ސަޢޫދީ އަރަބިއްޔާގައި އިސްލާމީ ޝަރީޢާ ތަންފީޒު ކުރެއްވުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތަޖުރިބާ ހިއްސާ ކުރެއްވުމަށް ސަޢޫދީ ޖަސްޓިސް މިނިސްޓްރީގެ ވަފުދެއް ރާއްޖެވަޑައިގެންފިއެވެ.އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އަބްދުﷲ ސަޢީދުގެ ދައުވަތަކަށް ރާއްޖެވަޑައިގެންނެވި މި ވަފްދުގެ ރައީސަކީ ސަޢޫދީ ޖަސްޓިސް މިނިސްޓްރީގެ މުޝްރިފުލް ޢާންމު އަލްމުޝްތަޝާރު މަޢާލީ އައްޝައިޚް ޔޫސުފް ބިން ޢަބްދުލްޢަޒީޒް އަލްފައްރާޖެވެ. މިއަދު މެންދުރުފަހު ރާއްޖެވަޑައިގެންނެވި މި ވަފުދަށް އެއަރޕޯޓުން މަރުހަބާ ވިދާޅުވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު އަބްދުﷲ ދީދީއެވެ. ސަޢޫދީގެ ވަފުދުގެ މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ސުޕްރީމްކޯޓުގެ ފަނޑިޔާރުންނާއި މާދަމާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސުޕްރީމް ކޯޓުން އަލަށް ޤާއިމުކުރެއްވި ޖުޑީޝަލް އެކަޑަމީ ސަޢޫދީގެ ވަފްދުގެ މި ދަތުރުފުޅުގައި ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ޕީ.އެސް.އެމް އަށް މައުލޫމާތުދެއްވަމުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް ލީގަލް އޮފިސަރ މަރިޔަމް ފާތިން ވިދާޅުވީ މި ދަތުރުފުޅުގެ މައިގަނޑު އެއް މަޤުޞަދުގެ ތެރޭގައި ދެޤައުމުގެ ޝަރުޢީ ދާއިރާގެ ގުޅުން ބަދަހިކުރެއްވުންވެސް ހިމެނޭ ކަމަށެވެ. އަދި ޖުޑީޝަލް އެކަޑަމީ ކުރިއެރުއްވުމަށް ސަޢޫދީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.