ވިޔަފާރި

"މާޓާ 2022" ގައި ރާއްޖެ އިސްތިހާރުކުރަނީ


މެލޭޝިޔާގެ ނަން މަޝްހޫރު ފަތުރުވެރިކަމުގެ ފެއަރ، "މާޓާ 2022"ގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ބައިވެރިވެއްޖެއެވެ.

މިމަހުގެ 9އިން 10ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ފެއަރގައި ބައިވެރުވުމުގެ މަގުސަދަކީ ދެކުނު އޭޝިޔާ މާކެޓުގައި ދިވެހިރާއްޖޭގެ ރީތި ނަން ދަމަހައްޓައި ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލްގެގޮތުގައި މިސަރަހައްދުގައި ދިވެހިރާއްޖެ އިސްތިހާރުކުރުމެވެ.

މި ފެއަރގައި ވިޒިޓް މޯލްޑިވްސް އާއެކު 7 އިންޑަސްޓްރީ ޕާޓްނަރުން ބައިވެރިވެއެވެ. މާޓާ 2022 އަކީ މެލޭޝިޔާގާ ބާއްވާ އެންމެ މަގުބޫލު އެއް ފެއާރއެވެ. މި ފެއާގައި ބައިވެރިވުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީހެ އިސް ބޭފުޅުންނާ ބައްދަލުވެ ފަތުރުވެރިކަމުގެ ވިޔަފާރީގެ ގިނަ ފުރުސަތުތައް ދިވެހިރާއްޖެއަށް އިތުރަށް ފަހިވެގެންދާނެއެވެ.

ދެކުނު އޭޝިޔާ މާކެޓުގާ ދިވެހިރާއްޖޭގެ ބްރޭންޑް އަދިވެސް މަޝްހޫރުވެފައިވަނީ މައިގަނޑުގޮތެއްގައި ލަގްޒަރީ-ހަނީމޫން މަންޒިލެއްގެގޮތުގައެވެ. އެހެންކަމުން މި ފެއާރގައި ވިޒިޓް މޯލްޑިވްސްގެ އެއް އަމާޒަކީ ދިވެހިރާއްޖެއަކީ ހުރިހާ ފަތުރުވެރިންނަށްވެސް އެންމެ މަގުބޫލު އަދި ހިތްހަމަޖެހޭ އެއް މަންޒިލެއްކަން އިސްތިހާރުކުރުމެވެ.

ވިޒިޓް މޯލްޑިވްސްގެ މައިގަނޑު އަމާޒަކީ ދެކުނު އިރުމަތީ މާކެޓު އަލުން އާލާކޮށް، މި މާކެޓުން ދަތުރުފަތުރުކުރުމަށް އަލުންހުޅުވާލުމާ ގުޅިގެން، މި މާކެޓުން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކޮވިޑްގެ ކުރިން އޮތް ހިސާބަށް އަލުން ގެނައުމެވެ. މީގެ އިތުރުން، މި ހަރަކާތަކީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔޭގެ ޖިއޯ ޕޮލިޓިކަލް ހާލަތަށް ބިނާކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން އެމްއެމްޕީއާރުސީއިން އެކުލަވާލައިފައިވާ ޝޯޓް ޓާމް ސްޓްރެޓެޖީގެ ދަށުން މުހިންމު މާކެޓްތަކުގައި ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެއްވެސް މެއެވެ.

މިދިޔައަހަރު 9539 ފަތުރުވެރިން ވަނީ ދެކުނު އޭޝިޔާ މާކެޓުން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މި އަހަރުގެ މިހާތަނަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ގިނަ ހަރަކާތްތަކެއް މި މާކެޓަށް އަމާޒުކޮށް ކުރިއަށްގެންގޮސްފައެވެ.