ނެޝަނަލް ޓްރޭޑް ޓެސްޓިން ސެންޓަރެއްގެ ގޮތުގައި ރަޖިސްޓާރވުމަށް ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް ރިސަރޗްއާއި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއީ ފެނަކައިގެ މުވައްޒަފުން މަސައްކަތުގެ މާހައުލުގައި ތަމްރީނާއި ތަޖުރިބާ ލިބި ސެޓްފިކެޓާއި ލައިސަންސް ނެތް ފަރާތްތަކަށް އެ ފުރުސަތު ހޯދައި ދިނުމުގެގޮތުން ޤާއިމްކުރެވުނު އެއްބަސްވުމެކެވެ.
ފެނަކައިން ބުނީ މި އެއްބަސްވުމުގެ ދަށުން ފެނަކައިގައި މަސައްކަތުގެ މާހައުލުގައި އެކަށީގެންވާ ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ މުވައްޒަފުންނަށް ސެޓްފިކެޓް ހޯދައިދިނުމުގެ މަސައްކަތަށް އިތުރު ހަލުވިކަމާއި ކުރިއެރުން ލިބިގެން ދާނެކަމަށެވެ. އަދި މިއީ ފެނަކައިގެ މުވައްޒަފުންނަށް ފަހިވެގެންދާ ރަނގަޅު ފުރުސަތުތަކެއްކަމަށާއި މުވައްޒަފުން ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިއުމަށް އެޅިގެންދާ ބިންގަލެއްކަމަށްވެސް އެކުންފުނިން ބުނެއެވެ.
މި އެއްބަސްވުމުގެ ދަށުން ސެޓްފިކެޓް ލެވެލްގެ އިތުރު ކޯސްތަކަށް ދިޔުމަށް މުވައްޒަފުންނަށް ފުރުސަތު ފަހިވުމުގެ އިތުރަށް، ފެނަކައިގެ ހުރިހާ މުވައްޒަފުންނަށް މަސައްކަތުގެ ދާއިރާއިން އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ އަދި ސެޓްފިކެޓް ލިބިގެންދާނެއެވެ.
ކޮލިޓީ އެޝުއަރެންސް އޮފް ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން ޕްރޮގްރާމް ދަށުން މީހުން ތަމްރީނުކުރުމަށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް ރީސަރޗްއާއި ދެމެދުވެވޭ ފަހުމުނާމާގާ މިއަދު ވަނީ ސޮއިކުރެވިފައި pic.twitter.com/yU86abf9ri
— Fenaka Corporation Ltd (@TeamFenaka) April 6, 2022
ފެނަކަ އިންސްޓިޓިއުޓްއިން މިވަގުތުވެސް އަންނަނީ ފެނަކައިގެ މުވައްޒަފުންނަށް ނޭޝަނަލް ލެވެލް 3 ގެ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް ކޯހުގެ އެކި ބެޗްތައް ހިންގަމުންނެވެ. މި ކޯހުން ދަސްވެނިވާ ބައިވެރިންނަށް ލިބިގެންދާނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3ގެ ސެޓްފިކެޓާއި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޖެނެރަލް ހައުސް ވައިރިންގ ލައިސަންސެވެ.
ކުރިއަށްއޮތްތަނުގައި އިތުރު ކޯސްތަކެއް ފެނަކައިން ހިންގުމަށްވެސް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ނޭޝަނަލް ސެޓްފިކެޓް 3 އިން ސުވެރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނަންސް، ނޭޝަނަލް ސެޓްފިކެޓް 3 އިން ޔުޓިލިޓީ ލެބޯޓަރީ ޓެކްނީޝަން ސަރވިސަސް އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓަރ ސަޕްލައި ސިސްޓަމްސް އޮޕަރޭޝަން އެންޑް މެއިންޓެނަންސް ހިމެނެއެވެ.
ފެނަކައަކީ ސަތޭކަ ޕަސެންޓް ދިވެހި މުވައްޒަފުންގެ މައްޗަށް ގާއިމްކުރެވިފައިވާ، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނާއި ހަމައަށް ދިވެހި ރައްޔިތުންނަށް ސާބިތުކަންމަތީގައި، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.