ރާއްޖޭގެ އެއްވެސް ރަށެއް އިސްތިސްނާކުރުމެއް ނެތި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ސަރުކާރުން ގެންދަނީ ޢުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގަމުންނެވެ. މިފަދަ ގިނަ މަޝްރޫޢުތައް ކުރިއަށްގެންދާ ސަރުކާރުގެ މައި ކުންފުންޏަކީ އެމްޓީސީސީއެވެ. އެމްޓީސީސީން އުމްރާނީ ތަރައްޤީގެ މަސައްކަތް ކުރަމުންދާ ރަށްރަށުގެ ތެރެއިން އެއް ރަށަކީ ހދ.ހަނިމާދޫއެވެ.
ރާއްޖޭގެ އުތުރުން ދެހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ހަނިމާދޫގައި ދިރިއުޅެނީ ހަމައެކަނި އެރަށުގެ ރައްޔިތުންނެއް ނޫނެވެ. ސުނާމީއަށްފަހު އެއަތޮޅުގެ ހަތިފުއްޓާއި ހޮނޑައިދޫގެ ރައްޔިތުންވެސް ވަޒަންވެރިވެ ދިރިއުޅެމުންދަނީ ހަނިމާދޫގައެވެ. ނަތީޖާއެއްގެ ގޮތުން ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ޙާލަތު ރަނގަޅުކޮށް އަސާސީ ޚިދުމަތް ކަށަވަރުކުރުމަކީ އަމާން މުޖުތަމަޢެއް ޤާއިމުކުރުމަށް ކޮންމެހެންވެސް ކުރަންޖެހޭކަމެކެވެ.
މިކަމާއި ގުޅިފައިވާ އެއްކަމަކީ ހަނިމާދޫގެ ބަނދަރުގެ ތޮއްޖެހުމެވެ. އަދި ބަނދަރުގެ ތޮށިގަނޑުވެއްޓުމުގެ ސަބަބުން އެއީ ބޭނުންކުރަން އެންމެ ރައްކާތެރި ބަނދަރެއްވެސް ނޫނެވެ. މިކަން ޙައްލުކުރުމަށް ސަރުކާރުންވަނީ ހަނިމާދޫގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްފައެވެ.
މިމަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ހަނިމާދޫ ބަނދަރުގެ މަސައްކަތް ކުރިއަށްގެންދިޔައީ ދެބަޔަކަށް ބަހާލައިގެންކަމަށެވެ. އޭގެ ސަބަބުން ބަނދަރުގެ ބޭނުން އެއްކޮށް މެދުނުކެނޑޭކަން އާޒިމް ފާހަގަކުރެއްވިއެވެ.
"ބަނދަރުގެ މައިގަނޑު ހުރިހާ މަސައްކަތެއް ނިމިއްޖެ. މިހާރު ކުރިއަށްދަނީ ބްރޭކް ވޯޓަރގެ ބައެއް މަސައްކަތްތަކާއި ކީވޯލްގެ މަސައްކަތާއި ޕޭވްމަންޓްގެ ބައެއް މަސައްކަތް. މިހުރިހާކަމެއް ޖުލައިމަހުގެ ނިޔަލަށް ނިންމާލެވޭނެ." އާޒިމް ވިދާޅުވިއެވެ.
ހަނިމާދޫގައި މީގެކުރިން އޮތް 500 ފޫޓު ދިގު އަދި 250 ފޫޓު ފުޅާ ބަނދަރު އެމްޓީސީސީންވަނީ 1100 ފޫޓު ދިގު އަދި 300 ފޫޓު ފުޅާ ބަނދަރަކަށް ތަރައްޤީކޮށްފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 64.68 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ބަނދަރުގެ އިތުރުން އެމްޓީސީސީން އަންނަނީ ހަނިމާދޫގެ މަގުތައް ހެދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން ޒަމާނީ ފެންވަރަށް ހަނިމާދޫގައި 7.1ކިލޯމީޓަރުގެ މަގު ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ހަނިމާދޫގައި ތަރައްޤީކުރާ މަގުތަކުގެތެރެއިން 6 ކިލޯ މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.
"ތިން ފޭސްއަކަށް މަގު ހެދުމުގެ މަސައްކަތް މިކުރިއަށްގެންދަނީ. އެގޮތުން ފޭސް އެކެއްގެ މަސައްކަތް އެއްކޮށް ނިމިއްޖެ. ފޭސް ދޭއްގެ މަސައްކަތް މިހާރު ނިމެނީ އަދި ތިންވަނަ ފޭސްގެ މަސައްކަތްތައްވެސް ފެށިގެން ކުރިއަށް އެބަދޭ. މިހުރިހާކަމެއް ޖުލައިމަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ." އާޒިމް ވިދާޅުވިއެވެ.
ހަނިމާދޫ މަގު ހެދުމުގެ މަސައްކަތުގެ ތެރޭގައި އެރަށުގައި ފެންހިންދާ ނިޒާމު ޤާއިމުކޮށް ހިނގާ ސަރަޙައްދާއި ދުއްވާ ސަރަޙައްދު ވަކިން ޤާއިމުކުރުމާއި މަގުމަތީގެ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މިއީ ދައުލަތުގެ ބަޖެޓުން 76.09 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.
ހަނިމާދޫގައި ބަނދަރު ހެދުމާއި މަގުހެދުމުގެ މަސައްކަތް އެމްޓީސީސީއާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. އަދި މިދެމަސައްކަތްވެސް މިއަހަރުގެ މެދުތެރޭގައި އެއްކޮށް ނިމޭނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.