ޚަބަރު

މިރަމަޟާންމަހުވެސް ކުނި އުފައްދާ މިންވަރު އިތުރު: އީޕީއޭ


މިއަހަރުވެސް ރަމަޟާންމަހާ ދިމާކޮށް ކުނި އުފައްދާ މިންވަރު އިތުރުވެފައިވާކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނެފިއެވެ.

އީޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ މި ރަމަޟާން މަހު އުކާލާ ކުނީގެ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އޭގެތެރެއިންވެސް ޚާއްޞަކޮށް، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ތަކެއްޗާއި ކާނާގެ ބާވާތްތައް އުކާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އީޕީއޭއިން ހާމަކުރެއެވެ.

އެހެންކަމުން ކޮންމެ ދުވަހަކު އުފައްދާ ކުނި މަދުކުރުމަށް ސަމާލުވުމަށާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ތަކެތިން ދުރުހެލިވުމަށް އެ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ތަކެތި ބޭނުން ކުރުން މަދުކުރުމަށްވެސް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހަކީ އެހެން މަސްތަކާ ޚިލާފަށް މާލެއާއި އަތޮޅުތެރޭގައި ކުނި އުފެދޭ މިންވަރު އިތުރު މަހެކެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް ގެނެސްފައިވާ 2 ވަނަ އިޞްލާޙުގެ ދަށުން ތިމާވެއްޓަށް ގެއްލުން ދޭ އެއްޗެތީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައިވަނީ ކަނޑައަޅާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖޭގައި އުފެއްދުމާއި ވިއްކުން ވަނީ މަނާކުރައްވާފައެވެ.