ޚަބަރު

ޅައިމަގު ބަނދަރުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ނިމޭނެ


ށ.ޅައިމަގު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ނިމި ފުރަތަމަ ފިޔަވަހި ހުޅުވާލާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީއިން ވިދާޅުވީ މިމަޝްރޫޢަށް ބޭނުންވާ ބައެއް ސާމާނާއެކު އިތުރު ޝިޕްމަންޓެއް އެރަށަށް މިހާރު ފޮނުވާފައިވާކަމަށެވެ.

އެކި ސަބަބުތަކާހެދި ށ.ޅައިމަގު ބަނދަރު މަސައްކަތް ވަނީ ކަނޑައެޅި ތާވަަލަށްވުރެ ލަސްވެފައެވެ. މިއީ އެރަށު ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. މިކަމާގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މަސައްކަތް ކުރުމަށް ސައިޓް މޮބިލައިޒްކޮށް އެމްޓީސީސީގެ މުވައްޒަފުން މަސައްކަތް ފެށިފަހުން މަޝްރޫޢުގެ ޑިޒައިނަށް 10 ވަރަކަށް ބަދަލު ގެނެސްފައިވާކަމަށެވެ. އެއީ ލަސްވާ އެއް ސަބަބުކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އެމްޓީސީސީން މަސައްކަތް ކުރަނީ ރައްޔިތުން އެދޭގޮތަށް ކަމަށާ އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއްކަމަށެވެ. އެހެންކަމުން މަސައްކަތް ލަސްވީނަމަވެސް ނިމިގެންދާނީ ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކުގައިކަމަށް އާޒިމް ވިދާޅުވިއެވެ.

"ބަނދަރު ބޮޑުކޮށް އަދި ކުރިން އޮތް ބަނދަރު ވެސް ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް މިދަނީ. އަލަށް ހަދާ ބައިގެ މަސައްކަތް ނިންމާފައި ކުރީގެ ބައިޔަށް ބަދަލު ގެންނާނީ. ބެލެވެނީ ފުރަތަމަ ބައިގެ މަސައްކަތް ޖޫން ޖުލައިގެ ނިޔަލަށް ނިންމާލެވޭނެކަމަށް." އާޒިމް ވިދާޅުވިއެވެ.

ޅައިމަގު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެތެރެއިން އެރަށުގެ އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓުވެސް އެރަށަށް މިހާރުވަނީ ގޮސްފައެވެ. މިހާރު މުޅި މަޝްރޫޢުގެ %48 ނިމިފައިވާކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ.

ޅައިމަގު ބަނދަރު މަޝްރޫޢުގެ ދަށުން 31000 އަކަ މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި 350 މީޓަރުގެ ސަރަޙާއްދެއްގެ ބޭރުތޮށި ލުމާއި 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓު ޖެހުމާއި ޕޭވްމަންޓު ހެދުމާއި ނެރު ބައްތި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުއަކީ ދައުލަތުގެ ބަޖެޓުން 53.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.