 
										
			ކައުންސިލްތަކުން މެދުރާސްތާގެ ބަޖެޓު ތައްޔާރުކޮށް، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހޭގޮތަށް ހަމަޖައްސައިފިއެވެ. 
ފިނޭންސް މިނިސްޓްރީން ވަނީ ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒު ކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދެއް މިހާރު އެކުލަވާލާފައެވެ. 
ފިނޭންސް މިނިސްޓްރީން އެކުލަވާލި ގަވާއިދަކީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ރިޢާޔަތްކޮށް، ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފައިވާ ގޮތުގެ މަތީން ކައުންސިލްތަކުން އަންދާޒާ ބަޖެޓު ތައްޔާރުކުރުމާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުން ކައުންސިލަތަކަށް އެކަށައަޅައިފައިވާ ފައިސާ ކައުންސިލްތަކަށް ދޫކުރުމާއި، ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޛުކުރުމުގައި ޢަމަލުކުރާނެ މިންގަނޑު ކަނޑައެޅުމަށްޓަކައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ބާރު ލިބިގެން އެކުލަވާލާފައިވާ ގަވާއިދެކެވެ. 
މި ގަވާއިދުގެ ދަށުން ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޭ ހިލޭ އެހީ ވަނީ ދެ ބަޔަކަށް ބަހާލާފައެވެ. އެއީ ދައުލަތުގެ އެ އަހަރެއްގެ ޖުމުލަ އާމްދަނީގެ ގޮތުގައި އަންދާޒާކުރާ މިންވަރުގެ މަދުވެގެން %5 އާއި، ކައުންސިލުގެ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭ ބިމާއި، ފަޅާއި، ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ %40 އެވެ. ދައުލަތުގެ ޖުމުލަ އާމްދަނީކަމަށް ބަލާނީ، ދައުލަތުގެ ޖުމުލަ އާމްދަނީން ވަކި ކަމަކަށް ކަނޑައަޅައިފައިވާ އާމްދަނީއާއި، އެ އަހަރު އާމްދަނީ އިތުރުކުރުމަށް ހުށަހަޅައި އައު ކަންކަމުން ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، ބިމާއި، ރަށްރަށާއި، ފަޅާއި، ފަރު ފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީ އުނިކުރުމުން އަންނަ އަދަދަށެވެ. 
ކައުންސިލުތަކަށް ދޫކުރާ ހިލޭ އެހީ ނުވަތަ "ބްލޮކް ގްރާންޓް"ގެ މިންވަރު ބިނާކުރާނީ ބްލޮކް ގްރާންޓް، ރަށު ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށް ބަހަން ކަނޑައަޅާ ނިސްބަތްތަކާއި، އިކުއިލައިޒޭޝަން އެލޮކޭޝަން އަދި ވަކިވަކި ކައުންސިލްތަކަށް ބްލޮކް ގްރާންޓް ބެހުމުގައި ފިސްކަލް ފޯމިއުލާއިން ކަނޑައަޅާ ކަންތައްތަކެވެ. 
ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުގެ މިންވަރުގެ ތެރެއިން ރަށު ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށް ބަހާނެ ނިސްބަތްތައް ކަނޑައަޅާނީ، އެ އަހަރުގެ ބަޖެޓު ތައްޔާރުކުރުމުގެ މަރުޙަލާގެ ތެރެއިން މިނިސްޓްރީންނެވެ. އަދި އެއްވެސް ކައުންސިލަކަށް ލިބޭ ބްލޮކް ގްރާންޓުގެ ފައިސާ އެކަށީގެންވާ މިންވަރަށްވުރެ މަދުވިޔަ ނުދީ ހިފެހެއްޓުމަށް ޓަކައި، ބްލޮކް ގްރާންޓުގެ ތެރެއިން އިކުއަލައިޒޭޝަން އެލޮކޭޝަނެއްގެ ގޮތުގައި ރަށު ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށް ބަހާނެ ނިސްބަތްތައް ކަނޑައަޅާނީ، އެ އަހަރުގެ ބަޖެޓު ތައްޔާރުކުރުމުގެ މަރުޙަލާގެ ތެރެއިން މިނިސްޓްރީންނެވެ.
		
			މި ގަވާއިދުގެ ދަށުން ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާއަށް ދައުލަތުގެ އޮފީހަކުން ފޯރުކޮށްދޭ ޚިދުމަތެއް ކައުންސިލަކުން ފޯރުކޮށްދޭ ޚިދުމަތެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމައިފައިވާނަމަ، އެ ޚިދުމަތްތަކަށް ނަގާ ފީތަކަކީ އެ ކައުންސިލަކަށް ލިބޭ އާމްދަނީއެވެ. 
ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ ފައިސާ، ކައުންސިލްތަކާ ހަވާލުކުރާ ތާރީޚުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި، އެ ފައިސާގެ ޖުމުލަ އަދަދުގެ މަދުވެގެން %5 އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތައް ތަންފީޒު ކުރުމަށްޓަކައި އެ ކޮމިޓީއާ ހަވާލުކުރަންޖެހޭނެއެވެ. އަދި ކައުންސިލްތަކުން އެ ފައިސާ އެ ކައުންސިލެއްގެ ބަޖެޓުގައި ހިމަނަންޖެހޭނެއެވެ.
ކައުންސިލްތަކުން މެދުރާސްތާ ސިޔާސަތުތައް އެކުލަވައިލައި، ކައުންސިލަށް ލިބޭ އާމްދަނީން ރަށުގެ ނުވަތަ ސިޓީގެ ނުވަތަ އަތޮޅުގެ ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ދެމެހެއްޓެނިވި މިންގަނޑެއްގައި ކައުންސިލަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖައްސަންޖެހޭނެއެވެ. އެގޮތުން، ކައުންސިލްތަކަށް ލިބޭ އާމްދަނީއަށް ބަލައި، ފުދުންތެރި މިންގަނޑެއްގެ ތެރެއިން ޚަރަދުތައް ހިފެހެއްޓުމަށް ނުވަތަ އަރަނި ބަޖެޓަކަށް ވާސިލުވުމަށް ކައުންސިލްތަކުން މަސައްކަތް ކުރުމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. 
މި ގަވާއިދުގެ ދަށުން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން މެދުރާސްތާގެ ބަޖެޓު ތައްޔާރުކޮށް، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ. މި މެދު ރާސްތާ ބަޖެޓުގައި މެދުރާސްތާގައި ކައުންސިލްތަކަށް ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީގެ ތަފުސީލު ހިމަނަންޖެހޭނެއެވެ. އަދި ކައުންސިލްތަކުން ހިންގާ މަޝްރޫޢުތަކަށް ފައިނޭންސް ހަމަޖެއްސުމާއި، ކައުންސިލްތަކުގެ ޚަރަދުތައް ކައުންސިލުގެ އާމްދަނީން ދެކޮޅުޖެއްސުމުގެ ސިޔާސަތު އެކުލަވައިލައިގެން އެ ސިޔާސަތު ތަންފީޛު ކުރުމުގައި ޖަވާބުދާރީވާނީ، ކައުންސިލުގެ ރައީސާއި ސެކްރެޓަރީ ޖެނެރަލެވެ.
ކައުންސިލުތަކުގެ މެދުރާސްތާގެ ބަޖެޓުގައި، ކައުންސިލްތަކުން ހިންގާނެ ޕްރޮގްރާމްތަކާއި، ރަށުގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝިއަލް ޕްލޭނުގެ ދަށުން ޕްރޮގްރާމްތައް ހިންގުމަށް އިސްކަންދީފައިވާ ތަރުތީބާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަމާއި، ހަރަކާތްތަކާއި، ހާސިލުކުރަން ބޭނުންވާ ނަތީޖާ ހިމަނަންޖެހޭނެއެވެ. 
ގަވާއިދުގައި ވާގޮތުން ޤައުމީ އިދާރާތަކުން، ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން ފަސް މިލިއަން ރުފިޔާއަށްވުރެ ކުޑަ މަޝްރޫޢުތައް ހިންގާނީ، އެ އިދާރީ ދާއިރާއެއްގެ ރަށު ކައުންސިލް ނުވަތަ އަތޮޅު ކައުންސިލް މެދުވެރިކޮށެވެ. އަދި ޤައުމީ އިދާރާތަކުން ސިޓީއެއްގައި ހިންގާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން ފަނަރަ މިލިއަން ރުފިޔާއަށްވުރެ ކުޑަ މަޝްރޫޢުތައް ހިންގާނީ އެ އިދާރީ ދާއިރާއެއްގެ ސިޓީ ކައުންސިލް މެދުވެރިކޮށެވެ. 
ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން ޤައުމީ ސަލާމަތާ ގުޅުންހުރި މަޝްރޫޢުތަކަކީ ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މަޝްރޫޢުތަކެއް ނޫނެވެ. އަދި ކައުންސިލްތަކުން އެކުލަވައިލާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަކީ ކައުންސިލްތަކުގެ ތަރައްޤީގެ ޕްލޭނުގައި ހިމަނައިފައިވާ ރަށުގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުވާ ޕީ.އެސް.އައި.ޕީ މަޝްރޫޢެއްކަން ކައުންސިލުގެ ރައީސާއި ސެކްރެޓަރީ ޖެނެރަލް ކަށަވަރުކުރަންވާނެކަމަށްވެސް މި ގަވާއިދުގައި ބުނެފައިވެއެވެ.