ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯއިން ރާއްޖެއަށް ކޯވިޑް-19ގެ ތަފާތު ވޭރިއެންޓްތައް ދެނެގަތުމަށް ބޭނުންކުރާ ޖީން ސީކުއެންސް މެޝިނެއް ހަދިޔާކޮށްފިއެވެ.
ޑަބްލިއު.އެޗް.އޯއިން ހަދިޔާކުރި މި ޖީން ސީކުއެންސް މެޝިނާއި ރާއްޖޭން ޙަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމެވެ. ޖެނޯމް ސީކުއެންސިން މެދުވެރިކޮށް ކޯވިޑް-19 ފެތުރޭ މިންވަރު ބެލުމާއި، ވައިރަސްގެ ހަރަކާތްތަކާއި، އެއަށް އަންނަ ބަދަލުތައް ދެނެގަތުމަށާއި، ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެއެވެ.
މީގެ ކުރިން ރާއްޖެއިން ޖީން ސީކުއެންސް ހަދަމުންދިޔައީ ރާއްޖޭން ބޭރަށް ސާމްޕަލް ފޮނުވައިގެންނެވެ. ނަމަވެސް ރާއްޖޭގައި މި ވަޞީލަތް ޤާއިމުކުރެވުމުން އެކަމަށް ހޭދަވާ ވަގުތާއި ޚަރަދު ކުޑަކުރެވި، އަވަހަށް ފަސޭހަކަމާއެކު ކޯވިޑްގެ ވޭރިއަންޓްތައް ދައުރުވާ މިންވަރު ދެނެގަނެވޭނެކަމަށް ޑަބްލިއު.އެޗް.އޯއިން ވިދާޅުވެއެވެ.
Today, @whomaldives handed over Genome Sequencing Technology to @MFDA_mv @MoHmv ?
— WHO Maldives (@WHOMaldives) April 6, 2022
? Genome Sequencing supports the monitoring of COVID-19 spread, activity & evolution of the virus, opening new paradigms in epidemic & pandemic prevention & control pic.twitter.com/wHg3RDZyOl
ޖީން ސީކުއެންސިންގެ ކެޕޭސިޓީ ރާއްޖޭގައި ޤާއިމުކުރެވުމުން، ކޯވިޑްގެ އިތުރުން އިންފްލުއެންޒާ، ހިމަބިހި ފަދަ ނުރައްކާތެރި އެހެން ބަލިތައް މުޖުތަމައުގެ ތެރޭގައި ފެތުރުން ހުއްޓުވާ ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެކަމަށްވެސް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ވިދާޅުވެއެވެ.
ރާއްޖޭން ވަނީ ކޯވިޑް-19 ކޮންޓްރޯލްކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިޢުލާންކޮށްފައި އޮތް ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދެ އަހަރު ދުވަހަށްފަހު، ނިމުމަކަށް ގެނެސް، ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ގިނަ ފިޔަވަޅުތަކެއް މިދިޔަމަހުގެ 13 ވަނަ ދުވަހު ވަނީ ދޫކޮށްލާފައެވެ.
ކޯވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޫކޮށްލިނަމަވެސް، މި ބައްޔާގުޅިގެން ބަލަންޖެހޭ ކަންކަން ވަރަށް ގާތުން ބަލަމުންދާނެކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ. އެގޮތުން ރާއްޖޭގެ ޙާލަތަށް އަންނަމުންދާ ބަދަލުތަކަށްބަލާ، ފިޔަވަޅުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާނެކަމަށް އެ ސެންޓަރުން ވިދާޅުވެއެވެ.