއި ތަފާތުކުރާކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ދައުލަތުން ވަނީ އެހެން ޤައިދީންނާ އަމީންއާއި ތަފާތު ނުކުރާކަމަށް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދީފައިވާކަމަށް ބުނެފައެވެ.

އަމީނަކީ 2007ވަނަ އަހަރު ސަލްޓަންޕާކްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެންވެސް ފުލުހުން ހޯދަން އުޅުނު މީހެކެވެ. އޭރު އަމީން ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އޭނާ ހައްޔަރުކުރީ ސްރީލަންކާގައި އުޅެނިކޮށް 2011ވަނަ އަހަރުއެވެ. އޭގެފަހުން އޭނާ ރާއްޖެ ގެނެސް ދޫކޮށްލާފައި ބެހެއްޓުމަށްފަހު ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރީ 2019ވަނަ އަހަރުއެވެ.

އަމީންއަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.