ޚަބަރު

ހެލިފެލިވުން އިތުރުކޮށް، ފައިމަގުގައި އުޅޭ އުޅުން އިތުރުކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި


އަޅުގަނޑުމެން މުޖުތަމަޢުގެ ތެރޭގައި މިހާރަށްވުރެ ބޮޑަށް ހެލިފެލިވުން އިތުރުކޮށް، ފައިމަގުގައި އުޅޭ އުޅުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ، ދުޅަހެޔޮ ޞިއްޙަތެއްގައި އިންސާނާ ދެމިހުރުން ގުޅިފައިވަނީ އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެށީގެ ދުޅަހެޔޮކަމުގެ މައްޗަށްކަމަށެވެ. އަދި ރާއްޖެއަކީ ކުޑަ ޤައުމެއްނަމަވެސް، ތިމާވެއްޓަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާމެދު ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތު ކުރުމުގައި ރާއްޖެއަކީ ވަރަށް ކުރިންސުރެއް އިސް ސަފުގައި މަސައްކަތްކޮށް ދުނިޔޭގެ ބޮޑެތި ޤައުމުތަކަށްވެސް ނަމޫނާ ދައްކަމުންދާ ޤައުމެއްކަމަށެވެ.

އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެށީގެ ހިތްގައިމުކަމަކީ އެއީ އެތައް މިލިއަން އަހަރަކުން އަޅުގަނޑުމެންނާއި ހިސާބަށް ވާޞިލުވެފައިވާކަމެއްކަން ފާހަގަކުރައްވާ، ނައިބު ރައީސް ވިދާޅުވީ، އަޅުގަނޑުމެން އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން މިއަދު ދުނިޔޭގެ ތިމާވެއްޓަށް އެތައް ގޮންޖެހުންތަކަކާ ކުރިމަތިވަމުންދާކަމަށެވެ.

"ކަނޑާއި ފަރާއި، ފަޅުތަކަށް ލިބެމުންދާ ގެއްލުންތައް. ދުނިޔެ ހޫނުވުމުގެ މައްސަލަ، ވައި ނުސާފުވުމުގެ މައްސަލަ، ފެން ތަޣައްޔަރުވުން، އަދި ވެލި ތަޣައްޔަރުވެގެން ދިމާވާ އެކިއެކި މައްސަލަތައް. އަޅުގަނޑުމެންގެ ފަރުވާ ކުޑަކުރުމުގެ ސަބަބުން އުކާލެވޭ ކުނިތަކާއި ޕްލާސްޓިކުގެ ސަބަބުން ދުނިޔޭގެ ކަނޑާއި އަޅުގަނޑުމެންގެ ވަށައިގެންވާ ގޮނޑުދޮށްތަކާއި، މަސްމަހާމެއްސަށް ލިބޭ ގެއްލުން" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ދުޅަހެޔޮ ޞިއްޙަތެއް ކަށަވަރުކުރުމަށްޓަކާ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބައެއް ބަދަލުތައް ގެންނަންޖެހޭކަމަށެވެ. ވަކިން ޚާއްސަކޮށް އަޅުގަނޑުމެންގެ ތެރޭގައި ހެލިފެލިވުން އިތުރުކޮށް، ފައިމަގުގައި އުޅޭ އުޅުން އިތުރުކުރަންޖެހޭކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ނައިބު ރައީސް ވަނީ ރަށްރަށުގެ ކައުންސިލުންވެސް މިކަންކަމަށް ޚާއްސަ އިސްކަމެއްދެއްވާ، މި އާދަ އަށަގެންނެވުމަށް އިތުރަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

"އަޅުގަނޑުމެން ހެލިފެލިވެ އުޅުން އިތުރުކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ކުޑަކުޑަ ޤައުމެއްގައި ކުދިކުދި ރަށްރަށުގައި އެހާ ބޮޑެތި ސައިކަލްތަކާއި ކާރުތަކުގައި އަބަދު އަޅުގަނޑުމެން އުޅެން، އެހާ ދުރަށް ދާންޖެހޭކަހަލަ ހިސާބެއް އޮތްތޯ އެއީ އަޅުގަނޑުމެން މިއަދު ވިސްނާލަންޖެހޭ ކަމެއް. ފައިމަގުގައި ހިނގާފައި ކޮންމެވެސް މިންވަރަކަށް އަޅުގަނޑުމެން ޖެހިގެންހުންނަ ގެއަށް ނުވަތަ އޮފީހަށް ދިއުން އެއީ އާދައަކަށް އަޅުގަނޑުމެންނަށް ނެހެދެންވީ ހަމަ އެއްވެސް ސަބަބެއްނެތް" ނައިބު ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ "ގްރީން ސްމާޓް އައިލެންޑް"ގެ ނަމުގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ. އަދި މި މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވާ 4 ރަށްކަމަށްވާ ވ.ފެލިދޫ، ވ.ކެޔޮދޫ، ހދ.ކުރިނބި އަދި ނ.ކުޑަފަރީ ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި މަޝްރޫޢަކީ ހަކަތައާއި ދަތުރުފަތުރާއި، މޮބިލިޓީއާއި ވޭސްޓް ވޯޓަރ އެންޑް ސެނިޓޭޝަން ފަދަ އިންފްރާސްޓްރަކްޗަރތަކާއި ޤުދުރަތީ ވަޞީލަތްތައް އިންޓަރގްރޭޓެޑް މެނޭޖްމަންޓެއްގެ ޒަރިއްޔާއިން އިންސާނުންގެ ޞިއްޙަތާއި ތިމާވެށި ރައްކާތެރިކުރުމަށާއި، އީޖާދީ އަދި އިޖްތިމާޢީގޮތުން ޝާމިލުވާ ގަވަރނަންސް އަދި ފައިނޭންސިންގ ސްކީމްތައް ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުން ތަރައްޤީކޮށްފައިވާ މަޝްރޫޢެކެވެ. މިއީ ހެލްތު މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީ އަދި އެޗް.ޕީ.އޭ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ ގްރީން ކްލައިމެޓް ސްމާޓް ހޮސްޕިޓަލް ޕޮލިސީއާއި ސްޓްރެޓެޖީ އަދި ހެލްތު ނެޝެނަލް އެޑެޕްޓޭޝަން ޕްލޭން އިފްތިތާޙްކޮށް، ދުނިިޔޭގެ ޞިއްޙަތު ދުވަހާގުޅިގެން ހިންގާ ނެޝެނަލް އާރޓް އެންޑް ޝޯޓް ސްޓޯރީ ކޮމްޕެޓިޝަން އިފްތިތާޙްކޮށްފައެވެ.